Roadha Mihaaru
ކުޅުންތެރިން މާޔޫސްވެ އެއް ވަނަ ޑިިވިޝަނާ ދުރަށް

ގޮތްހުސްވެ މާޔޫސްވެ ކުޅުންތެރިން އެއް ވަނަ ޑިިވިޝަނާ ދުރަށް

14 ފެބުރުއަރީ 2023

"ފުޓްބޯޅަ މިހާ ޑެސްޕަރޭޓް ހާލަތަކަށް ހިނގައި ދާނެ ކަމަށް ހީއެއް ނުކުރަން،" ގައުމީ ކެޕްޓަން އަކުރަމް އަބްދުލް ގަނީ އާއި މުހައްމަދު އުމޭރު، އެއްވަނަ ޑިވިޝަން ދޫކޮށް، ދެވަނަ ޑިވިޝަނުގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބަށް ކުޅެން ސޮއި ކުރުމުން، ކުރިން ގައުމީ ޓީމަށް ކުޅެ ކާމިޔާބު ހޯދި ކުޅުންތެރިޔަކު ބުންޏެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

"ފުޓްބޯޅަ މިހާ ޑެސްޕަރޭޓް ހާލަތަކަށް ހިނގައި ދާނެ ކަމަށް ހީއެއް ނުކުރަން،" ގައުމީ ކެޕްޓަން އަކުރަމް އަބްދުލް ގަނީ އާއި މުހައްމަދު އުމޭރު، އެއްވަނަ ޑިވިޝަން ދޫކޮށް، ދެވަނަ ޑިވިޝަނުގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބަށް ކުޅެން ސޮއި ކުރުމުން، ކުރިން ގައުމީ ޓީމަށް ކުޅެ ކާމިޔާބު ހޯދި ކުޅުންތެރިޔަކު ބުންޏެވެ.

އޭނާ ބުނީ ފުރަތަމަ ޑިވިޝަންގެ ކްލަބްތަކުގައި އޮތް ހާލަތާ މެދު ކުޅުންތެރިން މާޔޫސް ވީ އެވެ. އެންމެ ކްލަބެއް ފިޔަވައި ބާކީ އޮތް ހަތް ކްލަބަށް ގަވާއިދުން މުސާރަ ދެވޭނެ ފަދައެއް ވެސް ނެތެވެ. އެފްއޭއެމުން ގައުމީ ޓީމުގެ ކުޅުންތެރިންނަށާއި ކްލަބްތަކަށް ދޭން ޖެހޭ ފައިސާ ނުދެވި މާލީ ގޮތުން އަޑިގަނޑަކަށް ފުޓްބޯޅަ ވެއްޓުނީ އެވެ.

އޭނާ ބުނީ ރަނގަޅު ބަޖެޓަކާ އެކު ތިން ވަނަ ޑިވިޝަނަށް ކްލަބެއް ނުކުތަސް ފުރަތަމަ ޑިވިޝަނުގައި ކުޅޭ ކުޅުންތެރިން ތިބީ އެ ޑިވިޝަނުގައި ވެސް ކުޅޭ ގޮތަށެވެ.

އަނިޔާގައި ހުރި ނަމަވެސް، އަކުރަމް ގެންދަން ބޭނުންވާ ކްލަބްތައް ފުރަތަމަ ޑިވިޝަނުގައި އެބަ އޮތެވެ. އުމޭރު ހުރީ ފިޓްކޮށެވެ. އެނގިފައިވާ ގޮތުގައި އޭނާ ގެންދަން ބައެއް ފުރަތަމަ ޑިވިޝަނުގެ ބައެއް ކްލަބްތަކުން ހުށަހެޅި އެވެ. އެކަމަކު ރޭ އުމޭރު ބުނީ ފުރަތަމަ ޑިވިޝަން ދޫކޮށްލަން ޖެހޭ ހާލަތަކަށް މިހާރު ގޮސްފައިވާ ކަމަށެވެ.

"ފަސްޓް ޑިވިޝަން މަޑުމަޑުން ދޫކޮށްލަން ޖެހޭ ހިސާބަށް އައިސްފައި މި ވަގުތު އޮތީ،" އުމޭރު ބުންޏެވެ.

އުމޭރު ވިކްޓަރީ އަށް ސޮއި ކުރުމަށް ފަހު އެ ކްލަބްގެ ޗެއާމަން ހުސައިން އާދަމް އާއެކު ފޮޓޯއަކަށް ހުއްޓިލައިގެން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އުމޭރު ވިކްޓަރީ އަށް ސޮއި ކުރުމަށް ފަހު އެ ކްލަބްގެ ޗެއާމަން ހުސައިން އާދަމް އާއެކު ފޮޓޯއަކަށް ހުއްޓިލައިގެން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވިކްޓަރީން ދެ ވަނަ ޑިވިޝަނަށް ނުކުންނަނީ 2 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ބަޖަޓަކާ އެކު އެވެ. ފުރަތަމަ ޑިވިޝަނުގައި މިދިޔަ އަހަރު ވެސް ކުޅުނު ބައެއް ކުޅުންތެރިން ލައްވައި ކުރިއަށް އޮތް ހަފުތާތަކުގައި ސޮއި ކުރުވާނެ އެވެ. އޭގެ ތެރެއިން ބައެއް ކުޅުންތެރިން ގެންދަނީ ހަ މަސް ދުވަހުގެ އެއްބަސްވުމެގެ ދަށުން އެޑްވާންސަށް ބޮޑު އަދަދެއް ދިނުމަށް ފަހު އެވެ.

ވިކްޓަރީގެ ކޯޗަކަށް ރޭ ހަމަޖެއްސި ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) ކުރިން ބުނީ ފުޓްބޯޅައިގައި މިހާރު ހާލަތު ތަފާތު ކަމަށެވެ. ނިއު ރޭޑިއަންޓާއި ވިކްޓަރީ އަށް ވެސް ކުޅުނު ކުރީގެ ޑިފެންޑަރު އޭރު ބުނީ އޭނާ ކުޅުނު ދުވަސްވަރު ވެސް މުސާރައިގެ މައްސަލަ ދިމާވާ ކަމަށެވެ. އެކަމަކު ސަޕޯޓަރުން ފަހަތުގައި ތިބޭތީ އެ އުނިކަން އެހާ ބޮޑަށް އޭރު ފާހަގަ ނުވާ ކަމަށް އޭނާ ބުންޏެވެ.

"އޭރު ވެސް މުސާރައިގެ މައްސަލަ ދިމާވޭ. އެކަމަކު ކްލަބްތަކުގެ ފަހަތުގައި ސަޕޯޓަރުން ތިބޭތީ މެޗުތަކުގައި ވަރުގަދަ މޯޓިވޭޝަނަކަށް އެކަންވޭ. ސަޕޯޓަރުން ތިބީމަ މެޗުތަކުގައި ވަރުގަދަ ކިކެއް [ފޯރިއެއް] ވެސް އާދޭ އެހެންވެ އޭރު އެ މައްސަލަ އެހާ ބޮޑަށް ފާހަގަ ނުވަނީ،" ސޮބާ ކުރިން ދިން އިންޓަވިއުއެއްގައި ބުނެފައި ވެއެވެ.

ފުރަތަމަ ޑިވިޝަން ދޫކޮށް ގިނަ ކުޅުންތެރިންތަކެއް ފުޓްސަލް މުބާރާތްތަކަށް ދީލާލީ ވެސް ފުޓްބޯޅައިން ލިބޭ އާންމުދަނީ އަށް ވުރެ ބޮޑު އެއްޗެއް ފުޓްސަލް މުބާރާތްތަކުން ލިބޭތީ އެވެ. ފުޓްސަލް ކުޅޭ ބައެއް ކުޅުންތެރިންނަށް އެންމެ މުބާރާތަކުން ވެސް 50،000 ރުފިޔާ ހޯދާ ކަމަށް މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

ސީނިއާ ކޯޗަކު ބުނީ ގައުމީ ޓީމުން ފުރުސަތު ލިބުމުން ވެސް ބައެއް ކުޅުންތެރިން އެ ފުރުސަތު ދޫކޮށްލަނީ އެހެންވެ ކަމަށެވެ.

"ގައުމީ ޓީމަށް ވަގުތު ހުސްކުރަން ކްލަބް ފުޓްބޯޅަ މެދުކަނޑާލީމަ ދާނީ ކޮންމެ ވެސް ރަށެއްގައި ބާއްވާ ފުޓްސަލް މުބާރާތެއްގައި ކުޅެން. ކްލަބްތަކުން ދެވޭ ވަރަށް ވުރެ ވެސް މާ ރަނގަޅު އެއްޗެއް ފުޓްސަލް މުބާރާތްތަކުން ލިބޭ،" އޭނާ ބުންޏެވެ.

މިދިޔަ ސީޒަންގައި ބައެއް ކްލަބްތަކުގައި ތިބި ކުޅުންތެރިން ވަނީ ކްލަބް ފުޓްބޯޅަ ދޫކޮށް ފުޓްސަލް މުބާރާތްތަކުގައި ކުޅެފަ އެވެ. މައްސަލަ އަކީ މާލީ މައްސަލަތަކާ ހުރެ ކުޅުންތެރިން މުޅި ސީޒަން ނިމެންދެން ގެންގުޅުމުގެ ގާބިލުކަން ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކުގެ ކިބައި ނެތުމެވެ.