Roadha Mihaaru

ސައުދީ ފަންޑުން އެއާޕޯޓު ތަރައްގީއަށް އިތުރު 17 މިލިއަން ޑޮލަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް ނިންމަން ސައޫދީ ފަންޑުން ރާއްޖެ އަށް ދޭ ދެވަނަ ލޯނުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ސައުދީ ފަންޑުން އިތުރު 17 މިލިއަން ޑޮލަރުގެ ލޯނެއް
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

14 އެޕްރީލް 2025

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް ނިންމަން ސައޫދީ ފަންޑުން ރާއްޖެ އަށް ދޭ ދެވަނަ ލޯނުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އާ ޓާމިނަލް ނިންމަން ދިވެހި ސަރުކާރަށް ސައޫދީ ފަންޑުން މި ފަހަރު ދިނީ 17 މިލިއަން ޑޮލަރު (262 މިލިއަން ރުފިޔާ) އެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. ސައުދީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ސުލްތާން އަބްދުއްރަހްމާން އަލްމަރްޝަދެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ، ސައުދީ ފަންޑަކީ ރާއްޖޭގެ ތަރައްގީގައި މުހިއްމު ހިއްސާދާރެއް ކަމަށާއި ސިއްހީ ދާއިރާ އާއި ހައުސިން އަދި ޑިޒާސްޓާ މެނޭޖްމެންޓްގެ ދާއިރާގައި ވެސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

"އެންމެ ބޮޑު އެހީއެއް ވެދީފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައް ގީއަށް. ދެހާސް ސޯޅަ ވަނަ އަހަރުން ފެށިގެން އެ ޕްރޮޖެކްޓަށް ދެއްވާ އެހީތެރިކަން ފާހަގަކުރަން. މިއީ އެ ފަންޑުން އެ ޕްރޮޖެކްޓަށް ދޭ ތިން ވަނަ ލޯނު އެހީ،" އޭނާ ވިދާޅުވި އެވެ.

ސައުދީ ފަންޑު ފޯ ޑިވެލޮޕްމެންޓް (އެސްއެފްޑީ) ގެ އިސްވެރިޔާ އަދި ސީއީއޯ މަރުޝަދު ވިދާޅުވީ، އާ ލޯނު އެހީއާ އެކު އެއާޕޯޓުގެ ކެޕޭސިޓީ ހަތް މިލިއަން ފަސިންޖަރުންނަށް އިތުރު ކުރަން އެހީވާނެ ކަމަށެވެ. އަދި އެއާ ކާގޯ އޮޕަރޭޝަނަށް ބޭނުންވާ ޖާގަ އިތުރު ކުރުމަށް ވެސް އެހީ ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ނިންމަން ސައޫދީ ފަންޑުން އިތުރަށް ދޭ 17 މިލިއަން ޑޮލަރުގެ ލޯނުގެ އެއްބަސްވުން ރާއްޖޭގެ ފިނޭންސް މިނިސްޓަރު ޒަމީރާއި ސައޫދީ ޑިވެލޮޕްމަންޓު ފަންޑުގެ ސީއީއޯ މަރްޝަދު މިއަދު ސޮއިކުރެއްވުމަށް ފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން.---ފޮޓޯ: ރައީސް އޮފީސް

"މިއާ އެކު ރާއްޖޭގެ އިގްތިސާދަށް އިތުރު ކުރިއެރުން ލިބި، އިތުރު ވަޒީފާގެ ފުރުސަތުތައް އިތުރުވާނެ. އެއާޕޯޓު ތަރައްގީ ކުރުމަށް 1978 ވަނަ އަހަރުން ފެށިގެން ވަމުން އައި އެހީގެ ތެރެއިން މިހާތަނަށް 242 ޑޮލަރުގެ ލޯނު އެހީ ފޯރުކޮށްދީފައިވޭ،" މަރުޝަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސައޫދީ ފަންޑު މެދުވެރިކޮށް މިދިޔަ އަހަރުތަކުގައި 17 ލޯނަކަށް 488 މިލިއަން ޑޮލަރު (7.5 ބިލިއަން ރުފިޔާ) ރާއްޖެ އަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް ޕްރޮޖެކްޓަކީ ރާއްޖޭގެ ތަރައްގީއަށް އެންމެ މުހިއްމު ޕްރޮޖެކްޓު ކަމަށާއި އެ ޕްރޮޖެކްޓް ކަނޑައެޅި ތާރީހަށް ނުނިންމި ލަސްވި ނަމަވެސް،އެ މަސައްކަތް އަވަސް ކުރުމަށް އާ ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއަށް ސައޫދީ ފަންޑުން ހަމަޖެއްސި އިތުރު ފައިނޭންސިންއަކީ އެ މަޝްރޫއު އަވަސް ސްޕީޑެއްގައި ނިންމުމަށް ލިބޭ ބާރެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ނިންމަން ސައޫދީ ފަންޑުން އިތުރަށް ދޭ 17 މިލިއަން ޑޮލަރުގެ ލޯނުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި ނައިބު ރައީސް ހުސައިން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

މިދިޔަ އަހަރުގެ މެއި މަހު ވެސް ވީއައިއޭގެ އާ ޓާމިނަލް މަސައްކަތަށް ބޭނުންވާ 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ސައުދީ ފަންޑުން ހަމަޖައްސައިދީފައި ވެ އެވެ. އެ އެއާޕޯޓު ތަރައްގީ ކުރުމަށް މީގެ ކުރިން 2016 ވަނަ އަހަރު ވެސް ސައުދީ ފަންޑުން ވަނީ 100 މިލިއަން ޑޮލަރުގެ ލޯނެއް ދީފަ އެވެ.

މިއަދު ހަމަޖައްސައިދިން 17 މިލިއަން ޑޮލަރާ އެކު ސައުދީ ފަންޑުން، 2016 ވަނަ ފެށި އެއާޕޯޓު ޕްރޮޖެކްޓަށް ދިން ފައިނޭންސްގެ އަދަދު 217 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) އަށް އަރާނެ އެވެ.