ރާއްޖޭގެ އެންމެ އަލްޓްރާ ލަގްޒަރީ އެއް ރިސޯޓު، ޖޯލި މޯލްޑިވްސް އަށް ސީޕްލޭން ކައިރިކުރުމާ އެކު ޓޫރިސްޓުންނަށް މަރުހަބާ ކިޔަން ނުކުމެ ތިބީ ބޮޑުބެރުގެ ފޯރިއާ އެކު ހުރިހާ މުވައްޒަފުންނެވެ. ޓޫރިސްޓުން ފޭބުމާ އެކު ހުރިހާ މުވައްޒަފުން އެއް އަޑަކުން "މަރުހަބާ" އޭ ބުނެ ކޮންމެ ޓޫރިސްޓަކު އެ ޓޫރިސްޓަކަށް ހާއްސަ ބަޓްލަރާ ހަވާލުކުރެ އެވެ. އެ ރިސޯޓުގެ ނަމުން ނަމަ "ޖާދޫގަރު" އާ އެވެ.
11 ޖޫން 2025
ރާއްޖޭގެ އެންމެ އަލްޓްރާ ލަގްޒަރީ އެއް ރިސޯޓު، ޖޯލި މޯލްޑިވްސް އަށް ސީޕްލޭން ކައިރިކުރުމާ އެކު ޓޫރިސްޓުންނަށް މަރުހަބާ ކިޔަން ނުކުމެ ތިބީ ބޮޑުބެރުގެ ފޯރިއާ އެކު ހުރިހާ މުވައްޒަފުންނެވެ. ޓޫރިސްޓުން ފޭބުމާ އެކު ހުރިހާ މުވައްޒަފުން އެއް އަޑަކުން "މަރުހަބާ" އޭ ބުނެ ކޮންމެ ޓޫރިސްޓަކު އެ ޓޫރިސްޓަކަށް ހާއްސަ ބަޓްލަރާ ހަވާލުކުރެ އެވެ. އެ ރިސޯޓުގެ ނަމުން ނަމަ "ޖާދޫގަރު" އާ އެވެ.
ރިސޯޓުގެ އެކި މުވައްޒަފުން ކޮންމެ ދުވަހެއްގެ އެކި ވަގުތުތަކުގައި ޖެޓީ ދޮށަށް ޖަމާވެ ޓޫރިސްޓުންނަށް މަރުހަބާ ކިޔާއިރު އެ ހުރިހާ ކަމެއްގެ އެންމެ ކުރީގައި ހުންނަނީ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޝިފާޒް ހަސަނެވެ.
ރަށަށް އެރުމާ އެކު، އެންމެ ފުރަތަމަ އިވޭ މަރުހަބާގެ އަޑަށް ފަހު ވެސް ރަށުގެ ކޮންމެ ތަނަކުން މުވައްޒަފަކާ ދިމާވިޔަސް ހަމަ އެ މަރުހަބާ ގެސްޓުންނަށް ލިބެ އެވެ.
ޖޯލި ރިސޯޓަށް އައި ޓޫރިސްޓުންގެ ބަޔަކަށް މަރުހަބާ ކިޔަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ރާއްޖޭގެ އިގްތިސާދުގެ ބިނާވެފައިވާ ޓޫރިޒަމް ދާއިރާގެ ރިސޯޓުތަކުގައި ހިންގުމުގައި އިސްކޮށް އެންމެ ގިނައިން ހަރަކާތްތެރިވަނީ އަދިވެސް ބިދޭސީންނެވެ. އެކަމަކު އެންމެ ލަގްޒަރީ އެއް ރިސޯޓު، ޖޯލި މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރުގެ އިތުރުން އެ ރިސޯޓުގެ ޓޮޕް މެނޭޖްމެންޓްގެ އެންމެ އިސް މަގާމުތަކުގައި ތިބި މީހުންގެ 75 ޕަސެންޓަކީ ވެސް ދިވެހިންނެވެ. މިއީ އެ ރިސޯޓުގެ ހާއްސަ އެއް ސިފަ އެވެ.
ޓޫރިޒަމް ދާއިރާ ވެސް ބަދަލުތަކާ ދިމާލަށް މިސްރާބު ޖަހާފައި ވާއިރު ޝިފާޒް "މިހާރު" އަށް ދެއްވި އިންޓަވިއުގައި މި ދާއިރާއިން ކުރިއަށްދާންވީ ގޮތުގެ މަގު ދެއްކެވި އެވެ.
ޝިފާޒް ވިދާޅުވި ގޮތުގައި ސްކޫލު ނިންމާލުމަށް ފަހު، ޓޫރިޒަމް ދާއިރާ އަށް ނުކުމެވަޑައިގަތް އިރު އުމުރުން 18 އަހަރެވެ. އޭރު އެކުގައި އުޅުނު ގިނަ ރައްޓެހިން ވެސް ދާއިރާ އަށް ވަންނާތީ އަޖުމަ ބަލައިލަން ބޭނުންވީ އެވެ. މީގެ 25 އަހަރު ކުރިން އެންމެ ފުރަތަމަ އޭނާ މަސައްކަތް ފެއްޓެވީ ޔުނިވާސަލްގެ ބަރޮސް މޯލްޑިވްސްގަ އެވެ. އެކަމަކު އޭގެ ނުވަ މަސް ފަހުން ހޮޓެލް ސްކޫލާ ގުޅިވަޑައިގެން އެ ދާއިރާއިން ކިޔަވަން ފެއްޓެވި އެވެ. އެ ދުވަސްތަކަށް ފަހު ފޯ ސީޒަންސް، ވަން އެންޑް އޮންލީ ރީތި ރަށް، ސޮނޭވާ ފަދަ ރާއްޖޭގެ ނަން މަޝްހޫރު އެތައް ރިސޯޓެއްގައި އޭނާ މަސައްކަތް ކުރެއްވި އެވެ. އެއިން ކޮންމެ ތަނެއްގައި ވެސް އެންމެ އާދައިގެ ވަޒީފާތަކެވެ.
ޖޯލި މޯލްޑިވްސް ޖެނެރަލް މެނޭޖަރު ޝިފާޒު "މިހާރު" އަށް ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ، ކުރިއާ ހިލާފަށް ދާއިރާޢަށް މިހާރު ވަންނަނީ ކިޔަވައިގެން ތިބި ޒުވާނުން ކަމަށް -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ޝިފާޒް ވިދާޅުވި ގޮތުގައި ޓޫރިޒަމް ދާއިރާގެ މެހެމާންދާރީގެ އެންމެ މުހިއްމު ފިލާވަޅުތައް އޭނާއަށް ދަސްވީ ފޯސީޒަންގައި ހޭދަ ކުރެއްވި ދެ އަހަރުންނެވެ. އެންމެ އާދައިގެ ވަޒީފާތަކުގައި އެ ތަނުގައި އުޅުއްވުމުން، ޓޫރިސްޓުންނާ އެކު ގާތުން މަސައްކަތް ކުރައްވައި، ހިދުމަތްތައް އެންމެ ފުރިހަމައަށް ދޭނެ ގޮތްތައް އެނގިވަޑައިގަތެވެ.
ސޮނޭވާގައި ބަޓްލާއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި އެވެ. އެތަނުގައި 10 އަހަރު އޭނާ ހޭދަކުރެއްވި އެވެ. ސޮނޭވާއަކީ ޝިފާޒަށް ސީނިއާ މެނޭޖްމެންޓާ ހަމައަށް ވަޑައިގެންނެވުނު ރިސޯޓެވެ. ހައުސިން ކީޕިން އިން ފެށިގެން ފްރޮންޓް އޮފީހުގެ މަސައްކަތުގެ ތަޖުރިބާތައް އޭނާއަށް ވަނީ ކުރީގެ ތަޖުރިބާތަކުން ލިބިފަ އެވެ.
ޖޯލި މޯލްޑިވްސްގެ ޖީއެމް ޝިފާޒް: އެ ރިސޯޓަކީ ރާއްޖޭގައި ހިންގާ އަލްޓްރާ ލަގްޒަރީ 10 ވަރަކަށް ރިސޯޓުގެ ތެރޭގައި ހިމެނޭ އެއް ރިސޯޓު -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އުމުރުން 41 އަހަރުގެ ޝިފާޒް، ޖޯލީގެ ޖެނެރަލް މެނޭޖަރުކަމާ ހިސާބަށް ވަޑައިގަތުމުގެ ކުރިން މިދިޔަ ދިހަ ވަރަކަށް އަަހަރަކީ ކެރިއަރުގައި އާދަޔާ ހިލާފު ބޮޑެތި ކުރިއެރުންތަކެއް ލިބުނު ދުވަސްތަކެކެވެ.
އެކަން ހާސިލުކުރި ގޮތް އޭނާ ވިދާޅުވެދެއްވި އެވެ. ޖޯލީގެ ޖެނެރަލް މެނޭޖަރުކަމާ ހަމަޔަށް ހަތް އަހަރުން ވަޑައިގަތީ ފްރޮންޓް އޮފީސް މެނޭޖަރުކަމާ ހިސާބުން ފެށިގެންނެވެ.
"ޑިސިޕްލީން އަކީ އެންމެ މުހިއްމު ސިފަ މިފަދަ ދާއިރާއަކަށް. ފަތިހު 5 ގައި ހޭލަން. އެ އަށް ފަހު، ކަސްރަތަށް ފަހު ހެނދުނުގެ ނާސްތާ ނެގުމަށް ފަހު، އެންމެ ލަސްވެގެން 7:30 ގައި އޮފީހަށް ވަދެ، މަސައްކަތް ފަށަން. ކޮންމެ ކަމެއްގައި ވެސް އެވެއިލަބަލްކޮށް ހުންނަން،" އައްޑު އަށް އުފަން ޝިފާޒު ވިދާޅުވި އެވެ.
ޝިޕާޒު "މިހާރު" އަށް އިންޓަވިއު ދެއްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އޭނާ ވިދާޅުވީ ކުރިއާ ހިލާފަށް މިހާރު ދިވެހިންނަށް ރިސޯޓުތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވުމަށް ފުރުސަތުތައް ލިބޭ ވަރު އިތުރު ކަމަށެވެ. ވަރަށް ގިނަ ލަގްޒަރީ ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންނާއި ރިސޯޓު މެނޭޖަރުންނަށް ދިވެހިން މިހާރު އުޅޭކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު މި ދާއިރާގެ ހުރިހާ ރައްޓެހިންނަށް ވެސް ބުނާ ވާހަކަ އަކީ، އިންޓަނޭޝަނަލް ބްރޭންޑްތަކުގެ ރިސޯޓުތައް ހިންގަން ވެސް ދިވެހިންނަށް އެ ހޯޕް އެބައިނޭ. އެންމެ މަތީ ހަރުފަތުގައި މަސައްކަތް ކުރުމުގެ ޗާންސް އެބަ އޮތް. މިއީ ރާއްޖޭގެ ނިއު ޓްރެންޑަކީ،" އޭނާ ވިދާޅުވި އެވެ.
ޖޯލި މޯލްޑިވްސް ރިސޯޓުގެ ވިލާއެއްގެ ފޫލް އޭރިއާ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
މީގެ 25 އަހަރު ކުރިއާ، މިހާރާ އޮތް އެންމެ ބޮޑު ތަފާތަކީ ދާއިރާ އަށް ވަންނަ ތައުލީމީ ޒުވާނުން އިތުރުވުމެވެ. އެކަމަކު ޑިގްރީ ނިންމާފައި ދާއިރާ އަށް ވަނަ ޒުވާނުން އިތުރުވި ނަމަވެސް، އެ ދާއިރާގައި ކުރިއަށް ދިއުމަށް އަމަލީ ތަޖުރިބާ މުހިންމުކަން ޝިފާޒް ފާހަގަކުރެއްވި އެވެ.
ޝިފާޒުގެ ނަސޭހަތަކީ ވެސް އެއީ އެވެ. ދާއިރާގައި ކުރިއަށް ދިއުމަށް އެންމެ އާދައިގެ ވަޒީފާތަކުން ފެށުމެވެ. އޭރަށް ހިދުމަތްތައް ދިނުމުގައި އަމަލު ކުރަންވީ ގޮތްތައް ސާފުކޮށް އެނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޓްރެއިނިން ނިންމާފައި ކުދިންގެ އެކްސްޕެކްޓޭޝަން މި އިންނަނީ އެންމެ މަތީ ފަންތީގެ ޖޮބްތަކަށް ދާން. އަޅުގަނޑުގެ އެޑްވައިޒްއަކީ އެންޓްރީ ލެވެލް އިން ފައްޓާށޭ،" އޭނާ ވިދާޅުވި އެވެ.
ރިސޯޓުގެ ވޯޓާ ވިލާތައް. އެ ރިސޯޓުގައި 70 ވިލާ ހުރޭ. ހުރިހާ ވިލާތަކެއްގައި ވެސް ޕޫލް ހުރޭ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ޖޯލީގެ ޖީއެމްގެ ގޮތުގައި ހުންނަވައި، ޝިފާޒް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ މެހެމާނުންނަށް ރާއްޖޭގެ އެންމެ ފުރިހަމަ މެހެމާންދާރީ ތަޖުރިބާކުރުމުގެ ފުރުސަތު ދިނުމަށެވެ. އެއީ އެ ރިސޯޓުގައި އެންމެ އިސްކަން ދޭ ކަންތައް ކަމަށް އޭނާ ވިދާޅުވި އެވެ. ވިދާޅުވީ، ޖެނެރަލް މެނޭޖަރުގެ މަގާމުގައި ލިބިވަޑައިގަންނަވާ އެންމެ ބޮޑު އުފަލަކީ، ރާއްޖޭގެ މެހެމާންދާރީ ޓޫރިސްޓުންނަށް ދެވޭކަން ޔަގީން ކޮށްދިނުން ކަމަށެވެ. އަދި ދިވެއްސަކު ރިސޯޓު ހިންގުމުގައި ހުރުމުން ޓޫރިސްޓުންނަށް ވެސް އެކަން ގަބޫލުކުރަން ފަސޭހަވާ ކަމަށް ވިދާޅުވި އެވެ.
މި ރިސޯޓުގެ ވަޒީފާތަކުގައި އަންހެނުން ގިނަކަމަކީ ވެސް ހާއްސަ ސިފައެކެވެ. ޖޯލީގައި މަސައްކަތްކުރާ 480 މުވައްޒަފުންގެ ތެރެއިން 30 ޕަސެންޓަކީ އަންހެނުންނެވެ. އެއީ ގާތްގަނޑަކަށް 144 މީހުންނެވެ.
ޖޯލި މޯލްޑިވްސް ރިސޯޓެއްގެ ކޮޓަރި. އެ ރިސޯޓުގެ ވިލާތަކުގެ އަގު އެވްރެޖުކޮށް އުޅެނީ 3000 އާއި 4،000 ޑޮލަރާ ދެމެދުގެ އަގުތަކެއްގައި --- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ދުނިޔޭގެ އެކި ހިސާބުތަކުން އަންނަ ޓޫރިސްޓުންނަށް ހިދުމަތް ދޭތީ، އެ ރިސޯޓުގެ މަސައްކަތު މާހައުލަކީ ވީހާ ވެސް ޑައިވާސްކޮށް، ހުރިހާ ގައުމެއްގެ މީހުންނަށް ލޯ ހުޅުވިފައިވާ މުވައްޒަފުންތަކަކަށް ހެދުމަށް ހާއްސަ އިސްކަމެއް ދޭ ކަމަށް އޭނާ ވިދާޅުވި އެވެެ. އެހެންވެ، ގެމްބިއާ، ސައުތު އެފްރިކާ އަދި ޕިލިފީންސް އާއި އެހެން ގައުމުތަކުގެ މީހުން ވެސް މުވައްޒަފުންގެ ތެރޭގައި އުޅެ އެވެ.
ދިވެއްސެއްގެ ބެލުމުގެ ދަށުން ދުނިޔޭގެ ފެންވަރުގެ ލަގްޒަރީ ހިދުމަތް ދޭ މި ރިސޯޓު ހިމެނެނީ ރާއްޖޭގެ އެ ފެންވަރުގެ ލަގްޒަރީ ހިދުމަތް ދޭ ދިހަ ވަރަކަށް ރިސޯޓްގެ ތެރޭގަ އެވެ. އެހެންވެ، އެންމެ ލަގްޒަރީ ޓޫރިޒަމްގެ ހިދުމަތްތައް ދިނުން ޔަގީން ކުރުމަށް، އެ ރިސޯޓުގެ ރިސެޕްޝަނުން ފެށިގެން ރެސްޓޯރެންޓްތަކާ ހަމައަށް އޮންނަނީ ގުޅިލާމެހިފަ އެވެ. ކޮންމެ މުވައްޒަފަކަށް ވެސް ގެސްޓުންގެ އެންމެ ފަހުގެ މައުލޫމާތު ވަގުތުން ބަލައިލެވެ އެވެ.
ޝިފާޒު އޭނާއާ އެކު މަސައްކަތް ކުރާ ބައެއް މުވައްޒަފުންނާ އެކު -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ރ. އަތޮޅުގެ އެންމެ އުތުރަށް އޮންނަ، 73 ލަގްޒަރީ ވިލާ ހިމެނޭ މި ރިސޯޓްގައި ބީޗް އަދި ވޯޓަ ވިލާތަކުގައި ޕޫލާއި އެންމެ ޒަމާނީ ލަގްޒަރީ ހިދުމަތްތައް ހުރެ އެވެ.
އެ ރިސޯޓަށް މިދިޔަ ހަތަރު އަހަރު ވަނީ ޕޯބްސް އިން ހޮވާ ހޮސްޕިޓަލިޓީ ދާއިރާގެ އެންމެ ޝަރަފުވެރި އެއް ލިސްޓުން، ރާއްޖޭގައި ހިދުމަތުގެ ގޮތުން އެންމެ ފާހަގަކޮށްލެވޭ ރިސޯޓުގެ މަގާމު ލިބިފަ އެވެ. އެއީ ޖެނެރަލް މެނޭޖަރު ޝިފާޒު އެންމެ ޝަރަފުވެރިކަމާ އެކު ފާހަގަކުރެއްވި އެއް ކަންތަކެވެ.
ޝިފާޒް ވިދާޅުވިގޮތުގައި، އެ ރިސޯޓުގެ 30 ޕަސެންޓް ގެސްޓުންނަކީ ރިޕީޓުކޮށް އަންނަ މީހުންނެވެ. އެއީ އެ ރިސޯޓަށް ލިބޭ އެންމެ ބޮޑު އުފާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖޯލި މޯލްޑިވްސް. އެ ރިސޯޓުގެ ޖެޓީ ސަރަހައްދު. އެ ރިސޯޓަށް އަންނަ ޓޫރިސްޓުންގެ 30 ޕަސެންޓަކީ ރިޕީޓު ޓޫރިސްޓުން -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
"މިވީ 8 އަހަރު ތެރޭ 20 ފަހަރު އެ ރިސޯޓަށް އައި ޓޫރިސްޓުން ވެސް އެބަ އުޅޭ. މިއީ ޓޫރިޒަމް ދާއިރާގެ އަޅުގަނޑުގެ ކެރިއާގައި ނުފެންނަ މަންޒަރެއް،" އޭނާ ވިދާޅުވި އެވެ.
ޝިފާޒް ވިދާޅުވީ ފުޑް އެންޑް ބެވްރޭޖާއި ހައުސްކީޕިން އާއި އެޗްއާރުގެ އިތުރުން މާކެޓިންގެ އިސް މަގާމުތަކެއްގައި ވެސް ތިބީ ދިވެހިން ތިބި މި ރިސޯޓުގައި އޭނާގެ ކާމިޔާބީ ގުޅެނީ އެ އެންމެންނާ ކަމަށެވެ.
"އަޅުގަނޑުގެ ކާމިޔާބީ ގުޅެނީ ޓީމާ. ޓީމުން ކުރާ ބުރަ މަސައްކަތުގެ ސަބަބުން މިހާ ހިސާބަށް އާދެވޭނީ،" ޝިފާޒު ވިދާޅުވި އެވެ.
ރިސޯޓު ދާއިރާގައި އެންމެ އުހުގައި މަސައްކަތް ކުރާ އިރު އޭނާގެ އުންމީދަކީ އަދިވެސް ހިދުމަތުގެ ފެންވަރު މަތިކުރުމެވެ. އަދި ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަކަށް ހައްލުތަކެއް ލިބި، ތިމާވެއްޓާ ރައްޓެހި ޓޫރިޒަމެއް ރާއްޖޭގައި ފުޅާވުމެވެ.
މިލިއަން ޓޫރިސްޓުން ހަމަވާން ބާކީ ލައްކައެއް
ޖޯލި ރިސޯޓުން 77 މިލިއަނަށް ވިލާ ވިއްކަނީ
"ޓޫރިޒަމްގައި ދިވެހިން އުފެއްދީ އަމިއްލަ ކޮންސެޕްޓެއް"
"ޓޫރިޒަމްގެ އިޝްތިހާރަށް ހަރަދުވީ 3،000 ރުފިޔާ"
ޗާލު މަންޒަރުތަކެއް: މީހުން ބުނަނީ "އަދި އަންނާނަން"
ހަނީމޫނަށް ރާއްޖެ ވަރުގެ ތަނެއް ނެތް!
ރާއްޖޭގެ ޓޫރިޒަމްގެ ހަގީގީ މަންޒަރު އުފާވެރިއެއް ނޫން!
ހަ ރިސޯޓެއް ގުޅިގެން ބ. އަތޮޅު ޕްރޮމޯޓް ކުރަނީ
ރާއްޖެ، މުއްސަނދިންގެ ސުވަރުގެއެއްގެ ގޮތުގައި
ޓޫރިޒަމް ސިނާއަތަށް މި ދައްކައިދެނީ ނަމޫނާ މަސައްކަތެއް