Roadha Mihaaru
ފޯ ސީޒަންސް އިން 44 ދިވެހިން ތަމްރީނު ކުރަނީ

ފޯ ސީޒަންސް އިން 44 ދިވެހިން ތަމްރީނު ކުރަނީ

06 ޖޫން 2021

ޓޫރިޒަމް ދާއިރާ އިން ދިވެހިން ތަމްރީން ކުރުމަށް ފޯ ސީޒަންސް އިން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް އަހަރަކަށް ފަހު އަނެއްކާ ވެސް ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ޓޫރިޒަމް ދާއިރާ އިން ދިވެހިން ތަމްރީން ކުރުމަށް ފޯ ސީޒަންސް އިން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް އަހަރަކަށް ފަހު އަނެއްކާ ވެސް ފަށައިފި އެވެ.

މި ޕްރޮގްރާމުގެ ދަށުން މި އަހަރު 44 ދަރިވަރަކު ތަމްރީނު ކުރާއިރު، 12 ދަރިވަރުން ތަމްރީނު ހޯދާނީ ފޯ ސީޒަންސް ކުޑަ ހުރާގަ އެވެ. އަދި 32 ދަރިވަރުންނަށް އެ ކުންފުނީގެ ލަނޑާ ގިރާވަރުން ތަމްރީނު ދޭނެ އެވެ.

ފޯ ސީޒަންސް އިން އަންނަނީ 2001 އިން ފެށިގެން ކޮންމެ އަހަރަކު މި ޕްރޮގްރާމް ހިންގަމުންނެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ރިސޯޓުތައް ބަންދު ކުރަން ޖެހުމުން މިދިޔަ އަހަރު މި ޕްރޮގްރާމް ނުބާއްވަ އެވެ.

ފޯ ސީޒަންސް ގެ މިއަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ބައިވެރިންތަކެއް--

ފޯ ސީޒަންސް ގެ މިއަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ބައިވެރިންތަކެއް--

މި އަހަރުގެ ޕްރޮގްރާމަށް ފޯ ސީޒަންސް އިން ވަނީ އިތުރު ދެ ދާއިރާއެއް ވެސް ތައާރަފު ކޮށްފަ އެވެ. އެއީ "މެރިޓައިމް ޓްރާންސްޕޯޓް އެންޑް ބޯޓް މެކޭނިކް" އާއި "ފްރޮންޓް އޮފީސް އެންޑް ރެކްރިއޭޝަނަލް އެސިސްޓެންޓް" ދާއިރާ އެވެ. މި ދާއިރާތަކުގެ އިތުރުން، އިތުރު ހަ ދާއިރާއަކުން ބައިވެރިންނަށް ތަމްރީނު ދޭނެ އެވެ.

ފޯ ސީޒަންސްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި 17 އަހަރާއި 20 އަހަރާ ދެމެދުގެ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ އެވެ. މިހާތަނަށް އެ ރިސޯޓުން ވަނީ 651 ދިވެހިން ހޮސްޕިޓާލިޓީ ދާއިރާ އިން ތަމްރީނު ކޮށްފަ އެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާ މީހުންގެ ތެރެއިން އެންމެ ރަނގަޅު މީހުންނަށް އެ ކުންފުނީގެ ރިސޯޓުތަކުން ވަޒީފާގެ ފުރުސަތު ވެސް ހުޅުވައިލަ އެވެ.