11 މެއި 2018
މި އަހަރުގެ ހޫނު މޫސުމާ ދިމާކޮށް، ބ. އަތޮޅު ޕްރޮމޯޓް ކުރުމުގެ މަސައްކަތް ފަށަން އެ އަތޮޅުގެ ހަ ރިސޯޓަކުން ޚާއްސަ ހަރަކާތެއް ފަށަން ތައްޔާރުވެއްޖެ އެވެ.
މި އަހަރުގެ ހޫނު މޫސުމާ ދިމާކޮށް، ބ. އަތޮޅު ޕްރޮމޯޓް ކުރުމުގެ މަސައްކަތް ފަށަން އެ އަތޮޅުގެ ހަ ރިސޯޓަކުން ޚާއްސަ ހަރަކާތެއް ފަށަން ތައްޔާރުވެއްޖެ އެވެ.
ޔުނެސްކޯ ބަޔޮސްފިޔާ ރިޒާވް ހިމެނޭ މަޝްހޫރު ބ. އަތޮޅު ޕްރޮމޯޓް ކުރުމަށް އަތު ގުޅާލާފައިވަނީ، ރާއްޖޭގައި ހިންގާ އެންމެ މަތީ ފެންވަރުގެ ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ސޮނެވާފުށި، ފޯ ސީޒަންސް، ދުސިޓް ތަނި، ވައްކަރު، އަމިއްލަފުށި އަދި ފިނޮޅުންނެވެ.
"ބާ އެޓޯލް ފެސްޓިވަލް" އިފްތިތާހު ކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.--- ފޮޓޯ: ހުސެއިން ވަހީދު/މިހާރު
"ބާ އެޓޯލް ފެސްޓިވަލް" ގެ ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތް އިފުތިތާހު ކުރީ ސޮނެވާފުށި ރިސޯޓު ކައިރީގައި އޮންނަ ބޮޑު ފިނޮޅެއްގައި މިދިޔަ ބުދަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ވަނީ މި ހަރަކާތުގައި ބައިވެރިވާ ހުރިހާ ރިސޯޓަކުން ވެސް ޚާއްސަ ކެއުންތައް ތައްޔާރުކޮށް، ހަ ރިސޯޓުގެ ކެއުންތައް އެއް ތަނަކުން ތަޖުރިބާ ކުރުމުގެ ފުރުސަތު ރަސްމިއްޔާތުގެ ބައިވެރިންނަށް ދީފަ އެވެ.
ރިސޯޓުތަކެއް ގުޅިގެން އަތޮޅެއް ޕްރޮމޯޓް ކުރަން ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ފެސްޓިވަލް އިފްތިތާހު ކުރީ ރިސޯތުތަކުގެ ޝެފުން، ޚާއްސަ ދަންމަރެއްގައި އަލިފާން ރޯކުރުމާ އެކު އެވެ. ޝެފުންގެ އިތުރުން ރިސޯޓުތަކުގެ ޖެނަރަލް މެނޭޖަރުންނާއި މެރިން ބަޔޮލަޖިސްޓުން ވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެފަ އެވެ.
"ބާ އެޓޯލް ފެސްޓިވަލް" އިފްތިތާހު ކުރަން ބޭއްވި ރަސްމިއްޔާތުގައި ދަ ސްމޯލް މޯލްޑިވްސް އައިލެންޑްގެ ސީއީއޯ މާކް ވާހަކަ ދައްކަވަނީ.--- ފޮޓޯ: ހުސެއިން ވަހީދު/މިހާރު
"މި ފެސްޓިވަލްގެ އަމާޒަކީ ޑެސްޓިނޭޝަނެއް ގޮތަށް ބ. އަތޮޅު އިޝްތިހާރު ކުރުން. މިހާރު އިޝްތިހާރު ކުރަނީ ރާއްޖެ އެކު އެކީގައި. ދެން މި ހުންނަނީ ވަކި ރިސޯޓުތައް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖެ އަށް އަންނަ ފަތުރުވެރިން އިތުރު ވާނީ ރިސޯތުތަކުން ގުޅިގެން މިފަދަ ކަންކަން ކުރީމާ،" ބ. އަތޮޅު ފެސްޓިވަލް ރޭވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި، އަމިއްލަފުށި އަދި ފޮނޮޅު ހިންގާ ދަ ސްމޯލް މޯލްޑިވްސް އައިލެންޑުގެ ސީއީއޯ މާކް ހޭހާ ވިދާޅުވި އެވެ.
އަމިއްލަފުށީގައި ހުންނަވައިގެން މީޑިއާއާ ވާހަކަ ދައްކަވަމުން މާކް ވިދާޅުވީ، މިފަދަ ހަރަކާތްތަކަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ދެން އޮތް ހަރުފަތަށް ގެންދަން ކޮންމެހެން މުހިންމު ކަންތައްތަކެއް ކަމަށެވެ. އަދި މި ފެސްޓިވަލާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުއާ މަޝްވަރާ ކުރައްވާފައިވާ ކަމަށާއި ސަރުކާރުން ވެސް މިކަމަށް އެއްބާރުލުން ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބާ އެޓޯލް ފެސްޓިވަލް" އިފްތިތާހު ކުރަން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ޝެފުން.--- ފޮޓޯ: ހުސެއިން ވަހީދު/މިހާރު
މިއީ ރާއްޖޭގައި، ރިސޯޓުތައް ގުޅިގެން އަތޮޅެއް ޕްރޮމޯޓް ކުރަން މަސައްކަތް ކުރާ ފުރަތަމަ ފަހަރު ކަމަށާއި، ކުރިއަށް އޮތް އަހަރުތަކުގައި މި ހަރަކާތް އިތުރަށް ފުޅާ ކުރާނެ ކަމަށް ވެސް މާކް ވިދާޅުވި އެވެ.
ބ. އަތޮޅު ފެސްޓިވަލް ކުރިއަށް ގެންދާނީ މި އަހަރުގެ ޖުލައި 20 ވަނަ ދުވަހުން ފެށިގެން އޯގަސްޓް ތިން ވަނަ ދުވަހާ ހަމަ އަށެވެ. މި ފެސްޓިވަލްގައި އޮންނާނީ، ފަތުރުވެރިން ޒިޔާރަތްކުރާ ރިސޯޓުގެ އިތުރުން، ފެސްޓިވަލްގައި ބައިވެރިވާ ކައިރި އެހެން ރިސޯޓުތަކަށް ކާން ދިއުމުގެ ފުރުސަތެވެ.
"ބާ އެޓޯލް ފެސްޓިވަލް" އިފްތިތާހު ކުރަން ބޭއްވި ރަސްމިއްޔާތުގައި ތައްޔާރުކޮށްފައިވާ ބައެއް ޑިޝްތައް.--- ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އެގޮތުން ފެސްޓިވަލްގެ ކޮންމެ ހަފުތާ އަކު ވެސް، އެ ހަފުތާ އަކަށް ކަނޑައަޅާފައިވާ ރިސޯޓަކަށް ޒިޔާރަތްކޮށް، އެ ރިސޯޓެއްގެ ޑިޝްތައް ތަޖުރިބާ ކުރުމުގެ ފުރުސަތު އެހެން ރިސޯޓުތަކުގެ ގެސްޓުންނަށް ހުޅުވާލާނެ އެވެ.
ރާއްޖޭގައި މުޅިން އަލަށް މިފަދަ ކަމެއް ރިސޯޓުތަކުން ފެށިއިރު، އަންނަ އަހަރުގެ ފެސްޓިވަލްގައި ކެއުމުގެ އިތުރުން އެހެނިހެން ހަރަކާތްތައް ވެސް ހިމަނާނެ ކަމަށް ވަނީ ބުނެފަ އެވެ.
ބ.އަތޮޅުގެ 'ސަމާ ފެސްޓިވަލް' މިއަހަރު ވެސް ބާއްވަނީ
ފިނޮޅުގައި ހިތްގައިމު "ބީޗް ބަބުލް" އެއް!
"ޓޫރިޒަމްގައި ދިވެހިން އުފެއްދީ އަމިއްލަ ކޮންސެޕްޓެއް"
ދުސިތު ތާނީގެ މުވައްޒަފުން ނަށަމުން ރިސޯޓް ހުޅުވައިފި
"ޓޫރިޒަމްގެ އިޝްތިހާރަށް ހަރަދުވީ 3،000 ރުފިޔާ"
ޗާލު މަންޒަރުތަކެއް: މީހުން ބުނަނީ "އަދި އަންނާނަން"
ފޯބްސް ޓްރެވަލް ލިސްޓުގެ ކުރީގައި ރާއްޖޭގެ ހަ ރިސޯޓެއް
ހަނީމޫނަށް ރާއްޖެ ވަރުގެ ތަނެއް ނެތް!
ރާއްޖޭގެ ޓޫރިޒަމްގެ ހަގީގީ މަންޒަރު އުފާވެރިއެއް ނޫން!
ރާއްޖެ، މުއްސަނދިންގެ ސުވަރުގެއެއްގެ ގޮތުގައި