Roadha Mihaaru
ފޯ ސީޒަނުން އިތުރު 59 ކުދިން ތަމްރީނުކޮށްފި

ފޯ ސީޒަނުން އިތުރު 59 ކުދިން ތަމްރީނުކޮށްފި

24 ޖޫން 2023

ރާއްޖޭގައި ހިންގާ ފޯ ސީޒަންގެ ރިސޯޓުތަކުގެ ހޮސްޕިޓާލިޓީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް 59 ކުއްޖަކު ފުރިހަމަކޮށް އިތުރު 71 ކުއްޖަކު އެ ޕްރޮގްރާމްގައި ބައިވެރިވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި ހިންގާ ފޯ ސީޒަންގެ ރިސޯޓުތަކުގެ ހޮސްޕިޓާލިޓީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް 59 ކުއްޖަކު ފުރިހަމަކޮށް އިތުރު 71 ކުއްޖަކު އެ ޕްރޮގްރާމްގައި ބައިވެރިވެއްޖެ އެވެ.

މިއަދު ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި ވަނީ މިދިޔަ އަހަރު އެ ޕްރޮގްރާމުގައި ބައިވެރިވި، ކުދިންނަށް އެކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ. އެއް އަހަރުގެ މި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން ހައުސްކީޕިން އާއި ގެސްޓް ސާވިސަސް، މެރިން ޓްރާންސްޕޯޓް، ވޯޓަ ސްޕޯޓްސް، ޕަޑި ޑައިވް މާސްޓާ، ރީޓެއިލް، ފޮޓޯގްރަފީ، ފައިނޭންސް، ފްރޮންޓް އޮފީސް އެންޑް ރެކްރިއޭޝަންގެ އިތުރުން އިންޖިނިއަރިން ދާއިރާއިން ކުދިން ތަމްރީނާއި ތަޖުރިބާ ހޯދާނެ އެވެ.

ފޯ ސީޒަން އިން 2001 ވަނަ އަހަރު ފެށި މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 800 އަށް ވުރެ ކުދިންނަށް ތަޖުރިބާ އާއި ތަމްރީނު ވަނީ ހޯދައިދީފަ އެވެ. މިދިޔަ އަހަރު ބޭއްވި މި ޕްރޮގްރާމުގައި ރާއްޖޭގެ އިތުރުން ޕެސިފިކް އޯޝަންގެ ޖަޒީރާ ގައުމެއް ކަމަށްވާ ޕަލާއުގެ ތިން ކުއްޖަކު ވެސް ބައިވެރިވެފައިވެ އެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމުން ގްރެޖުއޭޓްވީ ދަރިވަރަކަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް މިއަދު ސެޓްފިކެޓް ހަވާލު ކޮށްދެއްވަނީ.---ފޮޓޯ:ނިޝާން އަލީ / މިހާރު

އެޕްރެންޓިސްޝިޕް ޕްރޮގްރާމުން ގްރެޖުއޭޓްވީ ދަރިވަރަކަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް މިއަދު ސެޓްފިކެޓް ހަވާލު ކޮށްދެއްވަނީ.---ފޮޓޯ:ނިޝާން އަލީ / މިހާރު

އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވީ، ފޯ ސީޒަންގެ ޕްރޮގްރާމުގެ ތެރެއިން މި ދާއިރާއަށް އާ ކުދިން ތަމްރީނުވެ، މިހާރަށް ވުރެ އިތުރަށް ފެނުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށެވެ.

އޭނާ ވިދާޅުވީ، ޓޫރިޒަމް ދާއިރާގެ 70 ޕަސެންޓް މުސާރަ ލިބެނީ އެ ދާއިރާގެ އެންމެ މަތީ ފަންތީގައި މަސައްކަތް ކުރާ ފަރާތްތަކަށް ކަމަށެވެ. އެހެންވެ، ސަރުކާރުގެ އަމާޒަކީ އެފަދަ މުސާރަ ބޮޑު ވަޒީފާތަކަށް ދިވެހިން އިތުރު ކުރުން ކަމަށް މިނިސްޓަރު މައުސޫމު ވިދާޅުވި އެވެ.

"ރަނގަޅު ޕްރޮގްރާމެއް ނިންމާލާފައި އިންޑަސްޓްރީގެ ރަނގަޅު ވަޒީފާތަކަކަށް މި ނުކުންނަނީ. ޓޫރިޒަމްގެ ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމަށް މަސައްކަތް ކުރާ އިރު ރާއްޖޭގެ އާބާދީގެ މީހުން މަދު ކަމާ ހެދި ސަރުކާރުން މިހާރު އަމާޒަކީ ބޮޑެތި މުސާރަ ލިބޭ އިސް މަގާމުތަކަށް މީހުން ގެންދިއުން،" އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމާއި ފޯ ސީޒަންސް ރީޖަނަލް ވައިސް ޕްރެޒިޑެންޓް އަރުމަންޑޯ މިއަދުގެ ރަސްމިއްޔާތުގައި-- ފޮޓޯ: ނިޝާން އަލީ / މިހާރު

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމާއި ފޯ ސީޒަންސް ރީޖަނަލް ވައިސް ޕްރެޒިޑެންޓް އަރުމަންޑޯ މިއަދުގެ ރަސްމިއްޔާތުގައި-- ފޮޓޯ: ނިޝާން އަލީ / މިހާރު

ފޯ ސީޒަންސް ރީޖަނަލް ވައިސް ޕްރެޒިޑެންޓް އަރުމަންޑޯ ކްރޭންޒްލިން ވިދާޅުވީ، ފޯ ސީޒަންސްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން ހޮސްޕިޓާލިޓީ ދާއިރާގައި މިހާރު މަސައްކަތްކުރާ ކާމިޔާބު އެތައް ބައެއް އުފެއްދުނު އިރު ޓޫރިޒަމްގެ އިތުރު ދާއިރާތަކަށް ވެސް ކުދިން ތަމްރީނުކުރަން ވަރަށް ހާއްސަ އިސްކަމެއް ދޭ ކަަމަށެވެ. އެހެންވެ، އެ ޕްރޮގްރާމުގެ ދަށުން ފޮޓޯގްރަފީ ދާއިރާއިން ވެސް ކުދިން ތަމްރީނުކުރަން ވަނީ ފަށައިފަ އެވެ.

އޭނާ ވިދާޅުވީ، އާ ދާއިރާތަކުން ކުދިން ތަމްރީނު ކުރުމަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. މިދިޔަ އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ބައިވެރިން ފާހަގަކުރެވެނީ، ކެއްކުމުގެ ދާއިރާއިން ފަންނުވެރި، މޮޅެތި ކުދިންތަކެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމުން ގްރެޖުއޭޓްވީ ދަރިވަރަކަށް ޓޫރިޒަމް މިނިސްޓަރު މައުސޫމު މިއަދު ސެޓްފިކެޓް ހަވާލު ކޮށްދެއްވަނީ.---ފޮޓޯ:ނިޝާން އަލީ / މިހާރު

އެޕްރެންޓިސްޝިޕް ޕްރޮގްރާމުން ގްރެޖުއޭޓްވީ ދަރިވަރަކަށް ޓޫރިޒަމް މިނިސްޓަރު މައުސޫމު މިއަދު ސެޓްފިކެޓް ހަވާލު ކޮށްދެއްވަނީ.---ފޮޓޯ:ނިޝާން އަލީ / މިހާރު

އަރުމަންޑޯ ވިދާޅުވީ، މި ޕްރޮގްރާމުގައި ރާއްޖޭގެ އުތުރާއި ދެކުނުގެ ރަށްތައް ހިމެނޭ ގޮތަށް ކުދިން ހޮވުމަށް ހާއްސަ އިސްކަމެއްދިން ކަމަށެވެ.

މިއަހަރު އަލަށް އެ ޕްރޮގްރާމާއި ގުޅުނު ކުދިން ނަގާފައިވަނީ 15 އަތޮޅުގެ 29 ރަށުންނެވެ. މިދިޔަ އަހަރު ބޭއްވި ޕްރޮގްރާމުގައި ރާއްޖޭގެ 30 ރަށަކުން ކުދިން ބައިވެރިވެފައިވެ އެވެ.

ފޯ ސީޒަަނުން ހިންގާ ޕްރޮގްރާމް 2010 ވަނަ އަހަރު ވަނީ ސަރުކާރުން ބަލައިގަންނަ ލެވެލަށް ގެންގޮސް، އެކްރެޑިޓް ކޮށްފަ އެވެ. އެ ޕްރޮގްރާމުގައި އުމުރުން 17-20 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން އޯ ލެވެލް ނިންމައި ދިވެހި އަދި އިނގިރޭސި ބަހުން ވާހަކަ ދައްކަން އެނގޭ ކުދިންނަށް ބައިވެރިވެވޭނެ އެވެ.