Roadha Mihaaru
އީގަލްސް ބޮޑު ޓީމުތަކުގެ ސަފަށް: ކޯޗަށް އުފާވެރިކަން!

އީގަލްސް ބޮޑު ޓީމުތަކުގެ ސަފަށް: ސާންތީގެ އެންމެ ބޮޑު އުފާ!

29 ނޮވެމްބަރ 2016

ޕްރެޒިޑެންޓްސް ކަޕުގެ ކާމިޔާބީއާ އެކު ދެ އުފަލެއް ލިބިއްޖެ ކަމަށާއި އެންމެ ބޮޑު އުފަލަކީ ބޮޑު ޓީމުތަކުގެ ސަފަށް އީގަލްސް އަރުވައިދިނުން ކަމަށް ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޕްރެޒިޑެންޓްސް ކަޕުގެ ކާމިޔާބީއާ އެކު ދެ އުފަލެއް ލިބިއްޖެ ކަމަށާއި އެންމެ ބޮޑު އުފަލަކީ ބޮޑު ޓީމުތަކުގެ ސަފަށް އީގަލްސް އަރުވައިދިނުން ކަމަށް ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ބުނެފި އެވެ.

ޓީސީ ސްޕޯޓްސް ކްލަބާ ވާދަކޮށް މިރޭ އީގަލްސް 1-0 އިން މޮޅުވެ، ޕްރެޒިޑެންޓްސް ކަޕްގެ ތަށި އުފުލާލިއިރު، މިއީ ފުރަތަމަ ޑިވިޝަންގައި އެ ޓީމަށް ލިބުނު ފުރަތަމަ ކާމިޔާބީ އެވެ. މިރޭގެ މެޗުގައި އީގަލްސްގެ ހަމައެކަނި ލަނޑު އިތުރު ވަގުތުގެ ފުރަތަމަ ހާފްގައި ކާމިޔާބުކުރީ ޒުވާން ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) އެވެ.

"އަލްހަމްދުލިއްލާހި. ވަރަށް އުފާވެފައި މިހުރީ. ތިން އަހަރާ ބައިން ކުރި މަސައްކަތުގެ ނަތީޖާ މިއީ. އަބަދުވެސް ބުނަމުން އައީ އީގަލްސް މިއޮތީ ތަށްޓަކާ ވަރަށް ގާތުގަޔޭ. އެކަމަކު ނޭނގުނީ ލިބޭނެ ދުވަހެއް. މިއަދު މިއޮތީ ކުޅުންތެރިންނާއި މެނޭޖްމަންޓް އަދި ސަޕޯޓަރުންނާ އެކު މި ކާމިޔާބީ ހޯދާފައި،" ސާންތީ ބުންޏެވެ.

ފުރަތަމަ ޑިވިޝަންގައި ހޯދި ފުރަތަމަ ތަށްޓާ އެކު މިހާރު އީގަލްސް އަކީ ބޮޑު ޓީމަކަށް ވެފައިވާ ކަމަށް ސާންތީ ބުންޏެވެ.

"މި ސާބިތު ކޮށްދެވުނީ އީގަލްސް އަކީ ބޮޑު ޓީމެއްކަން. ހަގީގަތުގައި ދެން އޮތީ ބޮޑު މަސައްކަތް. ބޮޑު ޓީމެއްގެ ގޮތުގައި ދެމެހެއްޓުން އެއީ ފަސޭހަ ކަމެއް ނޫން،" 2008 ވަނަ އަހަރު ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި ސާންތީ ބުންޏެވެ.

"އީގަލްސްގައި މިތިބީ މުސްތަގުބަލުގައި ރާއްޖޭގެ ފުޓްބޯޅައިގެ ތަރިން"

އީގަލްސް އަކީ އެންމެ ފަހުން ކުޅުނު ޔޫތު ދެ މުބާރާތުގެ ވެސް ޗެމްޕިއަން ޓީމެވެ. ސާންތީ ބުނީ އީގަލްސް އަކީ އޭނާ މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ފެށި ޕްރޮޖެކްޓެއް ކަމަށެވެ.

ޓީސީގެ ލިލީ (ކ) ކައިރިން ބޯޅަ ހޯދަން އީގަލްސްގެ ރިޒޭ މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓީސީގެ ލިލީ (ކ) ކައިރިން ބޯޅަ ހޯދަން އީގަލްސްގެ ރިޒޭ މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ހަގީގަތުގައި ދެ އުފާ މި ލިބުނީ. ސުމަކުން ފެށި މަސައްކަތެއްގެ ނަތީޖާ މިއީ. އީގަލްސް އަށް ތަށްޓެއް ހޯދައިދިނުމުގެ އިތުރުން މިއީ ރާވައިގެން ޓީމެއް ބިނާކޮށްގެން ކުރި މަސައްކަތް. މި ޓީމުގައި މިތިބީ މުސްތަގުބަލުގައި ދިވެހި ފުޓްބޯޅަ ޑޮމިނޭޓް ކުރާނެ ކުޅުންތެރިން. މި ކުޅުންތެރިން ތިބީ އީގަލްސް ދޫކޮށްލާ ގޮތަކަށް ނޫން،" ސާންތީ ބުންޏެވެ.

އޭނާ ބުނީ ކޯޗިން ކެރިއަރުގައި ފުރަތަމަ ތަށި ލިބުން ލަސްވި ކަމަށް ވިޔަސް އެކަމާ މެދު ނުވިސްނާ ކަމަށެވެ.

"ފާޑުކިޔުންތަކަށް އަޅުގަނޑު އަޅައެއް ނުލަށް. މި ޓީމަކީ ހަދާފައި އޮތް އެއްޗެއް ނޫން. މިއީ އަޅުގަނޑުގެ ކޯޗިން ސްޓާފުންނާއި އަޅުގަނޑުމެންގެ މަސައްކަތުން ތައްޔާރުކުރި ޓީމެއް. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ކާމިޔާބީ އަކީ ތަށި. އެކަމަކު އެޔާ އެއްވަރަށް އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް ޒުވާން ކުޅުންތެރިން ގޮވައިގެން އެ ކުޅުންތެރިންގެ ކުރިއެރުމަށް މަސައްކަތް ކުރުމަކީ،" ސާންތީ ބުންޏެވެ.

"ބޮޑު އަގުގައި ކުޅުންތެރިން ގަނެގެން ކުރިއަށްދާނެ ޓީމެއް ނޫން އީގަލްސް އަކީ. މި ޓީމަކީ ޒުވާން ކުޅުންތެރިންނަށް އަބަދުވެސް ފުރުސަތު ދޭނެ ޓީމެއް."

ޓީސީ އާއި އީގަލްސް އަކީ ފުޓްބޯޅަ އަށް ވަރަށް ރަނގަޅު މަަސައްކަތެއް ކޮށްދެމުން އަންނަ ދެ ޓީމުކަން ސާންތީ ފާހަގަކުރި އެވެ.

"ހަގީގަތުގައި އީގަލްސް އާއި ޓީސީ އަކީ ފުޓްބޯޅަ އަށް ދާދި އެއް ކަހަލަ މަސައްކަތެއް ކޮށްދެމުން އަންނަ ދެ ޓީމު. ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން އެބަޖެހޭ. މުސްތަގުބަލެއް އޮތީ އޭރުން. މަތީ ފެންވަރުގައި އެ ކުޅުންތެރިންނަށް ހިފަހައްޓާލެވޭނީ މެޗު ކުޅުވައިގެން. އަޅުގަނޑު ޓީސީ ކޯޗު ނިޒާމްބެގެ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރަން،" ސާންތީ ބުންޏެވެ.

މި ސީޒަނުގެ ނިޔަލަށް އީގަލްސްއާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވެފައިވާ ކަމަށާއި މުސްތަގުބަލާ ގުޅޭގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ސާންތީ ބުންޏެވެ.