Roadha Mihaaru
މާލޭގެ މިސްކިތްތަކުގައި ގައިދުރުުކޮށް ނަމާދުކުރަނީ

މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ގައިދުރުުކޮށް ނަމާދުުކުރަން އަންގައިފި

01 މާޗް 2021

މާލެ ސަރަހައްދުގެ މިސްކިތްތަކުގައި މިއަދުން ފެށިގެން ގައިދުރުކަން ބަހައްޓައިގެން ނަމާދުކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މާލެ ސަރަހައްދުގެ މިސްކިތްތަކުގައި މިއަދުން ފެށިގެން ގައިދުރުކަން ބަހައްޓައިގެން ނަމާދުކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

މިއީ ކޮރޯނާވައިރަސް ހަލުވިކަމާ އެކު މާލެ ސަރަހައްދުގައި ފެތުރޭތީ ސިއްހީ މަސައްކަތްތެރިންނާއި ފަތުވާ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފައަށް ރިއާޔަތް ކުރުމަށްފަހު ނިންމި ނިންމުމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ. އަދި މިއީ މިސްކިތްތައް ބަންދުނުކޮށް، މިސްކިތްތަކުގައި ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ނިންމި ނިންމުމެއް ކަމަށް ވެސް ބުނެފައި ވެ އެވެ. މިސްކިތުގައި ނަމާދުކުރާ އިރު، މިނިސްޓްރީން ކަނޑައަޅާފައިވާ ކަންކަމަށް ސަމާލުވާން ވެސް އަންގާފައި ވެ އެވެ.

މިސްކިތްތަކުގައި ނަމާދުކުރާ އިރު، މާލޭ ސިޓީ ކައުންސިލުން ސަމާލުވާން ޖެހޭ ކަންތައްތަކާއި މިސްކިތަށް ދާ މީހުން ސަމާލުވާން ޖެހޭ ކަންތައްތަކާއި އިމާމުން ސަމާލުވާން ޖެހޭ ކަންތައްތަކެއް އެ ބަޔާނުގައި ވެ އެވެ.

ސިޓީ ކައުންސިލުން ބަލަން ޖެހޭ ކަންތައްތައް

- ނަމާދުކުރަން ހުޅުވާ މިސްކިތްތަކުގައި ކާޕެޓް ނޭޅުން

- ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕުލައި ސާފުކުރުން

- ސައިބޯނި ލައިގެން އަތްދޮވެވޭނެ ގޮތް ހަމަޖެއްސުން

- ކޮންމެހެން ބޭނުންކުރަން ޖެހޭ ހާލަތެއްގައި ނޫނީ އެއާކޮން ބޭނުންނުކުރުން

- އެއާކޮން ބޭނުންކުރާ ނަމަ ދޭތެރެދޭތެރެއިިން ދޮރުތައް ހުޅުވައި ވައި ބަދަލުވާނެ ގޮތް ހެދުން

މިސްކިތަށް ނަމާދަށް ދާ މީހުން ސަމާލުވާން ޖެހޭ ކަންތައްތައް

- ގެއިން ވުޟޫކޮށްގެން މިސްކިތަށް ދިއުން

- މުސައްލައެއް ގެންގޮސް، އަމިއްލަ މުސައްލައިގައި ނަމާދަށް އެރުން

- މާސްކު އެޅުން

- މިސްކިތަށް ވަންނަ އިރު އަދި ނުކުންނަ އިރު ގައިދުރުކަން ބެހެއްޓުން

- މިސްކިތުގައި ސަފުހަދާ އިރު އެކި ތަންތަނުގައި ތިބުމުގެ ބަދަލުގައި ފުރަތަމަ ސަފުން ފެށިގެން ފުރަމުން ގެންދިއުން

- ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި ރޯގާ ޖެހިފައިވާ މީހުންނާއި ކެއްސާ މީހުންނާއި އުމުރުން ދުވަސްވީ މީހުން ގޭގައި ނަމާދުކުރުން

- ނަމާދުކުރުމަށް ފަހު މިސްކިތުގައި މަޑުނުކުރުން

- މިސްކިތުގައި އަދި މިސްކިތުން ބޭރުގައި ވެސް ސަލާން ނުކުރުން

- މިސްކިތުގައި ހުންނަ ހަތިމްތައް ބޭނުންނުކުރުން

އިމާމުން ސަމާލުވާންވީ ކަންތައްތައް

- ބަންގިއަށް ފަހު ފަސް މިނެޓް ތެރޭގައި ގަމަތްދީ، ނަމާދު ފެށުން

- އެއްވެސް ނަމާދެއް ހަތް މިނެޓަށް ވުރެ ދިގު ނުކުރުން

- ހުރިހާ ނަމާދެއްގައި ސޫރަތުލް ފާތިހާ ފިޔަވައި ޟުހާ ސޫރަތުން ފެށިގެން ތިރީގެ، ކުރު ސޫރަތެއް ކިޔެވުން

މީގެ ކުރިން ވެސް މިނިސްޓްރީން އައީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލްތަކާ އެއްގޮތަށް އަމަލުކުރަމުންނެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ރާއްޖޭގައި މިހާރު ވަނީ 19،797 އަށް އަރައިފަ އެވެ. މި ބަލި ޖެހިގެން މިހާތަނަށް 62 މީހަކު މަރުވެފައިވާ އިރު، މިދިޔަ މަހު 10 މީހަކު މަރުވި އެވެ.