Roadha Mihaaru

އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް އަލުން ފެށުން ދެން ލަހެއް ނުވާނެ: ރައީސް

28 މާޗް 2019

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމަކީ މި ވެރިކަމުގައި ވެސް އެންމެ މުހިންމު އެއް މަޝްރޫއު ކަމަށާއި އެ މަސައްކަތް ކޮންމެވެސް ވަރަކަށް މަޑުޖެހިފައިވީ ނަމަވެސް އަލުން ފަށައިގަތުން ދެން ލަހެއް ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމަކީ މި ވެރިކަމުގައި ވެސް އެންމެ މުހިންމު އެއް މަޝްރޫއު ކަމަށާއި އެ މަސައްކަތް ކޮންމެވެސް ވަރަކަށް މަޑުޖެހިފައިވީ ނަމަވެސް އަލުން ފަށައިގަތުން ދެން ލަހެއް ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވިދާޅުވެއްޖެ އެވެ.

ވެލާނާ އެއާޕޯޓު ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފަށާފައިވާއިރު، އެންމެ މުހިންމު މަސައްކަތް ކަމަށްވާ ޓާމިނަލް ހެދުން ހަވާލުކުރީ ސައޫދީ ބިންލާދިން ގުރޫޕާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ވަކި ހިސާބަކުން ތަފާތު ސަބަބުތަކާ ގުޅިގެން އެ މަސައްކަތް އޮތީ މަޑުޖެހިފަ އެވެ. ޓާމިނަލްގެ ކުރެހުން ބިންލާދިން ގުރޫޕުން ނިންމާފައިވީ ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ބޭނުންވާ ގޮތަށް ވަނީ ކުރެހުން ބަދަލުކުރަން ފަށައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް "މިހާރު" އާ މިދިޔަ ބުދަ ދުވަހު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް "މިހާރު" އާ މިދިޔަ ބުދަ ދުވަހު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"މިހާރު" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ދެންނެވި ސުވާލަކާ ގުޅިގެން ރައީސް ވިދާޅުވީ، ބިންލާދިން ގުރޫޕާ ގުޅޭ ކަންކަން މިދިޔަ ދުވަސްތަކުގައި ކޮންމެވެސް ވަރަކަށް ލަސްވެފައިވާ ކަމަށެވެ. އެކަމުގެ ތެރޭގައި އެ ކުންފުންޏަށް ފައިސާ ދިނުން ސައޫދީ ސަރުކާރުން ދުވަސްކޮޅަކަށް ހުއްޓާލި ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް ސައޫދީ ސަރުކާރާއި ބިންލާދިން ގުރޫޕާ ދެމެދު އެއްބަސްވުމަކަށް މިހާރު އާދެވިފައި ވާތީ ވެލާނާ އެއާޕޯޓުގެ މަސައްކަތްތައް ޓްރެކަށް އެޅިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެގޮތުން، ޓާމިނަލްގެ ކުރެހުންތަކަށް ގެންނަ ބަދަލާ މެދު ގޮތެއް ކަނޑައަޅައި އަންނަ މަހުގެ 15 ހިސާބުގައި ފަހުގެ ނިންމުން ނިންމޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ޓާމިނަލްގެ ކުރެހުމަށް ވެސް ބަދަލުތަކެއް ގެންނަން ޖެހޭ. އެ ކަންތައް މިހާރު ފައިނަލް ކުރަމުން އެ ގެންދަނީ. އަޅުގަނޑު ހިތުން މިހާރަކު މާ ބޮޑު މައްސަލައެއް ނޯންނާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ބިންލާދިން ގުރޫޕުގެ ހިއްސާގެ ބޮޑު ބަޔަކީ މިހާރު ސައޫދީ ސަރުކާރު ކަމަށް ވާތީ ވެލާނާ އެއާޕޯޓުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ދާނެ ކަމަށެވެ.

ވެލާނާ އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްގެ ބައެއް ގޭޓްތަކާއި އެއާލައިން އޮފީސްތައް ހުރި ތަން ތަޅާލާފައި.---ފޮޓޯ: އެމްއޭސީއެލް

ވެލާނާ އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްގެ ބައެއް ގޭޓްތަކާއި އެއާލައިން އޮފީސްތައް ހުރި ތަން ތަޅާލާފައި.---ފޮޓޯ: އެމްއޭސީއެލް

އެމަނިކުފާނު ވިދާޅުވި ގޮތުގައި ވެލާނާ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތާ، ދައުލަތަށް ލިބޭ އާމްދަނީއާ ވަރަށް ބޮޑަށް ގުޅިފައިވާތީ، ވީހާ ވެސް އަވަހަކަށް އެ މަޝްރޫއު ނިންމުން ސަރުކާރަށް ބޭނުންތެރި އެވެ. މި އަހަރު އެކަނި ވެސް އިތުރު 20 ރިސޯޓު ހުޅުވާއިރު، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވެސް މި ފަސް އަހަރުގެ ތެރޭގައި ދެ ގުނަ އިތުރުވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެއީ [ވެލާނާ އެއާޕޯޓު] އަޅުގަނޑުމެންގެ ވެރިކަމުގައި ނިމިގެންދާނެ އެންމެ މުހިންމު އެއް ކަންތަކަށް ވާނެ،" ރައީސް ވިދާޅުވި އެވެ.

އަހަރަކު ގާތްގަނޑަކަށް ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ޒަމާނީ ވަސީލަތްތަކާ އެކު ހަދާ ޓާމިނަލްގެ މަސައްކަތް ބިން ލާދިން ގްރޫޕާ ހަވާލުކުރީ ގާތްގަނޑަކަށް 350 މިލިއަން ޑޮލަރަށް (5.3 ބިލިއަން ރުފިޔާ) އަށް މޭ 2016 ގަ އެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފައިވާ ގޮތުގައި ޓާމިނަލްގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވެނީ 2022 ގަ އެވެ.

"ޓާމިނަލްގެ ކުރެހުމަށް ވެސް ބަދަލުތަކެއް ގެންނަން ޖެހޭ. އެ ކަންތައް މިހާރު ފައިނަލް ކުރަމުން އެ ގެންދަނީ. އަޅުގަނޑު ހިތުން މިހާރަކު މާ ބޮޑު މައްސަލައެއް ނޯންނާނެ،" ރައީސް

އާ ޓާމިނަލްގެ ފައުންޑޭޝަނަށް ބޭނުންވާ 1400 އަށް ވުރެ ގިނަ ދަގަނޑު ހޮޅި ޖެހުމުގެ މަސައްކަތް، ކުރީގެ ރައީސް ޔާމީންގެ ވެރިކަން ނިމުނު އިރު، ބިންލާދިން ގްރޫޕުން އޮތީ ފަށައިފަ އެވެ. އާ ޓާމިނަލް ހަދަނީ، މިހާރުގެ ޓާމިނަލްގެ ދެކުނު ފަަރާތުގައި، 78،000 އަކަމީޓަރުގެ ސަރަހައްދެއްގަ އެވެ.

މި ޕްރޮޖެކްޓަށް ފައިސާ ޚަރަދު ކުރަނީ ސައޫދީ އާއި އަބޫދާބީ އަދި ކުވެއިތު ފަންޑުން އުފައްދާފައިވާ ކޮންސޯޓިއަމަކުންނެވެ.

އާ ޓާމިނަލް ބޭނުން ކުރަން ފެށުމުން، މިހާރުގެ އިންޓަނޭޝަނަލް ޓާމިނަލް ބަދަލުކުރާނީ ޑޮމެސްޓިކް ޓާމިނަލަށެވެ.