Roadha Mihaaru
ރާއްޖޭގެ ފުޓްބޯޅައިގެ މިސްރާބު ރަނގަޅެއް ނޫން: ނިޒާމް

ލަދުވެތި ވާހަކައެއް؛ ރާއްޖޭގެ ފުޓްބޯޅަ މިދަނީ ރަނގަޅު މިސްރާބެއްގައެއް ނޫން

18 ޑިސެމްބަރ 2021

ރާއްޖޭގެ ފުޓްބޯޅަ މިދަނީ ރަނގަޅު މިސްރާބެއްގައި ނޫން ކަމަށް، ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް މިއަދު ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރާއްޖޭގެ ފުޓްބޯޅަ މިދަނީ ރަނގަޅު މިސްރާބެއްގައި ނޫން ކަމަށް، ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް މިއަދު ބުނެފި އެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތް، ޕްރެޒިޑެންޓް ކަޕުން، މި ސީޒަންގެ ފުރަަތަމަ މުބާރާތް މާދަމާ ފަށާނެ އެވެ. އެކަމަކު ސީޒަނަށް ޓީމުތައް ތައްޔާރުވި ގޮތާ ބެހޭގޮތުން ގިނަ ކްލަބުތަކުގެ ކޯޗުން ދެއްކީ ލަދު ގަންނަން ޖެހޭ ވަރުގެ ވާހަކަތަކެވެ.

ރާއްޖޭގައި ރަސްމީގޮތެއްގައި ފުޓްބޯޅަ ކުޅެން ފެށިތާ 75 އަހަރު ފުރިގެން މިހާރު ގުނަމުން މިދަނީ އަލިމަސްޔޫބީލް އެވެ. އެކަމަކު ކްލަބުތައް ހިންގުމާއި ކުޅުންތެރިން މެނޭޖް ކުރުމުގައި ރާއްޖޭގެ ފުޓްބޯޅަ އޮތީ މާފަހަތުގަ އެވެ. ނިޒާމް ބުނިގޮތުގައި ފުޓްބޯޅަ ސީޒަނަށް އެންމެ އެކަށޭނެގޮތުގައި ތައްޔާރުވި ހަމަ އެއްވެސް ޓީމެއް ނެތެވެ.

"މި ރާއްޖޭގެ ކްލަބްތައް އޮންނަ ގޮތާއި ކްލަބްތަކުގެ މާލީ ހާލަތާއި ކްލަބްތަކުގެ މަސައްކަތް ހުންނަ ގޮތާއި މި ހުރިހާ އެއްޗަކަށް ބަލާއިރު އަޅުގަނޑު ދަންނަވާނީ ކްލަބްތަކަކަށް މިއަަށް އެންމެ އެކަށީގެންވާ ގޮތުގައި ތައްޔާރެއް ނުވެވޭ،" ޕްރެޒިޑެންޓް ކަޕްގައި ޓީސީ ކުޅޭ ފުރަތަމަ މެޗުގެ ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން ނިޒާމް ބުންޏެވެ.

"ވަކި ކްލަބެއް ކިޔާނެ ކަމެއް ނެތް. ހަމަ އެއްވެސް ކްލަބަކަށް އެންމެ އެކަށީގެންވާ ގޮތަކަށް މި މުބާރާތަކަށް ތައްޔާރެއް ނުވެވޭ. ތިފާހަގަ ކުރިހެން ކްލަބުތަކަށް ވަގުތު ލިބިއްޖެ. މިދިޔަ ފެބްރުއަރީ މަހުން ފެށިގެން މިހާހިސާބަށް އައިރު ވެސް މިއޮތީ އެ ވަގުތުގެ ބޭނުން ނުހިފިފައި."

ސީޒަނަށް އެންމެ ރަނގަޅަށް ތައްޔާރުވި ޓީމު، ކަމަށް ހުރިހާ ކޯޗުން ވެސް އެއްބަސްވާ ކްލަބަކީ މާޒިޔާ އެވެ. އެކަމަކު ނިޒާމް ބުނިގޮތުގައި އެހެން ޓީމުތައް ތައްޔާރު ނުވުމަކީ މާޒިޔާއަށް ވެސް ދެރަ އެކެވެ. އެހެން ޓީމުތައް ތައްޔާރު ނުވުމުން މާޒިޔާއަށް ޕްރީ ސީޒަންގެ ރަނގަޅު މެޗެއް ކުޅެލަން ނުލިބުމުން ފާހަގަ ކުރެވުނު މައްސަލަތައް، ޗެރިޓީ ޝީލްޑް މެޗުން ވެސް ފެނިގެން ދިޔަ ކަމަށް ނިޒާމް ބުންޏެވެ.

ޓީސީ އަށް ވެސް ވަނީ މުސާރައިގެ މައްސަލަތައް ކުރިމަތިވެފަ އެވެ.

ނިޒާމް ބުނިގޮތުގައި މިދިޔަ ސީޒަންގައި އެ ކްލަބުގެ ފުރަތަމަ 11 ގައި އާންމުކޮށް ކުޅުނު ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިން ފިޔަވައި އެހެން ކުޅުންތެރިން ވަނީ ބަދަލުވެފަ އެވެ.

ކުޅުންތެރިންނަށް އާންމުދަނީ ލިބުން ދަތިވުމުން ކުޅުންތެރިންގެގެ އާންމު ހާލަތު ވަރަށް ބޮޑަށް ވެއްޓިގެން ދިޔަ ކަމަށް ނިޒާމް ބުންޏެވެ. އޭނާ ބުނީ ކޮވިޑް-19 އާ ގުޅިގެން ދިވެހި ކުޅުންތެރިން އުފުލި ތަކުލީފަކީ "ދެރަ" ހާލަތަކެވެ.

"ހާލަތު ދެރަ. އަޅުގަނޑުމެން މި ނުކުތީ ޕެންޑެމިކްގައި މުޅި ދުނިޔެ ވެސް އޮތް ހާލަތެއްގައި. ހާއްސަކޮށް ދިވެހިރާއްޖޭގައި މިއޮތް ހާލަތުން ދިވެހިރާއްޖޭގެ މި ކުޅުންތެރިން ތަހަންމަލު ކުރި ކަންތައްތަކަކީ ކޮންމެ ކޮންމެ މީހަކަށް ގަބޫލު ވެސް ކުރެވޭނެ ކަންތައްތަކެއް ނޫން. ވަރަށް ހާލުގައި އުޅެފައި ކުޅުންތެރިން [އާ ސީޒަނަށް] މިނުކުތީ."

އޭނާ ބުނީ ރާއްޖޭގެ ކްލަބުތަކުގެ މިއޮތް ހާލަތު ބަދަލުވާން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ފުޓްބޯޅަ ކުޅޭ ސްޓައިލް އާއި ގޭމް ވެސް ބަދަލުވާން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު ގަބޫލުކުރަނީ އެ މަސައްކަތް ވަރަށް އަވަހަށް ފަށައިގަންނާނެ ކަމަށް. މިރާއްޖޭގެ ފުޓްބޯޅަ އަދި މިދަނީކީ ރަނގަޅު މިސްރާބެއްގައެއް ނޫނޭ ދަންނަވަން ޖެހޭނީ،" މިއަދުގް ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ނިޒާމް ބުންޏެވެ. "ރަނގަޅު މިސާރާބަކަށް ގެންދިއުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ވަރަށް ބައިވަރު."

ޕްރެޒިޑެންޓް ކަޕްގައި ޓީސީ ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ކްލަބް އީގަލްސްއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ ހޯމަ ދުވަހުގެ ރޭ 9 ޖަހާއިރު އެވެ.