Roadha Mihaaru
ފޯސީޒަނުން ޕްރައިވެޓް ރިސޯޓެއް ހަދަނީ

ފޯސީޒަނުން ބ. އަތޮޅުގައި މަތީ ފެންވަރުގެ ޕްރައިވެޓް ރިސޯޓެއް ހަދަނީ

02 ޖޫން 2016

ދުނިޔޭގެ މަޝްހޫރު އެއް ހޮޓެލް ޗެއިން، ފޯސީޒަން ރިސޯޓުން ބ. އަތޮޅުގައި ހިންގާ ފޯސީޒަން ލަނޑާގިރާވަރު ރިސޯޓު ކައިރީގައި އޮންނަ "ވޯވަށް" އެންމެ މަތީ ފެންވަރުގެ ޕްރައިވެޓް ރަށެއް ގޮތުގައި ތަރައްގީކުރަން ފަށައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ދުނިޔޭގެ މަޝްހޫރު އެއް ހޮޓެލް ޗެއިން، ފޯސީޒަން ރިސޯޓުން ބ. އަތޮޅުގައި ހިންގާ ފޯސީޒަން ލަނޑާގިރާވަރު ރިސޯޓު ކައިރީގައި އޮންނަ "ވޯވަށް" އެންމެ މަތީ ފެންވަރުގެ ޕްރައިވެޓް ރަށެއް ގޮތުގައި ތަރައްގީކުރަން ފަށައިފި އެވެ.

ބ. އަތޮޅުގައި އޮންނަ ހިތްގައިމު ކުޑަ ވޯވަށް 22 މީހުންގެ ޖާގައިގެ ޕްރައިވެޓް ރަށެއްގެ ގޮތުގައި ތަރައްގީކޮށް މި އަހަރު ފަހުކޮޅު ހުޅުވަން ނިންމާފައިވާ ކަމަށް، ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައި ފޯސީޒަނާ ހަވާލާދީ ބުނެފައިވެ އެވެ.

މިއީ ފޯސީޒަނުން ރާއްޖޭގައި ހުޅުވާ ފުރަތަމަ ޕްރައިވެޓް ރަށެވެ. އެ ކުންފުނިން ލަނޑާގިރާވަރުގެ އިތުރުން ކ. ކުޑަހުރާގައި ފޯސީޒަން ކުޑަހުރާގެ ނަމުގައި ވެސް ފަސް ތަރީގެ ރިސޯޓެއް ހިންގަ އެވެ.

ފޯސީޒަނުން ބ. ވޯވަށުގައި ތަރައްގީކުރާ ޕްރައިވެޓް އައިލެންޑްގެ ކޮޓަރިއެއް: އެ ރަށުގައި ހަތް ކޮޓަރި ހުރޭ.

ފޯސީޒަނުން ބ. ވޯވަށުގައި ތަރައްގީކުރާ ޕްރައިވެޓް އައިލެންޑްގެ ކޮޓަރިއެއް: އެ ރަށުގައި ހަތް ކޮޓަރި ހުރޭ.

އެ ކުންފުންޏާ ހަވާލާދީ އެ ވެބްސައިޓްގައި ބުނެފައިވަނީ ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވް ސަރަހައްދުގައި އޮންނަ ރަށް ވެގެންދާނީ ވަގަށް ފޮޓޯ ނަގާ މީހުންނަށް މަނާ އަދި ހުޅުވާލެވިފައިވާ ފުރުސަތުތަކެއް ލިބޭ ހިތްގައިމު ތަނަކަށް ކަމަށެވެ.

ފޯސީޒަނުން ބުނީ ގާތްގަނޑަކަށް ފަސް ހެކްޓަރުގެ ރަށް ވެގެންދާނީ ޓޫރިސްޓުންނަށް ވަރަށް ހިތްހަމަޖެހޭ އަމިއްލަ ރަށެއް ކަމަށް އިހުސާސްކުރެވޭ ތަނަކަށް ކަމަށެވެ.

ގެސްޓުންނަށް އެ މީހުންގެ އަމިއްލަ ތަނެއްގައި އުޅެވޭ ކަހަލަ އިހުސާސްކުރެވޭނެ. އެތަނުގައި އާއިލާއާ އެކު ނުވަތަ ރައްޓެހިންނާއެކު ވެސް ޗުއްޓީ ހޭދަކޮށްލެވޭނެ، ފޯސީޒަން

ފޯސީޒަން ރިސޯޓް ލަނޑާގިރާވަރުގެ ޖެނެރަލް މެނޭޖަރު އަދި ރީޖަނަލް ވައިސް ޕްރެޒިޑެންޓް އާމަންޑޯ ކަރެންޒްލިން ވިދާޅުވީ ލަނޑާގިރާވަރުން ފުރައިގެން ވިއްސަކަށް މިނެޓުން ދެވޭ ހިސާބުގައި އޮންނަ ރަށަށް އަންނަން ބޭނުންވާ ގެސްޓުންނަށް ޕްރައިވެޓް ބުކިން ހެދޭނެ ކަމަށެވެ.

"ގެސްޓުންނަށް އެ މީހުންގެ އަމިއްލަ ތަނެއްގައި އުޅެވޭ ކަހަލަ އިހުސާސްކުރެވޭނެ. އެތަނުގައި އާއިލާއާ އެކު ނުވަތަ ރައްޓެހިންނާއެކު ވެސް ޗުއްޓީ ހޭދަކޮށްލެވޭނެ،" އޭނާ ވިދާޅުވި އެވެ.

ހަތް ކޮޓަރީގެ ރަށުގައި ސްޕާއަކާއި ޑައިވް ސެންޓަރެއްގެ އިތުރުން 19 މީޓަރުގެ ޔޮޓެއް ވެސް އޮންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އޭގެ އިތުރުން އެ ރަށުގައި ދެ ބުރީގެ ބީޗް ހައުސްގައި ކާ ތަނަކާއި ނިދާ ކޮޓަރިއަކާއި ސްވިމިން ޕޫލަކާއި ލައިބްރަރީ އަދި ޖިމެއް ވެސް ހުންނާނެ ކަމަށް ފޯސީޒަނުން ބުންޏެވެ.