Roadha Mihaaru
ނަމާދަށް ފަހު މިސްކިތުގައި މަޑުނުކުރަން އެދިއްޖެ

ނަމާދަށް ފަހު މިސްކިތުގައި މަޑުނުކުރަން އެދިއްޖެ

07 ފެބުރުއަރީ 2021

މިސްކިތަށް ނަމާދަށް ދާއިރު، ކޮވިޑުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމުގެ ގޮތުން، އަމިއްލަ އަށް މުސައްލަ ގެންދިއުމާއި ނަމާދަށް ފަހުު މިސްކިތުގައި މަޑުނުކުރަން އިސްލާމިކް މިނިސްޓްރީން މިއަދު އިލްތިމާސްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިސްކިތަށް ނަމާދަށް ދާއިރު، ކޮވިޑުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމުގެ ގޮތުން، އަމިއްލަ އަށް މުސައްލަ ގެންދިއުމާއި ނަމާދަށް ފަހުު މިސްކިތުގައި މަޑުނުކުރަން އިސްލާމިކް މިނިސްޓްރީން މިއަދު އިލްތިމާސްކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ މިސްކިތަށް ދާއިރު މާސްކު އެޅުމާއި ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުމުގެ އިތުރުން އަމިއްލަ އަށް މުސައްލަ ގެންދިއުމާއި އެހެން މީހެއްގެ މުސައްލަ މަތީގައި ނަމާދު ނުކުރުމަށް ސަމާލުކަން ދޭންޖެހޭނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ނަމާދަށް ފަހު މިސްކިތުގައި މަޑު ނުކުރުމަށާއި މިސްކިތަށް ވަނުމާއި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުމަށާއި މިސްކިތުގެ އެކި ތަންތަނުގައި ތިބުމުގެ ބަދަލުގައި އެންމެ ކުރީ ސަފުން ފެށިގެން ފުރަމުން ގެންދިއުމަށް އެދޭ ކަމަށެވެ.

ފުއްޕާމޭގެ ބަލިތަކާއި ރޯގާ ޖެހިފައިވާ މީހުންނާއި ކެއްސާ މީހުން އަދި އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދާން އެ އިއުލާނުގައި އިލްތިމާސް ކޮށްފައިވެ އެވެ. މިސްކިތުގައި އަތާ އަތް ޖޯޑުކޮށް ސަލާމް ނުކުރުމަށާއި މިސްކިތުގައި ހުންނަ ޚަތިމުތައް ބޭނުން ނުކުރަން ވެސް އެދިފައިވެ އެވެ.

އެ އިއުލާނުގައި ވަނީ މި ދުވަސްވަރު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށާއި ނަމާދުތައް ބަރާބަރަށް އަދާ ކުރުމުގެ އިތުރުން ގުރުއާން ކިޔަވައި، މާތްﷲ އަށް ވަކީލުކޮށް، ގިނައިން ދުއާ ކުރުން މަތީގައި ދެމިތިބުމަށް އެދޭ ކަމަށެވެ.