Roadha Mihaaru
އާބަން އައިލްގެ ޗެނަލް ހުޅުވައި، އާޓިފިޝަލް ބީޗެއް

އާބަން އައިލްގެ ޗެނަލް ބްރިޖު ހުޅުވައި، ހުޅުމާލެ 2 ގައި އާޓިފިޝަލް ބީޗެއް ހަދަނީ

23 ޖުލައި 2024

ހުޅުމާލޭ 2 ގެ ޓޫރިޒަމް ޒޯން ކަމަށްވާ "އާބަން އައިލް"ގެ ޗެނަލް ބްރިޖު ހުޅުވައި، އެ ސަރަހައްދުގައި އާޓިފިޝަލް ބީޗެއް ހެދުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހުޅުމާލޭ 2 ގެ ޓޫރިޒަމް ޒޯން ކަމަށްވާ "އާބަން އައިލް"ގެ ޗެނަލް ބްރިޖު ހުޅުވައި، އެ ސަރަހައްދުގައި އާޓިފިޝަލް ބީޗެއް ހެދުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި އެވެ.

މި މަސައްކަތްތަކުގެ ތަފުސީލު އެ ކުންފުނިން އަދި އާންމުނުކުރިޔަސް މިހާރު ވަނީ އެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ފެންނަ ބައެއް ވީޑިއޯތައް އެކްސްގައި ހިއްސާކޮށްފަ އެވެ. މިއީ "އާބަން އައިލް" ޕްރޮޖެކްޓުގެ ދަށުން ކުރިން ވެސް ކުރަން ރާވާފައިވާ މަސައްކަތްތަކެވެ.

އެޗްޑީސީން އާންމުކޮށްފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި، ހުޅުމާލެ 2 އާއި އާބަން އައިލް ގުޅޭ ހިސާބުގައި އިމާރާތް ކޮށްފައިވާ ބްރިޖުގެ ދަށުން ފެން ދައުރުވާ ގޮތް ހެދުމަށްޓަކައި އެ ސަރަހައްދު ކޮނެ، ފުންކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އާޓިފިޝަލް ބީޗު ހަދަނީ ހުޅުމާލެ 2 ގެ އެންމެ އުތުރަށް އޮންނަ ސަރަހައްދުގަ އެވެ. އެ ސަރަހައްދުގައި ވެސް އަމަލީ މަސައްކަތް ފަށައިގެން ކުރިއަށް ގެންދާ މަންޒަރު އެ ކުންފުނިން އާންމުކޮށްފައިވާ ވީޑިއޯއަކުން ފެނެ އެވެ.

އެޗްޑީސީން މިދިޔަ އަހަރު ބުނި ގޮތުގައި، "އާބަން އައިލް"ގައި 4.9 މިލިއަން ޑޮލަރު (76 މިލިއަން ރުފިޔާ) އިން 6.5 މިލިއަން ޑޮލަރު (100 މިލިއަން ރުފިޔާ) އާ ދެމެދުގެ ޕްރޮޖެކްޓްތައް ހިންގަން ވަނީ އަމާޒު ހިފައިފަ އެވެ.

"އާބަން އަައިލް"ގެ ނަމުގައި ހުޅުމާލެ 2 ގައި ތަރައްގީކުރާ ޓޫރިޒަމް ޒޯނަށް 100،000 އަކަމީޓަރުގެ ބިމުގެ ސަރަހައްދެއް ހާއްސަ ކޮށްފައިވެ އެވެ. އެ ސަރަހައްދުގައި މެދުފަންތީގެ ޓޫރިސްޓް ފެސިލިޓީތަކުން ފެށިގެން އެންމެ ލަގްޒަރީ ވިލާތައް ވެސް އެޅުމަށް ވަނީ ރާވައިފަ އެވެ. ސިނަމާ އާއި ޝޮޕިން މޯލް އާއި ކުޅިވަރާއި މުނިފޫހިފިލުވުމަށް ހާއްސަ ތަންތަން ތަރައްގީ ކުރާނެ އެވެ.

ހުޅުމާލެ 2 ގައި ހަދާ "އާބަން އައިލް"ގެ ޕްރޮޖެކްޓު ނިމުމުން އެ ސަރަހައްދު އޮންނާނެ ގޮތް ދައްކައިދޭ ތްރީޑީ ޑިޒައިން.

ހުޅުމާލެ 2 ގައި ހަދާ "އާބަން އައިލް"ގެ ޕްރޮޖެކްޓު ނިމުމުން އެ ސަރަހައްދު އޮންނާނެ ގޮތް ދައްކައިދޭ ތްރީޑީ ޑިޒައިން.

ސާވިސް އެޕާޓްމެންޓްތަކުގެ ގޮތުގައި އެއް ކޮޓަރީގެ އެޕާޓްމެންޓުން ފެށިގެން ހަތަރު ކޮޓަރީގެ އެޕާޓްމެންޓް އެޅޭނެ އެވެ. އަދި ވެހިކަލް ޕާކު ކުރުމަށް ހާއްސަ ޖާގަ ވެސް އެޕާޓްމެންޓުގައި ހުންނަން ޖެހޭނެ ކަމަށް އެޗްޑީސީން ކުރިން ބުނެފައި ވެ އެވެ.

އެ ސަރަހައްދުގައި އެޕާޓްމަންޓު އެޅުމަށާއި ގެސްޓް ހައުސް ހިންގަން މިދިޔަ ސަރުކާރުގައި ވަނީ އިއުލާންކޮށްފަ އެވެ.