Roadha Mihaaru
ހަނީމޫނަށް ރާއްޖެ ވަރުގެ ތަނެއް ނެތް!

ހަނީމޫނަށް ރާއްޖެ ވަރުގެ ތަނެއް ނެތް!

23 ޖޫން 2019

ހަނީމޫން މަންޒިލެއްގެ ގޮތުގައި ކޮންމެ އަހަރަކު ވެސް ރާއްޖެއަށް ގިނަ އެވޯޑްތަކެއް ލިބެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ދުނިޔޭގެ ގިނަ ބައެއްގެ "ބަކެޓް ލިސްޓް" ގައި ރާއްޖެ ހިމަނަ އެވެ. ކައިވެންޏަށް ފަހު އެންމެ ފުރަތަމަ ޒިޔާރަތްކޮށްލަން ބޭނުން ތަނަކަށް ރާއްޖެ ހަދަ އެވެ. ކައިވެނީގެ އުފަލާ އެކު ރާއްޖޭގައި ދުވަސްކޮޅެއް ހޭދަކޮށްލަން މީހުން ބޭނުންވަނީ ކީއްވެގެން ހެއްޔެވެ؟

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހަނީމޫން މަންޒިލެއްގެ ގޮތުގައި ކޮންމެ އަހަރަކު ވެސް ރާއްޖެއަށް ގިނަ އެވޯޑްތަކެއް ލިބެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ދުނިޔޭގެ ގިނަ ބައެއްގެ "ބަކެޓް ލިސްޓް" ގައި ރާއްޖެ ހިމަނަ އެވެ. ކައިވެންޏަށް ފަހު އެންމެ ފުރަތަމަ ޒިޔާރަތްކޮށްލަން ބޭނުން ތަނަކަށް ރާއްޖެ ހަދަ އެވެ. ކައިވެނީގެ އުފަލާ އެކު ރާއްޖޭގައި ދުވަސްކޮޅެއް ހޭދަކޮށްލަން މީހުން ބޭނުންވަނީ ކީއްވެގެން ހެއްޔެވެ؟

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދުގެ ނަޒަރުގައި އޭގެ އެއް ސަބަބަކީ ލަގްޒަރީ މަންޒިލެއްގެ ގޮތުގައި ރާއްޖެ މަޝްހޫރުވެފައި އޮތުމެވެ. އެހެންކަމުން ދުނިޔޭގެ އެކި ހިސާބުތަކުގެ މީހުންގެ އުއްމީދަކީ އުމުރުން އެއް ފަހަރު ނަމަވެސް ހަމަ ލޮލުން ރާއްޖެ ދެކިލުމެވެ.

ހަނީމޫނަށް ހާއްސަ ތަނެއްގެ ގޮތުގައި ރާއްޖެ މަޝްހޫރުވުމަކީ ވެސް ޓޫރިޒަމް ދާއިރާއަށް ރަނގަޅު ފައިދާއެއް ލިބޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ދެ ޓޫރިސްޓަކު ޖެޓް ސްކީ ދުއްވަނީ: ރާއްޖެ އިން އެތައް އުފަލެއް ޓޫރިސްޓުންނަށް ގެނެސްދޭ -- ފޮޓޯ: މިހާރު

ދެ ޓޫރިސްޓަކު ޖެޓް ސްކީ ދުއްވަނީ: ރާއްޖެ އިން އެތައް އުފަލެއް ޓޫރިސްޓުންނަށް ގެނެސްދޭ -- ފޮޓޯ: މިހާރު

ވަން އައިލެންޑް ވަން ރިސޯޓް

ރާއްޖޭގެ ޓޫރިޒަމް 1972 ވަނަ އަހަރު ފެށުނީއްސުރެ ވެސް ޓޫރިސްޓުން ދިރިއުޅޭ ރަށްރަށާއި މީހުން ދިރިއުޅޭ ރަށްރަށް އޮންނަނީ ވަކިންނެވެ. މިއީ ހަނީމޫނަށް އަންނަ ޓޫރިސްޓުން އެންމެ ގަޔާވާ އެއް ކަމެވެ. ހަނީމޫނުގެ އުފާވެރި ވަގުތުތައް ހޭދުކުރުމަށް އެހެން ގައުމުތަކުން ނުލިބޭ، ޕްރައިވެސީ އެމީހުންނަށް ރާއްޖެއިން ލިބެ އެވެ.

އާންމު ގޮތެއްގައި ހަނީމޫނަށް އަންނަ ޓޫރިސްޓުން އުޅޭނީ ވަރަށް ވަކިން، ދެމަފިރިން އެކުގައި ވަގުތުތައް ހޭދަ ކުރުމަށެވެ. ރިސޯޓުތަކުގައި ޗުއްޓީއަށް އަންނަ ޓޫރިސްޓުން ފިޔަވާ އިތުރު ބަޔަކު ނޫޅުމުގެ ސަބަބުން، ހަމަ ހިމޭން ހިތްފަސޭހަ މާހައުލުގައި ބީޗް މަތީގައި ހިނގާލާއި، މޫދުގެ ރާޅުތަކަށް ބަލަން ކިތަންމެ ގިނަ އިރު ތިބެވިދާނެ އެވެ.

އަނެއްކޮޅުން ބީޗް ސައިޑުން އެޖެހޭ ސާފު ވަޔާއި ދުރަށް ގޮސް އޮބާފައި އޮންނަ ރީތި ކަނޑުން މުޅި މާހައުލު އިތުރަށް ފުރިހަމަކޮށްދެ އެވެ. ލަގްޒަރީ ރިސޯޓެއްގެ އަރާމު އެނދެއްގައި ނިދާލުމާ އެކު ރާއްޖޭގެ ރިސޯޓަކުން ޓޫރިސްޓަކަށް އެންމެ ހާއްސަ އެއް ކަމަކީ ލިބޭ އަމިއްލަ ވަގުތުތަކާއި ހަމަހިމޭން ކަމެވެ.

ލަކްސްގެ ފަރާތުން ރާއްޖޭގައި ހުޅުވި ދެވަނަ ރިސޯޓު، ލަކްސް ނޯތު މާލެ ރިސޯޓުގެ ގްލޯ ރެސްޓޯރެންޓް: މިތަންތަނުން ލިބޭ ހިތްހަމަޖެހުން ބޮޑު .---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ލަކްސްގެ ފަރާތުން ރާއްޖޭގައި ހުޅުވި ދެވަނަ ރިސޯޓު، ލަކްސް ނޯތު މާލެ ރިސޯޓުގެ ގްލޯ ރެސްޓޯރެންޓް: މިތަންތަނުން ލިބޭ ހިތްހަމަޖެހުން ބޮޑު .---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ވިލާ ހޮޓެލްސްގެ މެނޭޖަރު ގައިސަރު ނަސީމް ވިދާޅުވީ ރާއްޖޭގެ ރިސޯޓުތައް ރީތިވުމާ އެކު، ހަނިމޫނަށް އަންނަ މީހުންގެ އެހާ ބޮޑު މަގްބޫލުކަމެއް ލިބުނީ ޕްރައިވެސީގެ ސަބަބުންނެވެ.

"ރާއްޖޭގެ ރިސޯޓުތަކުން ވަރަށް ބޮޑަށް ޕްރައިވެސީ ލިބޭނެ. މިނިވަންކަމާ އެކު ބީޗްތަކުގައި އުޅެވޭ. އެތަންތަނަށް އިތުރު ބަޔަކަށް އެކްސެސްއެއް ނުވެވޭނެ. މީ ހަނީމޫނާސް ރާއްޖެ އަންނަ އެންމެ ބޮޑު އެއް ސަބަބު."

ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓްގެ ސަބަބުން އެލިބޭ ބޮޑު ޕްރައިވެސީ، ތައިލެންޑް ނުވަތަ ސްރީ ލަންކާއިން ވެސް ނުލިބޭނެ އެވެ. އާންމުކޮށް ބީޗް ސަރަހައްދަކީ އެގައުމުތަކުގައި ހުރިހާ އެންމަންނަށް ވެސް ހުޅުވާލާފައި އޮންނަ ތަންތަނެވެ.

ގައިސަރު ވިދާޅުވި ގޮތުގައި ޓޫރިސްޓުން ރޫމުން ނުކުމެގެން އުޅޭ އިރު ވެސް އިތުރު ބައެއްގެ އުނދަގެއް ނުވާނެ އެވެ. ޓޫރިސްޓުންނަށް އެ ބޭނުންވާ އަމިއްލަ ސްޕޭސް އާއި ހިމޭންކަން ރިސޯޓްތަކުން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަން، ސޭންޑް، ސީ" ގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރުމުގެ ތެރެއިން ލިބޭ ހިދުމަތްތަކަށް ހަނީމޫނަށް އަންނަ މީހުން ގަޔާވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕްރައިވެސީގެ އިތުރުން ރާއްޖޭގެ ބީޗްތަކުގެ ރީތިކަމާއި މޫދުގެ ސާފުކަމާއި ގުދުރަތީ ކުލަތަކަށް ވެސް ގިނަ ބައެއްގެ ސަމާލުކަން ދަމާގަނެ އެވެ. އެހެންކަމުން ރިސޯޓުތަކަށް އަންނަ ޓޫރިސްޓުންގެ ތެރެއިން ހަނީމޫނަށް އަންނަ ޓޫރިސްޓުން ގިނަ އެވެ.

ބްރޭންޑިން މޮޅީ

މޯލްޑިވްސް ގެޓަވޭޒްގެ ސީއީއޯ، ޑރ ހުސައިން ސަނީ ވިދާޅުވީ ހަނީމޫން ޑެސްޓިނޭޝަނެއްގެ ގޮތުގައި ދުނިޔޭގައި އެހާ މަޝްހޫރީ، ރާއްޖެ ޕްރޮމޯޓް ކުރުމުގައި ވެސް އެފަދަ ގޮތްތަކެއް ގެންގުޅޭތީ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ކުރިން ޓޫރިޒަމް ޕްރޮމޯޝަން ބޯޑު އޮތް އިރުން ފެށިގެން ލަގްޒަރީ މަންޒިލެއްގެ އިތުރުން، ހިތްފަސޭހަކަމާއި ހިމޭން މާހައުލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރަމުން އައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ ރާއްޖެ މާކެޓް ކުރުމުން ލިބުނު ނަމެއް. އެހާ ބޮޑަށް ރާއްޖެ މާކެޓް ވެފައި އޮތުގެ ސިއްރަކީ މިހާރު ކޮންމެ މީހަކަށް ވެސް ރާއްޖެއަކީ [ކައިވެނިކޮށްގެން] އަންނަން ޖެހޭ ތަނެއްގެ ގޮތުގައި މި އޮންނަނީ،" އޭނާ ވިދާޅުވި އެވެ.

އަލަށް ހަދަމުން އަންނަ ހާޑް ރޮކް ރިސޯޓުގެ ވޯޓާ ވިލާތައް: ރާއްޖެ އަކީ ހިތްގައިމު ތަނެއް ---ފޮޓޯ:ހުސައިން ވަހީދު/މިހާރު

އަލަށް ހަދަމުން އަންނަ ހާޑް ރޮކް ރިސޯޓުގެ ވޯޓާ ވިލާތައް: ރާއްޖެ އަކީ ހިތްގައިމު ތަނެއް ---ފޮޓޯ:ހުސައިން ވަހީދު/މިހާރު

ހަނީމޫނަށް އަންނަ މީހުންނަށް ރާއްޖެ މަގްބޫލުވުމުގައި ވަން އައިލެންޑް ވަން ރިސޯޓްގެ ބޮޑު ރޯލެއް އޮތްކަން ސަނީ ވެސް ފާހަގަކުރެއްވި އެވެ.

އެންމެ ރަނގަޅު ހަނީމޫން މަންޒިލްގެ ލަގަބު ރާއްޖެ އަށް، އެކި އެޖެންސީތަކުންނާއި އެކި އެވޯޑްތަކުން ލިބޭ އިރު ސްވިޒްލޭންޑްގެ ޓްރެވެލް އޭޖެންސީއެއް ކަމުގައިވާ ކިއޯނީގެ ޕްރޮޑަކްޓް އެންޑް ޕާޗޭސިން މެނޭޖާ ލިންޑާ ފެޑްލާ ވިދާޅުވީ ރާއްޖެއަކީ ފޮޓޯއަށް ރީތި، ޕާސަނަލައިޑް ހިދުމަތްތަކެއް ފޯރުކޮށްދޭ ގައުމެއް ކަމަށެވެ. އެގޮތުން ޕްރައިވެޓް ޑައިނިން އާއި ބޭނުންވާ ސްޕާ ޕެކޭޖުތަކާއި މޫދުގެ ރީތިކަން ތަޖުރިބާކޮށްލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަނީމޫނުގައި ތަފާތު ކަންކަން ތަޖުރިބާ ކުރަން ބޭނުންވާ މީހުންނަށް އެކަންކަން ވެސް ފަހިވެފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ރާއްޖެއަކީ ހަނީމޫނަށް އެންމެ ރަނގަޅު މަންޒިލް ކަމަށް އޭނާ އަބަދުވެސް މީހުން ކައިރީ ވިދާޅުވެ އެވެ.

ރާއްޖޭގެ ރީތިކަމާ މެދު ސުވާލެއް ނެތެވެ. އަދި ދުނިޔެއިން އެހާ އާންމުކޮށް މި ރީތިކަން ފެންނާކަށް ވެސް ނެތެވެ. އެހެންކަމުން އުމުރުން އެންމެ ފަހަރަކު ނަމަވެސް ރާއްޖެ ޒިޔާރަތްކޮށް، ދޮންވެލިގަނޑުގައި ފައި ބީއްސާލައި، މޫދުގެ އަރާމު ލޮނުގަނޑަށް އެރިލުމަކީ ވަރަށް ގިނަ ބައެއްގެ އުއްމީދެކެވެ. ހާއްސަކޮށް ކައިވެނީގެ ހަނދާންތަކުގެ ތެރެއަށް ރާއްޖެ ދޫކޮށްލުމެވެ.