Roadha Mihaaru
މިދިޔަ އަހަރު 8 ބިލިއަން ރުފިޔާގެ ލޯނު ނެގި

މިދިޔަ އަހަރު 8 ބިލިއަން ރުފިޔާގެ ލޯނު ނެގި

18 ފެބުރުއަރީ 2020

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސަރުކާރުން ފަސް ލޯނު ނެގި ކަމަށާއި ލޯނުތަކުގެ ޖުމްލަ 530.1 މިލިއަން ޑޮލަރު (8.2 ބިލިއަން ރުފިޔާ) އަށް އަރާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސަރުކާރުން ފަސް ލޯނު ނެގި ކަމަށާއި ލޯނުތަކުގެ ޖުމްލަ 530.1 މިލިއަން ޑޮލަރު (8.2 ބިލިއަން ރުފިޔާ) އަށް އަރާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި އެންމެ ބޮޑު އަދަދެއްގެ ލޯނު ނަގާފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުންނެވެ. އެ ބޭންކުން 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ވަނީ ނަގައިފަ އެވެ. އިތުރަށް ލޯނު ނެގީ އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން 5 މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އާއި އެމެރިކާގެ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް އެސޯސިއޭޝަން (އައިޑީއޭ) އިން 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ގެ ދެ ލޯނާއި ހަމަ އެބޭންކުން 5.1 މިލިއަން ޑޮލަރު (78.6 މިލިއަން ރުފިޔާ) އެވެ.

މި ލޯނުތައް ނަގާފައި ވާއިރު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައުލަތުގެ ދަރަނި ވަނީ، 51 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ.

މި މުއްދަތުގައި ބޭރުގެ ދަރަނި 21 ބިލިއަން ރުފިޔާގައި ހުރި އިރު އެތެރޭގެ ދަރަނި ވަނީ 29.9 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، 2013 ވަނަ އަހަރު ދަރަނީގެ ގޮތުގައި ހުރި 26 ބިލިއަން ރުފިޔާ، ވެރިކަން ނިމުނު އިރު ހުރީ 48 ބިލިއަނުގަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ކެމްޕެއިން ކުރެއްވި އިރު، އެކި ޕޯޑިއަމްތަކުގައި ވާހަކަފުޅު ދައްކަވަމުން ދައުލަތުގެ ދަރަނި ކުޑަކޮށް، ދައުލަތުން ނަގަމުން އާއި ލޯނުތައް މަދުކުރައްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ. ނަމަވެސް މިވީ އެއް އަހަރުގެ ތެރޭގައި ދައުލަތުގެ ދަރަންޏަށް ތިން ބިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ.