Roadha Mihaaru
"އެހީ ބޭނުންވާއިރު ޖަޕާނަކީ އެންމެގާތް އެއް ގައުމު"

ޖަޕާނަކީ އެހީތެރިކަން ބޭނުންވާއިރު އެންމެ ގާތުގައި އޮންނަ އެއް ގައުމު: ފިނޭންސް މިނިސްޓަރު

30 ސެޕްޓެމްބަރ 2020

މުސީބާތުގެ ވަގުތުގައި އެހީތެރިކަން ބޭނުންވާއިރު ޖަޕާނަކީ ރާއްޖެއާ އެންމެ ގާތުގައި އޮންނަ ގައުމު ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

މުސީބާތުގެ ވަގުތުގައި އެހީތެރިކަން ބޭނުންވާއިރު ޖަޕާނަކީ ރާއްޖެއާ އެންމެ ގާތުގައި އޮންނަ ގައުމު ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ރާއްޖެ އަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމުގައި އެހީވުމަށް ޖަޕާނުން ރާއްޖެއަށް ދޭ ފަސް ބިލިއަން ޔެން (732 މިލިއަން ރުފިޔާ، 47.5 މިލިއަން ޑޮލަރު) ގެ ލޯން އެއްބަސްވުމުގައި ސޮއިކުރުމަށް ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގަ އެވެ. މި ލޯނު ދިނުމުގެ އެކްސްޖޭންޖް އޮފް ނޯޓްސްގައި މިދިޔަ ހޯމަ ދުވަހު ވަނީ ދެ ސަރުކާރުން ސޮއިކޮށްފަ އެވެ.

އެންމެ 0.01 ޕަސެންޓުގެ އިންޓަރެސްޓް ރޭޓްގައި، 15 އަހަރުން ހަލާސްކުރަންޖެހޭ މި ލޯނުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އަދި ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ ލޯނު ދޭ ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ)ގެ ފަރާތުން ރާއްޖެ އޮފީހުގެ ރެޕްރެޒެންޓޭޓިވް ކަވަސާކީ މިޓުޔޯސީ އެވެ.

މި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ޖަޕާނަކީ މުސީބާތުގެ ވަގުތުގައި ރާއްޖެއާ އެންމެ ގާތުގައި އޮންނަ އެއް ގައުމު ކަމަށެވެ. މިނިސްޓަރު ވިދާޅުވީ 1967 ވަނަ އަހަރު ރާއްޖެ އާއި ޖަޕާނާ ދެމެދު ސިޔާސި ގުޅުން ގާއިމުކުރުމަށް ފަހު ޖަޕާނުން އައީ ރާއްޖެ އަށް އެކި ގޮތް ގޮތުން ބޮޑެތި އެހީތައް ދެމުން ކަމަށެވެ.

ވަކިން ހާއްސަކޮށް، 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާ އަށް ފަހު އެ ގައުމުން ރާއްޖެ އަށް ވެދިން އެހީ ފާހަގަކުރައްވައި ވިދާޅުވީ މިއަދު އެއްބަސްވި ލޯން އެހީ އަކީ ސުނާމީ އަށް ފަހު ދިން އެންމެ ބޮޑު ފައިސާގެ އެހީ ކަމަށެވެ. ކޮވިޑް-19 އާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތަށް މި އެހީގެ ސަބަބުން ކުރިއެރުން ލިބޭނެ ކަމަށް އަމީރު ވިދާޅުވި އެވެ.

"މި އެހީ އަކީ ރާއްޖެ އިން ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް އެހީއަކަށް ވެގެންދާނެ. އަދި ގައުމުގެ އިޖްތިމާއީ އަދި އިގްތިސާދީ ހަރަކާތްތައް ކުރިއެރުވުމަށް އެހީތެރިވެދީ، އިގްތިސާދީ ހަރަކާތްތައް އަލުން އާރާސްތު ކުރުމަށް އެހީތެރިވެދޭނެ،" ހަތަރު އަހަރު ދައްކަން ފަށަންޖެހޭ ލޯނާ ބެހޭ ގޮތުން އަމީރު ވިދާޅުވި އެވެ.

ރާއްޖެ އަށް ބޮޑެތި އެހީތަކެއް މީގެ ކުރިން ވެސް ދީފައިވާ ޖަޕާނުން ވަނީ ދާދީ ފަހުން ރާއްޖޭގެ ސިއްހީ ދާއިރާއަށްވެސް 5.6 މިލިއަން ޑޮލަރުގެ އެހީ ދީފަ އެވެ.