Roadha Mihaaru
ޓީސީގެ ކޯޗުކަމާ ނިޒާމްބެ ހަވާލުވެއްޖެ

ޓީސީގެ ކޯޗުކަމާ ނިޒާމްބެ ހަވާލުވެއްޖެ

29 ޖެނުއަރީ 2021

ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗުކަމުން މުހައްމަަދު ޝާޒްލީ (ޝާޒް) އިސްތިއުފާދިނުމުން ހުސްވެފައިވާ އެ މަގާމަށް މި ސީޒަނުގައި ފުރަތަމަ މާޒިޔާ ބެންޗުން ފެނުނު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ހަމަޖައްސައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗުކަމުން މުހައްމަަދު ޝާޒްލީ (ޝާޒް) އިސްތިއުފާދިނުމުން ހުސްވެފައިވާ އެ މަގާމަށް މި ސީޒަނުގައި ފުރަތަމަ މާޒިޔާ ބެންޗުން ފެނުނު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ހަމަޖައްސައިފި އެވެ.

ޓީސީގެ ރައީސް އަހުމަދު އައްބާސް (އައްބު) "މިހާރު" އަށް ވިދާޅުވީ ނިޒާމްްބެ އެ ޓީމުގެ ކޯޗަކަށް ހަމަޖެއްސީ މި ސީޒަނުގެ ނިޔަލަށް ނޫން ކަމަށާއި ދުރު ރާސްތާ ޕްރޮޖެކްޓެއްގެ ވިސްނުމުގައި ކަމަށެވެ.

ދެހާސްނަވާރަ ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ޓީސީ އަށް ކޯޗުކޮށްދެމުން އައި ޝާޒް މަގާމުން އިސްތިއުފާދިނީ ކުއްލި ގޮތަކަށެވެ. ލީގުގައި އިއްޔެ ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް ޓީސީ ކުޅެން އޮތް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ޝާޒް ބައިވެރިވި އެވެ. އެކަމަކު އިއްޔެގެ މެޗުގެ ކުރިން ޝާޒް މަގާމުން އިސްތިއުފާ ދިންއިރު، ދަ ގްރާންޑޭ އަތުން 2-1 އިން ޓީސީ ބަލިވި އެ މެޗުގައި އެ ޓީމަށް ކޯޗުކޮށްދިނީ އެސިސްޓަންޓް ކޯޗު އަހުސަން ރަޝީދު އެވެ.

.ނިސްބަތުން ޒުވާން ކުޅުންތެރިން ގިނަ ސްކޮޑަކާ އެކު މި ފަހަރު ލީގުގައި ޝާޒްގެ ކޯޗުކަމުގައި ޓީސީ ކުޅުނު ހަތް މެޗުގެ ތެރެއިން ދެ މެޗުން މޮޅުވިއިރު، ތިން މެޗުން ވަނީ އެއްވަރުވެފަ އެވެ. ބަލިވީ ދެ މެޗުންނެވެ. ޝާޒް ވަކިވިއިރު ހަތް މެޗުން ނުވަ ޕޮއިންޓާ އެކު ޓީސީ އޮތީ ހަތަރު ވަނައިގަ އެވެ. އެކަމަކު އިއްޔެގެ ބައްޔާ އެކު އެ ޓީމު މިހާރު ވަނީ ފަސް ވަަނަ އަށް ވެއްޓިފަ އެވެ. ޓީސީން ބުނީ ޝާޒް އިސްތިއުފާދޭން ޝާޒް ނިންމީ މެނޭޖްމަންޓާ އެކު ދެކެވުނު ވާހަކަތަކަށް ފަހު ދެ ފަރާތް އެއްބަސްވެވިގެން ކަމަށެވެ.

ޓީސީން ކޯޗު ބަދަލުކުރުމާ އެކު ލީގު ފުރަތަމަ ބުރުގެ ނިޔަލަށް މުބާރާތުގައި ވާދަކުރާ އަށް ޓީމުގެ ތެރެއިން ފަސް ޓީމުގެ ކޯޗުން މިވަނީ ބަދަލުވެފަ އެވެ. ޓީސީގެ އިތުރުން ދެން ކޯޗުން ބަދަލުވި ޓީމުތަކަކީ މާޒިޔާ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)، އީގަލްސް އަދި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިންނެވެ. މި ފަހަރު ލީގުގައި އެއް ޓީމުން ވަކިވެ އަނެއް ޓީމުން ފެންނާނެ ދެ ކޯޗުންނަކީ ނިޒާމްބެގެ އިތުރުން މިހާރު ސަސްއާ ހަވާލުވެ ހުރި އީގަލްސްގެ ކުރީގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އެވެ. އެހެން ހުރިހާ ޓީމަކަށް ކޯޗުން ހަމަޖެހިފައިވާއިރު، އީގަލްސް އިން އަންނަނީ ހެޑް ކޯޗެއް ހޯދުމުގެ މަސައްކަތްކުރަމުންނެވެ. މި ވަގުތު އެ ޓީމަށް ކޯޗުކޮށްދެނީ އެސިސްޓަންޓް ކޯޗު އަހުމަދު ނިމާދު (ނިމާ) އެވެ.

ދެ ވަނަ ޑިވިޝަނުން ޓީސީ 2014 ވަނަ އަހަރު އެ ޓީމު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިނީ އެ ޓީމާ މިއަދު ދެ ވަަނަ ފަހަރަށް ހަވާލުވި ނިޒާމްބެ އެވެ. ފުރަތަމަ ޑިވިޝަނުގައި 2015 ވަނަ އަހަރު ވާދަކުރަން ފަށައި އަހަރުން އަހަރަށް ނަތީޖާ ނެރެ ޓީސީން ފުރަތަމަ ޑިވިޝަނުގައި ފައިތިލަ ސާބިތުކުރީ ނިޒާމްބެގެ ކޯޗުކަމުގަ އެވެ. ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިން ހިމެނޭ ގޮތަށް މަސްހުނި ސްކޮޑެއް އެކުލަވާލައިގެން ފުރަތަމަ ސީޒަން ތަކުގައި ވެސް ލީގަށް ވާދަކުރި އެވެ. އަދި ގިނަ މުބާރާތްތަކުގެ ދެ ވަނަ ޓީމުގެ ގޮތުގައި އޮތީ ޓީސީ އެވެ.

ޓީސީގައި ނިޒާމްބެ ހޭދަކުރި އަހަރުތަކުގައި އެ ޓީމަށް ވަނީ 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް ގޯލްޑް ކަޕާއި 2018 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްފަ އެވެ. އެ ސީޒަނަށް ފަހު ޓީސީގެ ކޯޗުކަމުން ނިޒާމްބެ އަލުން ވަކިވިއިރު، އޭނާ އަލުން އެ ޓީމާ ހަވާލުމިވީ ގާތްގަނޑަކަށް ތިން އަހަރު ފަހުންނެވެ.

ޓީސީ ދޫކޮށްލުމަށް ފަހު ނިޒާމްބެ ވަނީ މާޒިޔާގެ އިތުރުން 16 އަހަރުން ދަށުގެ ގައުމީ ޓީމާއި ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބަށް ވެސް ކޯޗުކޮށްދީފަ އެވެ. ޓީސީ ގޮވައިގެން ނިޒާމްބެ ނުކުންނާނެ ފުރަތަމަ މެޗަކީ އަންގާރަ ދުވަހު ހަވީރު ވެލެންސިއާއާ ދެކޮޅަށެވެ.