Roadha Mihaaru
16 ޕްރޮޖެކްޓަކަށް ސައުދީ ފަންޑުން އެހީވެފައިވޭ

ސައުދީ ފަންޑުން ރާއްޖެ އަށް މިހާތަނަށް 470 މިލިއަން ޑޮލަރުގެ އެހީ ދީފި

16 މެއި 2024

ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އަބަދުވެސް ސައުދީ ފަންޑުން އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ކަމަށާއި މިހާތަނަށް ރާއްޖޭގެ 16 މަޝްރޫއަކަށް 470 މިލިއަން ޑޮލަރ (7.2 ބިލިއަން ރުފިޔާ) ގެ އެހީ ފޯރުކޮށްދީފައިވާ ކަމަށް ސައުދީ ފަންޑު ފޯ ޑިވަލޮޕްމެންޓް (އެސްއެފްޑީ) ގެ އިސްވެރިޔާ އަދި ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އަބަދުވެސް ސައުދީ ފަންޑުން އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ކަމަށާއި މިހާތަނަށް ރާއްޖޭގެ 16 މަޝްރޫއަކަށް 470 މިލިއަން ޑޮލަރ (7.2 ބިލިއަން ރުފިޔާ) ގެ އެހީ ފޯރުކޮށްދީފައިވާ ކަމަށް ސައުދީ ފަންޑު ފޯ ޑިވަލޮޕްމެންޓް (އެސްއެފްޑީ) ގެ އިސްވެރިޔާ އަދި ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދު މިއަދު ވިދާޅުވެއްޖެ އެވެ.

ސައޫދީ ފަންޑުގެ އެންމެ އިސްވެރިޔާ ރާއްޖެ ވަޑައިގަތީ މިއަދެވެ.

ހުޅުމާލެ 2 ގެ ކަނެކްޓިން ބްރިޖުތައް ރަސްމީކޮށް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައ މަރުޝަދު ވިދާޅުވީ، ވޭތުވެދިޔަ 47 އަހަރުގެ ތެރޭގައި ސައުދީ ފަންޑުން ރާއްޖެއާ ވަރަށް ގާތް ގުޅުމެއް ބޭއްވި ކަމަށެވެ. ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގުޅައިލުމުގެ މަޝްރޫއަކީ އޭގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިދިޔަ ދުވަސްތަކުގައި ރާއްޖޭގައި ހިންގާ ފެނާއި ނަރުދަމާ އާއި އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތަކުގައި ސައޫދީ ފަންޑުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. ރާއްޖޭގައި ހިންގާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަށް ވެސް ސައުދީ ފަންޑުން ވަނީ ލޯނު އެހީދީފަ އެވެ.

ސައުދީ ފަންޑު ފޯ ޑިވަލޮޕްމެންޓް (އެސްއެފްޑީ) ގެ ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދު ވާހަކަ ދައްކަވަނީ -- ފޮޓޯ: ނިޝަން އަލީ / މިހާރު

ސައުދީ ފަންޑު ފޯ ޑިވަލޮޕްމެންޓް (އެސްއެފްޑީ) ގެ ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދު ވާހަކަ ދައްކަވަނީ -- ފޮޓޯ: ނިޝަން އަލީ / މިހާރު

ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގުޅައިލާ ކަނެކްޓިން ބްރިޖުގެ މަޝްރޫއުގެ ދަށުން ފަސް ބްރިޖެއް ވަނީ ހަދައިފަ އެވެ. އެ ބްރިޖުތައް ހަދާފައިވަނީ އަޑިން ކޯރު ދެމޭ ގޮތަށެވެ. ސައުދީ ފަންޑުން 80 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ހަރަދު ކޮށްގެން ހެދި އެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީސީ) އިންނެވެ.

އެ ބްރިޖު އެންމެ ފުރަތަމަ ބޭނުން ކުރަން ފެށީ 2020 ވަނަ އަހަރެވެ.

ހުޅުމާލެ 1 ގެ ބޮޑު ހަތަރު މަގަށް ވާ ގޮތަށް ހެދި ހަތަރު ބްރިޖްގެ އިތުރުން، ފަސް ވަނަ ބްރިޖަކުން ހުޅުމާލެ 2 ގައި ވަކިން އޮންނަ ޓޫރިޒަމް ޒޯނު ސަރަހައްދާއި ހުޅުމާލެ 2 ގެ އާބަން އައިލް ގުޅައިލާނެ އެވެ.

ކަނެކްޓިން ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު ޝަފީގާއި ސައުދީ ފަންޑުގެ ސީއީއޯ އާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު -- ފޮޓޯ: ނިޝާން އަލީ / މިހާރު

ކަނެކްޓިން ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު ޝަފީގާއި ސައުދީ ފަންޑުގެ ސީއީއޯ އާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު -- ފޮޓޯ: ނިޝާން އަލީ / މިހާރު

ސައުދީ ފަންޑުގެ ސީއީއޯ ވިދާޅުވީ، ކަނެކްޓިން ބްރިޖުތަކާ އެކު، ހުޅުމާލެ 2 ގެ ވިޔަފާރިތައް ފުޅާކުރުމާއި ސަރަހައްދުގެ އިގްތިސާދީ ހަރަކާތްތައް ހިންގުމަށް ފަސޭހަވާނެ ކަމަށެވެ.

"މި ބްރިޖަށް ކުރި ހޭދައިން މި ސަރަހައްދުގެ އިގްތިސާދީ ކުރިއެރުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެ. މި ޕްރޮޖެކްޓުން އެނގެނީ ސައުދީ ފަންޑާ ގުޅިގެން މުހިއްމު މަޝްރޫއުތައް ހިންގޭނެކަން. އަދި ކުރިއަށް އޮތް ތަނުގައި ސައުދީ ފަންޑުން ރާއްޖެއާ އެކު މިފަދަ ޕްރޮޖެކްޓްތައް ހިންގުމުގައި އެހީތެރިވާނަން،" އޭނާ ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު ވިދާޅުވީ، ހުޅުމާލެ 2 ގައި އާބާދުވާ 160،000 މީހުންނަށް އެ ބްރިޖުތަކުގެ ފަސޭހަތައް ލިބޭނެ ކަމަށެވެ. ސައުދީ ފަންޑަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އަބަދުވެސް އެހީތެރިވާ ބައެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު

ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު

"ރާއްޖެ އާއި ސައުދީގެ ގުޅުން ބިނާވެފައިވަނީ އިހުތިރާމާއި އިތުބާރާއި އުހުއްވަތްތެރިކަމުގެ މައްޗަށް. ޗެނަލް ބްރިޖުތަކުގެ ސަބަބުން ދަތުރުފަތުރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ޝަފީގު ވިދާޅުވީ، ޗެނަލް ބްރިޖުތަކުން ރަމްޒު ކޮށްދެނީ ދެ ގައުމުގެ ވަރުގަދަ ގުޅުން ކަމަށެވެ. ކުރިމަގުގައި ވެސް ސައުދީ ފަންޑާ ގުޅިގެން މިފަދަ އިތުރު ޕްރޮޖެކްޓްތައް ރާއްޖޭގައި ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.