Roadha Mihaaru

އެމްއޭސީއެލްގެ އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުންއެއް ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް އަންނަ ޖުލައި 26 އަށް ހުޅުވުމުމުގެ ކައުންޓް ޑައުންއެއް އެމްއޭސީއެލް އިން މިއަދު ފަށައިފި އެވެ.

އާ ޓާމިނަލް ޖުލައި 26ގައި ހުޅުވަން ކައުންޓްޑައުންއެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް އަންނަ ޖުލައި 26 އަށް ހުޅުވުމުމުގެ ކައުންޓް ޑައުންއެއް އެމްއޭސީއެލް އިން މިއަދު ފަށައިފި އެވެ.

އެއާޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރޭ ދަންވަރު 12 ޖެހިއިރު އެ ކައުންޓްޑައުން ރަސްމީކޮށް ފައްޓަވައި ދެއްވީ އެމްއޭސީއެލްގެ މެނޭޖިނެ ޑިރެކްޓަރު އިބްރާހިމް ޝަރީފު އެވެ.

އެމްއޭސީއެލް އިން ނިންމާފައި ވަނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މި އަހަރުގެ ޖުލައި 26 ގައި ވީއައިއޭގެ އާ ޓާމިނަލްގެ އެއްބައި ބޭނުންކުރަން ފަށާށެވެ. އެއާ އެކު، އެ ދުވަހު އާ ޓާމިނަކް ރަސްމީކޮށް ހުޅުވުނީ އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ ވައިގެ ސިނާއަތުގެ އެންމެ ބިޔަ މަޝްރޫއުގެ މަސައްކަތް ނިންމައި ހުޅުވުމުގެ ކައުންޓްޑައުން ފައްޓަވައި ދެއްވަމުން އެމްއޭސީއެލްގެ އެމްޑީ ޝަރީފު ވިދާޅުވީ، އެ ޓާމިނަލް ހުޅުވުމާ ދެމެދު އޮތީ 35 ދުވަސް ކަމަށާއި އެ ކުންފުނީގެ މުވައްޒަފުންގެ ކެރުމާއި ގާބިލްކަން އަދި ކަމެއް ނިންމަން ކުރިމަތިލައިފި ނަމަ އެ ކަމެއް އެ މުވައްޒަފުން ކުރާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ. އޭނާ އެމްއޭސީލްގައި ހޭދަކުރެއްވި މި ކުރު މުއްދަތުގައި ވެސް މުވައްޒަފުން އެކަން ދައްކުވައިދީފައިވާ ކަަމަށް ވިދާޅުވި އެވެ.

"ކާގޯ ޓާމިނަލް ވިޔަސް ފިއުލް ހައިޑްރަންޓް ވިޔަސް ފަޔާ ސްޓޭޝަން ވިޔަސް މިހެން ކިޔާނެ ކަމެއް ނެތް، ދާދި މިދާކަށް ދުވަހު އަޅުގަނޑުމެންނަށް ފެނުނު އަޅުގަނޑުމެންގެ މުވައްޒަފުން މޫދުން ހޮޅިލައިނެއް އަޅައިގެން އާ ޓާމިނަލާ ހަމައަށް ގެންގޮސް ކޮމިޝަންކޮށް ޕްރެޝާތައް ޓެސްޓުކޮށް މިހާރު އެ އޮތީ އާ ޓާމިނަލަށް ބޭނުންވާ ވަރަށް ފެން ދޭން ފަށާފައި،" ޝަރީފު ވިދާޅުވި އެވެ.

އެމްއޭސީއެލްގެ އާ ޓާމިނަލް އަންނަ ޖުލައި 26 ގައި ހުޅުވުމަށްޓަކައި 35 ދުވަހުގެ ކައުންޓްޑައުން ހަރަކާތް ރޭ ދަންވަރު 12 ޖެހިއިރު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ އެމްޑީ ޝަރީފާއި އެހެން ބައެއް މުވައްޒަފުން.---ފޮޓޯ: ނިޝާން އަލީ| މިހާރު

އެމްއޭސީއެލްގެ އާ ޓާމިނަލް އަންނަ ޖުލައި 26 ގައި ހުޅުވުމަށްޓަކައި 35 ދުވަހުގެ ކައުންޓްޑައުން ހަރަކާތް ރޭ ދަންވަރު 12 ޖެހިއިރު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ އެމްޑީ ޝަރީފާއި އެހެން ބައެއް މުވައްޒަފުން.---ފޮޓޯ: ނިޝާން އަލީ| މިހާރު

އޭނާ ވިދާޅުވިގޮތުގައި އެއީ އެެމްއޭސީއެލްގެ މުވައްޒަފުންގެ ހިތްވަރާއި ބުރަ މަސައްކަތުން ހާސިލްވި ކަމެކެވެ.

"އެއްވެސް މީހަކު ގަބޫލެއް ނުކުރޭ މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރެއިން އެކަން ކުރެވިދާނެ ކަމެއް ބޭރުގެ ތެރެއިން. އެކަމަކު އެމްއޭސީއެލްގެ މީހުން ގަބޫލުކުރޭ މިކަން ކުރެވިދާނެކަން،" ދައުލަތުގެ އެންމެ ބޮޑު އަދި އެންމެ މަތީ ފައިދާއެއް ނެރެދޭ އެއް ކުންފުނީގެ މުވައްޒަފުންނަށް ތައުރީފު ކުރައްވަމުން ޝަރީފު ވިދާޅުވި އެވެ.

އެމްޑީ އެދިވަޑައިގަތީ ރާއްޖޭގެ މައި އެއާޕޯޓު ވުޖޫދަށް ގެންނަން މީގެ އެތައް އަހަރެއް ކުރިން ދިވެހިން ކުރި ބުރަ މަސައްކަތުން އިބުރަތް ލިބިގަނެ އަދި "އެމްއޭސީއެލް ވަންތަ" ވެގެން އާ ޓާމިނަލް ކުރިއަށް އޮތް 35 ދުވަހުގެ ތެރޭގައި ހުޅުވައި މުޅި ދުނިޔެ އަށް ނަމޫނާ ބަޔަކަށް އެ ކުންފުނީގެ މުވައްޒަފުން ވުމަށެވެ.

ޝަރީފު ފާހަގަ ކުރެއްވި ގޮތުގައި، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުރާ ބުރަ މަސައްކަތްތަކުގެ ނަތީޖާ ވަރަށް ފޮނިވާނެ އެވެ. ހާއްސަކޮށް އެމްއޭސީއެލްގެ މުވައްޒަފުންނަކީ ވަރަށް މަދު ވަގުތުކޮޅެއްގެ ތެރޭގައި އެފަދަ ކަންކަން ކޮށް އަދި ނުވާނެ ކަމަށް މީހުން ބުނާ ކަންކަން ވެސް ކުރާ ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، އާ ޓާމިނަލް މި އަހަރުގެ ޖުލައި 26 ގައި ހުޅުމާ ގުޅޭ ކަންކަން އެ ރޫހުގައި ކުރުމަށް އެމްޑީ އެދިވަޑައިގަތެވެ.

"ހަމަ ގައިމު ވެސް ތިޔަބޭފުޅުންނާ އެކު އެއް ސަފެއްގައި އަޅުގަނޑު ހުންނާނެ ކަމުގެ ޔަގީންކަން ތިޔަބޭފުޅުންނަށް އަރުވަން. އަޅުގަނޑު އިހަކަށް ދުވަހު ޑިޕާޓްމަންޓަކާ ބައްދަލުކޮށްފައި ދެންނެވިން އަތް ހަޑިކޮށްލަން ބޭނުން ނުވާ މީހުން ބޭނުންވާ ވަގުތެއް ނޫނޭ މިއީކީ. މޭޒު ކައިރީގައި ތިބެގެން ސޮއިކޮށްލާފައި، ލިޔެލާފައި ދިއުމުގެ އިތުރުން އަމަލީ ގޮތުން ފީލްޑުގައި މަސައްކަތް ކުރަންޖެހޭ ދުވަސް،" ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ، އެމްއޭސީއެލްގެ އެމްޑީގެ ހައިސިއްޔަތުން މިއަދަކީ އެ ހުރިހާ ކަމަކަށް އޭނާ ތައްޔާރުވެ ހުންނަވަން ޖެހިވަޑައިގަންނަވާ ވަގުތު ކަމަށެވެ. އެހެންވެ، އޭނާގެ ދަށުން ތިއްބެވި ދެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންނާއި އެކްސްކޯގެ މެމްބަރުންނާއި ހުރިހާ އެންމެން ތިބީ އެ ރޫހުގައި ކަމަަށް ވިދާޅުވި އެވެ.

އެމްއޭސީއެލްގެ އާ ޓާމިނަލް ހުޅުވައި ބޭނުންކުރަން ފެށުމުގެ ވަގުތު ކުޑަތަން ވަމުން އަންނައިރު، ސަރުކާރުން ބުނެފައި ވަނީ އެ ޓާނިނަލާ އެކު، އަހަރެއްގެ މައްޗަށް 7.5 މިލިއަން މީހުންނަށް ހިދުމަތް ދެވޭނެ ޖާގަ ލިބޭނެ ކަމަށެވެ.

އެމްއޭސީއެލްގެ އާ ޓާމިނަލް އަންނަ ޖުލައި 26 ގައި ހުޅުވުމަށްޓަކައި 35 ދުވަހުގެ ކައުންޓްޑައުން ހަރަކާތް އެ ކުންފުނީގެ އެމްޑީ ޝަރީރު ރޭ ދަންވަރު 12 ޖެހިއިރު ފައްޓަވައި ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އެމްއޭސީއެލްގެ އާ ޓާމިނަލް އަންނަ ޖުލައި 26 ގައި ހުޅުވުމަށްޓަކައި 35 ދުވަހުގެ ކައުންޓްޑައުން ހަރަކާތް އެ ކުންފުނީގެ އެމްޑީ ޝަރީރު ރޭ ދަންވަރު 12 ޖެހިއިރު ފައްޓަވައި ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އާ ޓާމިނަލާ ގުޅޭ ބައެއް މައުލޫމާތު:

• އެއިރޯ ބްރިޖުތައް ހުންނާނެ

• ސެލްފް ޗެކިން ސިސްޓަމްތަކުން ހިދުމަތް ހޯދޭނެ.

• އޮޓޯމެޓިކް ބެގޭޖް ހެންޑަލިން ސިސްޓަމްތައް ހުންނާނެ

• އެޑްވާންސް ވިޝުއަލް ޑޮކިން ގައިޑެންސް ސިސްޓަމްގެ ހިދުމަތް ލިބޭނެ

• 78،000 އަކަމީޓަރުގެ ޖާގަ

• އެވްރެޖުކޮށް ދުވާލަކު 8،000 ޕަސިންޖަރުންނަށް ހިދުމަތް ދެވޭނެ

• އިމިގްރޭޝަންގެ 38 ކައުންޓަރު

• އިތުރު ހަތް ޗެކިން ކައުންޓަރު

• އެއްފަހަރާ ފަސިންޖަރުންނަށް ދޭ ހިދުމަތުގެ ސްޕީޑް 20 ޕަސެންޓް އިތުރުވާނެ

އެމްއޭސީއެލް އިން މިދިޔަ މަހު ބުނެފައި ވަނީ އާ ޓާމިނަލް ބޭނުން ކުރާނީ އެ ޓާމިނަލާ އެކު، ބަހައްޓާ ހަ އެއިރޯބްރިޖާ އެކު ކަމަށެވެ. އަދި ޓާމިނަލް ހުޅުވުމަށް ފަހު، ތިން މަސްދުވަހުގެ ތެރޭގައި ކުރީގެ ޓާމިނަލުން ދެމުން އައި ހުރިހާ ހިދުމަތެއް އާ ޓާމިނަލަށް ބަދަލުކޮށް ނިންމާލެވޭނެ ކަމަށް ބުނެފައި ވެ އެވެ.

އަޅުގަނޑު އިހަކަށް ދުވަހު ޑިޕާޓްމަންޓަކާ ބައްދަލުކޮށްފައި ދެންނެވިން އަތް ހަޑިކޮށްލަން ބޭނުން ނުވާ މީހުން ބޭނުންވާ ވަގުތެއް ނޫނޭ މިއީކީ. މޭޒު ކައިރީގައި ތިބެގެން ސޮއިކޮށްލާފައި، ލިޔެލާފައި ދިއުމުގެ އިތުރުން އަމަލީ ގޮތުން ފީލްޑުގައި މަސައްކަތް ކުރަންޖެހޭ ދުވަސް"--- ޝަރީފު

ރާއްޖޭގެ މައި އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ނިންމަން ކުރަން ސައުދީ ފަންޑުން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އާއި 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން ވަނީ ހޯދައިފަ އެވެ. އެއާ އެކު އެ ޕްރޮޖެކްޓްގެ ޖުމްލަ އަގު ހަތް ބިލިއަން ރުފިޔާ އަށް އަރާނެ އެވެ.

އާ ޓާމިނަލްގެ މަސައްކަތް އަވަސް ކުރުމަށް 600 ލޭބަރުން ކޮންމެ ދުވަހެއްގެ ގާތްގަނޑަކަށް 18 ގަޑިއިރު އެ މަސައްކަތުގައި ހޭދަކުރެ އެވެ.