Roadha Mihaaru
އަކޫއަށް ތައުރީފް، ދަގަނޑޭއަށް އަލުން ކެޕްޓަން ބޭންޑް

އަކޫ އަށް ތައުރީފް، ދަގަނޑޭ އަށް އަލުން ކެޕްޓަން ބޭންޑް؟!

02 ސެޕްޓެމްބަރ 2021

"އަކުރަމްގެ ފަރާތުން މިދިޔަ ދެތިން ހަތަރު އަހަރު ތެރޭ ދިވެހި ރާއްޖޭގެ ގައުމީ ޓީމުގައި އެ ދެއްކީ ނަމޫނާ،" ގައުމީ ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި އަކުރަމް އަބްދުލް ގަނީ ދެއްކި ނަމޫނާ އަށް ތައުރީފް ކުރަމުން ގައުމީ ކޯޗު އަލީ ސުޒޭން ބުންޏެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

"އަކުރަމްގެ ފަރާތުން މިދިޔަ ދެތިން ހަތަރު އަހަރު ތެރޭ ދިވެހި ރާއްޖޭގެ ގައުމީ ޓީމުގައި އެ ދެއްކީ ނަމޫނާ،" ގައުމީ ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި އަކުރަމް އަބްދުލް ގަނީ ދެއްކި ނަމޫނާ އަށް ތައުރީފް ކުރަމުން ގައުމީ ކޯޗު އަލީ ސުޒޭން ބުންޏެވެ.

ކުރީގެ ކޯޗު މާޓިން ކޫޕްމަން ވެސް ބުނެފައި ވަނީ އަކްރަމްގެ ފަރާތުން ޓީމުގައި ފެންނަ ދައުރާ މެދު ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމަށެވެ. މިދިޔަ އަހަރު ގައުމީ ޓީމުގެ ޕްރެކްޓިސް ފަށައި ހުއްޓާލަން ޖެހުނީ ކޮވިޑް-19 ގެ ނުރައްކާ ބޮޑުވުމުންނެވެ. އެ ހާލަތުގައި ވެސް ގޭގައި ތިބެ ޓްރޭނިންތައް ކުރިއަށް ގެންދެވޭނެ ގޮތެއް ހަމަޖައްސައިދޭން އަކުރަމް އިސްވެ އެދުމުން ކޫޕްމަން އެކަމާ ވަރަށް ގަޔާވި އެވެ.

"ދެ ވަނަ ފަހަރަށް އަހަރެމެން ޕްރެކްޓިސްތައް މެދުކަނޑާލަން ޖެހުނީމަ، އަހަރެމެންގެ ކެޕްޓަން އަކުރަމް އަހަންނަށް މެސެޖްކޮށްފައި ބުނި ކޯޗޭ ތިމަންނަމެން ބޭނުމޭ ގޭގައި ވެސް ޕްރެކްޓިސް ކުރަން، ތިމަންނަމެންނަށް ހޯމްވޯކެއް ދޭށޭ،" މިދިޔަ އަހަރު އޯގަސްޓް މަހު ކޫޕްމަން ބުނެފައިވެ އެވެ. "އޭގެއިން އަންގައިދެނީ އެ ކުޅުންތެރިން އިތުރަށް ވަރުގަދަވާން ކުރަން ޖެހޭ މަސައްކަތް ކުރުމަށް އަމިއްލަ އަށް ވެސް ބޭނުންވާކަން، އެއީ އެ ކުޅުންތެރިންނާ މެދު އަހަރެން ވަރަށް ގަޔާވާ ކަމެއް."

އަކްރަމް 2018 ގެ ސާފް ޗެމްޕިއަންޝިޕް އުފުލާލި ކެޕްޓަން --- ފައިލް ފޮޓޯ: އެފްއޭއެމް

އަކްރަމް 2018 ގެ ސާފް ޗެމްޕިއަންޝިޕް އުފުލާލި ކެޕްޓަން --- ފައިލް ފޮޓޯ: އެފްއޭއެމް

ކުރިއަށް އޮތް އޮކްޓޯބަރު މަހު ރާއްޖޭގައި މި އޮތީ ރާއްޖެ އަށް ހާއްސަ މުބާރާތެކެވެ. ދެކުނު އޭޝިއާގެ ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕް ރާއްޖެ އަށް ހާއްސަވާ ތިން ސަބަބެއް ފާހަގަވެ އެވެ. ރާއްޖެ އަށް ލިބުނު މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތާއި، އެންމެ ފަހު ޗެމްޕިއަންގެ ހައިސިއްޔަތުން ތަށި ދިފާއު ކުރުމަށް ނުކުންނަ ފުރުސަތެވެ. ރާއްޖެ އަށް މިހާތަނަށް ޖެހިޖެހިގެން ދެ ފަހަރު އެ މުބާރާތް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. ފުރަތަމަ ފަހަރަށް 2008 ގައި ޗެމްޕިއަންކަން ހޯދުމަށް ފަހު 2009 ގެ ފައިނަލުގައި ރާއްޖެ ބަލިވީ ޕެނަލްޓީ ޖަހައިގެން އިންޑިއާ އަތުންނެވެ. ޓީމުގައި މިހާރު ތިބި ސީނިއާ ކުޅުންތެރިން ކުޅޭނެ އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕަށް މި ފަހަރުގެ މުބާރާތް ވުމަކީ އެކަށީގެންވާ ކަމެކެވެ. އެ ކުޅުންތެރިންގެ ތެރޭގައި އެންމެ ހާއްސަ ނަމަކަށް އޮތީ އަލީ އަޝްފާގު (ދަގަނޑޭ)ގެ ނަމެވެ.

އިންޑިއާގައި 2015 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕަކީ އޭނާ ކުޅޭނެ އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕް ކަމަށް އެ އަހަރު އިއުލާން ކުރިއަސް، 2018 ގައި ސާފް ޗެމްޕިއަންޝިޕް ކުޅޭނެ ކަމަށް އަޝްފާގް އިއުލާން ކުރި އެވެ. ނަމަވެސް އޭރުގެ ކޯޗު ޕީޓާ ޝެގަޓް އަޝްފާގަށް ފުރުސަތެއް ނުދިނެވެ.

ގައުމީ ޓީމުގެ ފޯވަޑްގެ ގޮތުގައި ރާއްޖޭގެ ފުޓްބޯޅަ އަށް އަޝްފާގު ގިނަ ކާމިޔާބުތަކެއް ހޯދައިދިނެވެ. ނަމަވެސް ގައުމީ ކެޕްޓަނެއްގެ ގޮތުގައި ތައްޓެއް އޭނާ އުފުލާލުމުގެ ފުރުސަތެއް ނުލިބެ އެވެ. ރާއްޖޭގައި މުބާރާތް ބާއްވާތީ، މުބާރާތުގައި ރާއްޖެ އަށް އޮތް ފުރުސަތު ބޮޑެވެ. ރާއްޖޭގައި ބާއްވާ މުބާރާތުގައި ގައުމީ ޓީމު ލީޑް ކުރަން އަޝްފާގަށް ފުރުސަތު ދީފާނެ ކަމުގެ އިޝާރާތެއް ސުޒޭން ދިނެވެ.

"ފާއިތުވެދިޔަ 17 ވަރަކަށް އަހަރުތެރޭ ރާއްޖޭގެ ފުޓްބޯޅައިގައި ވަރަށް ރަނގަޅަށް ކުޅުނު ކުޅުންތެރިންގެ ގޮތުގައި ކުޅުންތެރިންތަކެއް މި ޓީމުގެ ލީޑަރުންގެ ގޮތުގައި އެބަތިބި،" ކެޕްޓަން ބޭންޑް އަލުން އަޝްފާގު އާ ހަވާލުކުރުމާ ބެހޭގޮތުން ސުޒޭންއާ ސުވާލު ކުރުމުން އޭނާ ބުންޏެވެ. "ތި ފާހަގަ ކުރިހެން އިތުރު ބައިވަރު ކުޅުންތެރިން އެބަތިބި ލީޑާޝިޕް ހުރި. އެހެންވީމަ މި ސްކޮޑުގެ ތެރެއިން ނެގޭ ޓީމުގެ ތެރެއިން އެންމެ ރަނގަޅު ކެޕްޓަނެއް ވިސްނާފައި އަޅުގަނޑުމެން އޮފިޝަލުން އެފްއޭއެމް އަށް އެ މަޝްވަރާ އަރުވާނަން."

ގްއާމްއާ ދެކޮޅަށް ލަނޑު ޖެހުމަށް ފަހު އަޝްފާގް އުފާފާޅު ކުރަނީ. -- ފައިލް ފޮޓޯ

ގްއާމްއާ ދެކޮޅަށް ލަނޑު ޖެހުމަށް ފަހު އަޝްފާގް އުފާފާޅު ކުރަނީ. -- ފައިލް ފޮޓޯ

އަޝްފާގްގެ ސީނިއާރިޓީ އާއި ތަޖުރިބާ ރާއްޖޭގެ ޓީމަށް އެންމެ މުހިންމު ވަގުތަކީ މި އެވެ. އެ ތަޖުރިބާ އާއި އެ ފުރުސަތު ބޭނުން ކުރަން ރާއްޖެ އިން ތައްޔާރަށް ތިބެން ޖެހެ އެވެ. ގައުމީ ޓީމުގެ ކުރީގެ ކޯޗު ޑަރެން ސްޓްވާޓް ބުނެފައި ވަނީ އޭނާ އަށް އަޝްފާގު ފެންނަނީ ލިޑަރެއްގެ ގޮތުގައި ކަމަށެވެ. ގިނަ ދުވަހު އަނިޔާގައި ހުރުމަށް ފަހު އަޝްފާގު ގައުމީ ޓީމަށް އެނބުރި އައުމުން ސްޓްވާޓް އެކަން ސިފަކުރީ ޓީމަށް ލިބުނު ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގަ އެވެ.

"ދަގޭ ޕްރެކްޓިހަށް ނުކުންނަށް އޮތް ދުވަހު އަހަރެން ކުޅުންތެރިން ކައިރީ ބުނިން އެ ނުކުންނަނީ މި ޓީމުގެ ލީޑަރޭ،" 2018ގެ އޮކްޓޯބަރުގައި ކުއްލި ގޮތަކަށް މަރުވި ސްޓްވާޓް 2017 ގައި ބުނެފައިވެ އެވެ. "އޭނާ (އަޝްފާގް) ފެނުނީމަ ވެސް އަހަންނަށް ސިފަ ވަނީ ވެސް ލީޑަރެއްގެ ގޮތުގައި. އެކަހަލަ ކެރެކްޓާތަކެއް އޭނާގެ ކިބައިގައި ހުރޭ."

ގައުމީ ޓީމުން އަޝްފާގު، ބޭރު ކުރީ މާޗު 2018 ގައި ޓީމުގެ ޕްރެކްޓިސް އަށް ހާޒިރު ނުވުމުންނެވެ. ފަހުން އެކަމާ މާފަށް އެދުމުން އޭނާ ޓީމަށް ނެގި އެވެ. އެނބުރި އައިސް ސީރިއާ ކޮޅަށް ލަނޑު ޖެހި އެވެ. ގުއާމްއާ ދެކޮޅަށް ހެޓްރިކް ހެދި އެވެ. ނަމަވެސް ކެޕްޓަން ބޭންޑް އޭނާ އަތަށް އިޔާދައެއް ނުވި އެވެ. ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕުގައި އެކަން ބަދަލުވުމަކީ ގިނަ ދިވެހިން އެދޭނެ ގޮތެވެ.