Roadha Mihaaru
އެޗްޑީސީގެ 295 މިލިއަނުގެ ލޯނަކަށް ސަރުކާރު ގެރެންޓީ

އެޗްޑީސީގެ 295 މިލިއަން ރުފިޔާގެ ލޯނަކަށް ސަރުކާރުން ގެރެންޓީ ދީފި

08 ފެބުރުއަރީ 2021

ހުޅުމާލެ މަގު ހަދަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިންޑިޔާގެ އެގްޒިމް ބޭންކުން ނެގި 19.25 މިލިއަން ޑޮލަރު (295 މިލިއަން ރުފިޔާ) ގެ ލޯނަށް ސަރުކާރުން ގެރެންޓީދީފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހުޅުމާލެ މަގު ހަދަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިންޑިޔާގެ އެގްޒިމް ބޭންކުން ނެގި 19.25 މިލިއަން ޑޮލަރު (295 މިލިއަން ރުފިޔާ) ގެ ލޯނަށް ސަރުކާރުން ގެރެންޓީދީފި އެވެ.

މާލިއްޔަތު ކޮމިޓީއަށް މި ލޯނުގެ ތަފްސީލުތައް މިއަދު ފިނޭންސް މިނިސްޓްރީން ވަނީ ފޮނުވައިފަ އެވެ. މި ލޯނުގެ ދަށުން ހުޅުމާލޭ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވަހީގެ މަގު ހެދުމުގެ މަސައްކަތްތައް ކުރާނެ އެވެ. މި ލޯނަށް ސަރުކާރުން ގެރެންޓީ ދީފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ.

މީގެ އިތުރުން މިދިޔަ އަހަރު ސަރުކާރުން އެސްޓީއޯއިން ނެގި ލޯނަކަށް ވެސް ގެރެންޓީދީފައިވެ އެވެ. އެއީ އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަނުން ނެގި 15 މިލިއަން ޑޮލަރު (230 މިލިއަން ރުފިޔާ)ގެ ލޯނެކެވެ. މިދިޔަ އަހަރުގެ މެއި މަހު އެސްޓީއޯއިން އެ ލޯނު ނެގީ ކާޑުގެ ބާވަތްތަކާއި މެޑިކަލް ސަޕްލައި އާއި އެހެނިހެން އިކުއިޕްމެންޓް ގަތުމަށެވެ. އެސްޓީއޯއިން 2019 ވަނަ އަހަރު ތެޔޮ ގަތުމަށް ނެގި 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ލޯނަށް ވެސް ސަރުކާރުން ގެރެންޓީދީފައިވެ އެވެ. މީގެ އިތުރުން ރިޒާވް ބޭންކުން ނެގި 400 މިލިއަން ޑޮލަރު ( 6.1 ބިލިއަން ރުފިޔާ) ގެ ކަރެންސީ ސްވަޕް ފެސިލިޓީއަށް ވެސް ސަރުކާރުން ގެރެންޓީދީފައިވެ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ކުރީ ސަރުކާރުން ގިނަ ލޯނުތަކަކަށް ގެރެންޓީ ދިނުމުން އެކަން މާލީ ބުރައަކަށް ވެފައިވެ އެވެ. ނަމަވެސް ސަރުކާރުން މިހާތަނަށް ގެރެންޓީ ދިން ލޯނުގެ އަދަދު 6.6 ބިލިއަން ރުފިޔާއަށް ވަނީ އަރައިފަ އެވެ.

ކުރީ ސަރުކާރުން ގެރެންޓީ ދީގެން ނެގި ލޯނުގެ އަދަދު އުޅެނީ 7.4 ބިލިއަން ރުފިޔާއަށް ވުރެ މަތީގަ އެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނަ ގެރެންޓީ ދިނީ އެޗްޑީސީން ނަގާފައިވާ ލޯނުތަކަށެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ދަރަނި މިވަގުތު ހުރީ ޖީޑީޕީގެ ނިސްބަތުން 120 ޕަސެންޓަށް ވުރެ މަތީގަ އެވެ. އެއީ 17.7 ބިލިއަން ރުފިޔާ އެވެ.