Roadha Mihaaru

އާ ޓާމިނަލް ހުޅުވަން ތާރީހީ ހަވައެއް އަދި ސަޕްރައިޒެއް!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމަށް ތާރީހީ އަދި އެންމެން ސަޕްރައިޒްކޮށްލާ ވަރުގެ ހަވާއެއް އަރުވަން އެމްއޭސީއެލް އިން ތައްޔާރުވަމުން އަންނަ ކަމަށް ބުނެފި އެވެ.

އާ ޓާމިނަލް ހުޅުވަން ތާރީހީ ހަވައެއް އަދި ސަޕްރައިޒެއް
އިފްރާޒް އަލީ
އިފްރާޒް އަލީ

20 ޖުލައި 2025

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމަށް ތާރީހީ އަދި އެންމެން ސަޕްރައިޒްކޮށްލާ ވަރުގެ ހަވާއެއް އަރުވަން އެމްއޭސީއެލް އިން ތައްޔާރުވަމުން އަންނަ ކަމަށް ބުނެފި އެވެ.

އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ލަމްއާން މިއަދު "މިހާރު" އަށް ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ރަސްމީކޮށް އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް އެންމެފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. އަދި އާ ޓާމިނަލް ހުޅުވުމަށް ހޮނިހިރު ދުވަހުގެ ރޭ މާލެ ސަރަހައްދުގައި ކުލަގަދަ ހަރަކާތްތަކެއް ބާއްވަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ ތެރެއިން އެންމެ ހާއްސަ އެއް ހަރަކާތަކަށް ވާނީ އެ ރޭ ބާއްވާ ހަވާ އެރުވުމާއި ޑްރޯން ޝޯ އެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑު ސަޕްރައިޒެއްގެ ގޮތުގައި މި ކުރިއަށް ގެންދަނީ،" ލަމްއާން ވިދާޅުވި އެވެ.

"މިހާތަނަށް ރާއްޖޭގައި ނުފެންނަ ވަރުގެ ހަވާއެރުވުމާއި އޭގެ އިތުރުން ޑްރޯން ޝޯ އާއި އަދިވެސް ސަޕްރައިޒިން އިވެންޓްތައް ކުރިއަށް ގެންދާނެ."

ސަޕްރައިޒަކަށް ވާތީ އިތުރު އެއްވެސް ތަފުސީލެއް އޭނާ ނުދެއްވަ އެވެ.

ވީއައިއޭގެ އާ ޓާމިނަލް އަންނަ ހޮނިހިރު ދުވަހު ހުޅުވަނީ ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ވެސް ދިމާކޮށެވެ.

ރާއްޖޭގައި މިހާތަނަށް އެރުވި އެންމެ ތާރީހީ ހަވާއަކީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ސިނަމާލެ ބްރިޖު ހުޅުވުމަށް އޮގަސްޓް 30، 2018 ގައި ބޭއްވި ހަވާއެރުވުމެވެ.

ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ސައުދީ ބިންލާދިން ގްރޫޕާ ދިވެހި ސަރުކާރުން ހަވާލުކުރީ 2016 ވަނަ އަހަރު އެވެ. ފަސިންޖަރުންގެ ޓާމިނަލް 78،000 އަކަ މީޓަރުގެ ބޮޑު ސަރަހައްދެއްގައި އިމާރާތްކޮށްފައިވާ މި ޓާމިނަލުން އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.

ޕްރޮޖެކްޓަށް ގެނައި ބަދަލުތަކާ އެކު، މި ޓާމިނަލަށް ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ހަރަދުކުރި ކަމަށް އެމްއޭސީއެލުން ބުނެފައިވެ އެވެ.