Roadha Mihaaru

އޭސީސީއަށް ހައި ކޯޓުން ވެސް ނާކާމިޔާބު، ފުލުހުންގެ ޕްރޮމޯޝަންތައް މަޑުޖައްސާލަން އަމުރެއް ނުދިން

ފުލުހުންނަށް ދީފައިވާ ޕްރޮމޯޝަންތައް މަޑުޖައްސާލުމުގެ އަމުރަކަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެދުނަސް، އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައި ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.

ފުލުހުންގެ ޕްރޮމޯޝަން ހުއްޓުވަން ހައިކޯޓުން އަމުރުނުދިން

ފުލުހުންނަށް ދީފައިވާ ޕްރޮމޯޝަންތައް މަޑުޖައްސާލުމުގެ އަމުރަކަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެދުނަސް، އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައި ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.

ފުލުހުންނަށް ޕްރޮމޯޝަން ދިނުމުގެ މަސައްކަތް 2023 ވަނަ އަހަރު ފެށުމުން އެ މަސައްކަތް މަޑުޖައްސާލަން އޮކްޓޫބަރު، 2023 ގައި އޭސީސީން ފުލުހުންނަށް އެންގިޔަސް، އެ އެންގުމަށް ފުލުހުން އަމަލެއް ނުކުރެ އެވެ. އެހެންވެ، އެ މައްސަލަ އޭސީސީން ސިވިލް ކޯޓަށް ހުށަހެޅުމަށްފަހު، އެ މައްސަލަ ނިމެންދެން ޕްރޮމޯޝަންތައް މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް އެ ކޮމިޝަނުން އެދުނެވެ. އެ މައްސަލާގައި ސިވިލް ކޯޓުން ޑިސެމްބަރު، 2023 ގައި ނިންމާފައި އޮތީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

އެ ނިންމުން އޭސީސީން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ޕްރޮމޯޝަންތައް މަޑުޖައްސާލަން އަމުރެއް ނުނެރެފިނަމަ ލިބޭނެ ގެއްލުންތައް ކަމަށް ބުނެ އޭސީސީން ފާހަގަކުރާ ކަންކަމަކީ އެ މައްސަލާގައި ސިވިލް ކޯޓުން އަސްލު މައްސަލަ ބަލާއިރު ގޮތް ނިންމަންޖެހޭ ކަންތައްތަކެއް ކަމަށެވެ. އަދި މިހާރު ވަގުތީ އަމުރެއް ނުނެރެފިނަމަ އޭސީސީއަށް ލިބޭނެ ގެއްލުމެއް އެ ކޮމިޝަނަށް ބުނެދެވިފައި ނުވާ ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން ފުލުހުންނަށް ޕްރޮމޯޝަންތައް ދީ މިހާރު ނިމިފައިވާއިރު، އެފަދަ އަމުރެއް މިހާރު ނެރުނަސް އިތުރަށް ނުކުންނާނެ ނަތީޖާއެއް އޮތްކަން އޭސީސީއަށް ބުނެދެވިފައެއް ނުވެ އެވެ. އެހެންވެ، ޕްރޮމޯޝަން މަޑުޖައްސާލަން އަމުރު ނެރެދެވެން ނެތް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.

އެހެން ނަމަވެސް އެ މައްސަލާގައި އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އެއީ އަމުރު ނެރެދެވެން ނެތް ކަމަށް ނިންމި ސަބަބު ބަޔާން ކޮށްފައި ނެތުމާއި އަސްލު މައްސަލާގެ ގޮތް ނިންމަންޖެހޭ ކަންކަމަށް ވަގުތީ އަމުރާ މެދު ގޮތް ނިންމިއިރު ގޮތް ކަނޑައަޅާފައި އޮތުމުންނެވެ.

އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު މުހައްމަދު ސަލީމް އަދި ފަނޑިޔާރު މުހައްމަދު ފައިސަލެވެ.

ފުލުހުންގެ ޕްރޮމޯޝަންތައް ދިނުން ހުއްޓާލަން އެންގި މައްސަލާގައި މި ސަރުކާރުން ވެސް ވަނީ އޭސީސީގެ އެންގުމަށް ތަބާވާން ނުޖެހޭނެ ކަމަށް ބުނެ ހައި ކޯޓުގައި ވަކާލާތުކޮށްފަ އެވެ.