Roadha Mihaaru
ދަގަނޑޭ އާއި އަކޫ އަށް އޮތް ލޯބި ދައްކާލައިފި

ދަގަނޑޭ އާއި އަކޫ އަށް އޮތް ލޯބި ދައްކާލައިފި

13 ފެބުރުއަރީ 2021

ގައުމީ ފުޓްބޯޅަ ޓީމުގެ އެންމެ ފަހުގެ ދެ ކެޕްޓަނުން ކަމަށްވާ އަލީ އަޝްފާގު (ދަގަނޑޭ) އާއި އަކުރަމް އަބްދުލްގަނީ (އަކޫ) އަކީ ސީރިއާ އަށް ހަނގުރާމަ އަށް ދާން ތައްޔާރަށް ތިބި ބައެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި މީހަކު ދެއްކި ވާހަކަތަކާ ގުޅިގެން، އެ ދެ ކުޅުންތެރިންގެ ދިފާއުގައި ސަޕޯޓަރުންނާއި އެފްއޭއެމް ތެދުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ގައުމީ ފުޓްބޯޅަ ޓީމުގެ އެންމެ ފަހުގެ ދެ ކެޕްޓަނުން ކަމަށްވާ އަލީ އަޝްފާގު (ދަގަނޑޭ) އާއި އަކުރަމް އަބްދުލްގަނީ (އަކޫ) އަކީ ސީރިއާ އަށް ހަނގުރާމަ އަށް ދާން ތައްޔާރަށް ތިބި ބައެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި މީހަކު ދެއްކި ވާހަކަތަކާ ގުޅިގެން، އެ ދެ ކުޅުންތެރިންގެ ދިފާއުގައި ސަޕޯޓަރުންނާއި އެފްއޭއެމް ތެދުވެއްޖެ އެވެ.

ސޯޝަލް މިޑިޔާގައި ވަރަށް ހަރަކާތްތެރި ސޫޒަން އިބްރާހިމް އިއްޔެ ކުރި ޓްވީޓްގައި ބުނެފައިވަނީ "ރައްޓެއްސެއް އޭނާ ގާތުގައި ބުނީ ސީރިއާ އަށް ޖިހާދަށް ދާން ތައްޔާރުވެފައި ތިބި ބައެއް ފުޓްބޯޅަ ކުޅޭތަން ބަލަން މިހާރު ދާނެތޯ. ޓީމު ބަލިވެއްޖިއްޔާ ދަނޑު ވެސް ގޮއްވާލަފާނެޔޯ، ކާކުހޯ ސިޑިބަރީގައި އިންނަން ދާނީ" މިހެންނެވެ. އަދި އެ ގޮތަށް ލިޔުމަށް ފަހު ދަގަނޑޭ އާއި އަކްރަމްގެ ފޮޓޯތަކެއް ހިމެނޭ ސޯޝަލް މީޑިއާގައި ފުޓްބޯޅަ ޕްރޮމޯޓްކުރާ "ސިޑިބަރީ"ގެ ޕޯސްޓެއް ވެސް ޓްވީޓްގައި ހިމެނި އެވެ.

ސޫޒަން އިބްރާހިމް ކޮށްފައިވާ ޓްވީޓް.

ސޫޒަން އިބްރާހިމް ކޮށްފައިވާ ޓްވީޓް.

ދިވެހިންގެ އިހުތިރާމް އެތައް ގޮތަކުން ހޯދާފައިވާ ދަގަނޑޭ އާއި އަކްރަމްގެ ދިފާއުގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަމުން އަންނައިރު، އެ ކަމުގައި ނަން މަޝްހޫރު އެކި ފަރާތްތައް ވެސް ބައިވެރިވެ އެވެ. އެ ގޮތުން ކުޅިވަރުގެ އިސް މުއައްސަސާތަކުގެ ވެރިން ވެސް ހިމެނެ އެވެ.

މިނިސްޓަރު ކުރެއްވި ޓްވީޓް.

ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ އަކްރަމް އާއި ދަގަނޑޭ އަކީ ގައުމީ ބަތޮލުން ކަމަށާއި ތުނބުޅި ދިގުކޮށްގެންނާއި ބުރުގާ އަޅާ އެންމެންނަކީ ހައްދުފަހަނައަޅާފައިވާ ބައެއް ކަމަށް ދެކޭ ވިސްނުން ބަދަލުކުރަން ޖެހޭ ކަމަށެވެ.

"މުޖުތަމައުގައި އުޅޭނީ ތަފާތު ވިސްނުމުގެ މީހުން. ހިޔާލު ތަފާތު ވިޔަސް އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމް ކޮށްގެން އުޅެން ދަސްކުރަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން އަދި ވޮލީބޯލް އެސޯސިއޭޝަނުގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން މުހައްމަދު ވިދާޅުވީ ކެޕްޓަން އަޝްފާގާއި ކެޕްޓަން އަކުރަމޭ ބުނުމުން އެ މީހުންގެ ފަހަތުން ކަނޑަށް ވެސް އެރޭނެ ބަޔަކު މި ގައުމުގައި ތިބޭނެކަން ދަންނަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި އަކުރަމްގެ ބޭބެ އައްސަދު އަބްދުލް ގަނީ އާއި ފުޓްބޯޅަ ކުޅުންތެރިންގެ އިތުރުން އެހެން ކުޅިވަރުތަކުގެ ތަރިން ވެސް ވަނީ އަޝްފާގާއި އަކުރަމް އަށް އިހުތިރާމް ކުޑަކޮށް ސޫޒަން ޓްވީޓްކުރި މައްސަލަ ކުށްވެރިކޮށްފަ އެވެ.

މިއީ ކަމާ ބެހޭ އިދާރާތަކުން ތަހުގީގުކުރަން ޖެހޭ ކަމެއް: އެފްއޭއެމް

އަކުރަމް އާއި ދަގަނޑޭއާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އެ ދެއްކި ވާހަކަތަކާ ގުޅިގެން އެ ދެ ކުޅުންތެރިންގެ ދިފާއުގައި އެފްއޭއެމުން ވަނީ ބަޔާނެއް ނެރެފަ އެވެ. އެފްއޭއެމުން ބުނީ ދިވެހި ކުޅުންތެރިންނަކީ ރާއްޖޭގެ ގާނޫނުތަކަށް ބޯލަނބައި މާތްވެގެންވާ އިސްލާމްދީނުގެ ހަމަތައް ހިފެހެއްޓުމުގައި ވެސް ނަމޫނާ ދައްކާ ބައެއް ކަމަށެވެ.

"ނަމަވެސް ދިވެހިރާއްޖޭގެ ފުޓްބޯޅަ ކުޅުންތެރިންނަކީ ސީރިއާ އަށް ޖިހާދުވާން ދިއުމަށް ތައްޔާރުވެފައިވާ ބައެއް ކަމަށާއި ޓީމު ބަލިވެއްޖެ ނަމަ ދަނޑު ވެސް ގޮއްވާލާނެ ކަމަށް ބުނެ އިއްޔެ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ހަގީގަތެއް ނެތް ވާހަކަ މި އެސޯސިއޭޝަނުން ވަރަށް ހަރުކަށިކޮށް ކުށްވެރިކުރަމެވެ،" އެފްއޭއެމްގެ ބަޔާނުގައިވެ އެވެ.

އެފްއޭއެމުން ބުނީ ސޯޝަލް މީޑިއާގައި ދެކެވޭ މި ކަހަލަ ހަގީގަތާ ހިލާފު ވާހަކަތަކުގެ ސަބަބުން ފުޓްބޯޅަ އާއިލާ އާއި ކުޅުންތެރިންނަށާއި އެ ކުޅުންތެރިންގެ އާއިލާ އަށް ވެސް އަގުނުކުރެވޭ ފަދަ ގެއްލުންތައް ކުރިމަތިވަމުން ދާ ކަމަށެވެ. އަދި މި ކަަހަލަ ވާހަކަތަކުގެ ސަބަބުން ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ކުރިއަރަން މަސައްކަތްކުރަން ރާއްޖޭން ކުރަމުން އަންނަ މަސައްކަތަށް ވެސް ގޮންޖެހުންތަކެއް ކުރިމަތިވުމުގެ އިތުރުން މި ގައުމުގައި ފިތުނަ ފަސާދަވާނެ ވާހަކަތަކެއް ކަމަށް ވެސް އެފްއޭއެމުން ބުންޏެވެ.

"ސޯޝަލް މީޑިއާގައި ދައްކާފައިވަނީ މިހާތަނަށް ފުޓްބޯޅައާ ގުޅުވައިގެން ދެކެވިފައިވާ ވާހަކަތަކެއް ނޫނެވެ. މިހެންވެ މިއީ އާދައިގެ ކަމެއް ކަމަށް ނުބައްލަވައި ކަމާ ގުޅޭ އިދާރާތަކުން މިކަމުގެ ފުރިހަމަ ތަހުގީގެއް ކޮށްދެއްވުމަށް މި އެސޯސިއޭޝަނުން ގޮވާލަމެވެ." އެފްއޭއެމްގެ ބަޔާނުގައިވެ އެވެ.