Roadha Mihaaru
އާ ޓާމިނަލްގެ މަޝްރޫއާ މެދު އުއްމީދު ބޮޑުވެއްޖެ

އާ ޓާމިނަލްގެ މަޝްރޫއާ މެދު އުއްމީދު ބޮޑުވެއްޖެ

08 މެއި 2019

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގައި ހިމެނޭ އާ ޓާމިނަލްގެ މަސައްކަތް އަންނަ މަހު ތެރޭގައި އަލުން ފެށޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގައި ހިމެނޭ އާ ޓާމިނަލްގެ މަސައްކަތް އަންނަ މަހު ތެރޭގައި އަލުން ފެށޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އެއާޕޯޓުގައި މިހާތަނަށް ހިންގާ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއުގައި ހިމެނޭ ޓާމިނަލްގެ މަސައްކަތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަވާލުކުރީ ސައުދީ ބިންލާދިން ގްރޫޕާ އެވެ. އެއީ، ސައުދީ އަރަބިއްޔާގެ ވެސް އެންމެ ވަރުގަދަ އެއް ކުންފުންޏެވެ.

އަހަރަކު ގާތްގަނޑަކަށް ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ޒަމާނީ ވަސީލަތްތަކާ އެކު ހަދާ ޓާމިނަލްގެ މަސައްކަތް ބިން ލާދިން ގްރޫޕާ ހަވާލުކުރީ ގާތްގަނޑަކަށް 350 މިލިއަން ޑޮލަރަށް (5.3 ބިލިއަން ރުފިޔާ) އަށެވެ. އެ މަސައްކަތް، މިދިޔަ އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ ތަފާތު ސަބަބުތަކާ ހެދި މަޑުޖައްސާލައިފަ އެވެ.

މި މަޝްރޫއު އަލުން ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އިއްޔެ ވަނީ ސައުދީ ފަންޑުގެ އިސް ބޭފުޅުންނާ އެކު މަޝްވަރާ ކުރައްވައިފަ އެވެ. މި މަސައްކަތަށް ފައިސާ ޚަރަދު ކުރަނީ ސައޫދީ އާއި އަބޫދާބީ އަދި ކުވެއިތު ފަންޑުން އުފައްދާފައިވާ ކޮންސޯޓިއަމަކުންނެވެ.

ފިނޭންސް މިނިސްޓަރު އަމީރު "މިހާރު" އަށް ވިދާޅުވީ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ފަށަން ބޭނުންވާ މަޝްރޫއެއް ކަން އެ މަޝްވަރާތަކުގައި ދެންނެވި ކަމަށެވެ. ސަރުކާރުން ބޭނުންވާ ބަދަލުތަކާ އެކު އެ މަޝްރޫއު އަލުން ފެށޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަދަލުތައް މި މަހުގެ ފަހުކޮޅު ފައިނަލްކުރެވި، އުއްމީދުކުރަނީ އަންނަ މަހު މަސައްކަތް ފަށައިގަނެވޭނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މި ސަރުކާރުން ބޭނުންވާ އެއް ބަދަލަކީ، އެނގިފައިވާ ގޮތުގައި، ބައިނަލްއަގުވާމީ ދަތުރުތަކަށް ހާއްސަ ޓާމިނަލް ކުރިން ހަދަން އޮތް ވަރަށް ވުރެ ބޮޑުކުރުމެވެ.

އާ ޓާމިނަލްގެ ފައުންޑޭޝަނަށް ބޭނުންވާ 1400 އަށް ވުރެ ގިނަ ދަގަނޑު ހޮޅި ޖެހުމުގެ މަސައްކަތް، ކުރީގެ ރައީސް ޔާމީންގެ ވެރިކަން ނިމުނު އިރު، ބިންލާދިން ގްރޫޕުން އޮތީ ފަށައިފަ އެވެ. އާ ޓާމިނަލް ހަދަނީ، މިހާރުގެ ޓާމިނަލްގެ ދެކުނު ފަަރާތުގައި، 78،000 އަކަމީޓަރުގެ ސަރަހައްދެއްގަ އެވެ.

އާ ޓާމިނަލް ނިމި، ބޭނުން ކުރަން ފެށުމުން، މިހާރުގެ އިންޓަނޭޝަނަލް ޓާމިނަލް ބަދަލުކުރާނީ ޑޮމެސްޓިކް ޓާމިނަލަށެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފައިވާ ގޮތުގައި ޓާމިނަލްގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވެނީ 2022 ގަ އެވެ.