Roadha Mihaaru
ޕްރެޒިޑެންޓްސް ކަޕްގައި ޓީސީން އީގަލްސް ބަލިކޮށްފި

ޕްރެޒިޑެންޓްސް ކަޕްގައި ޓީސީން އީގަލްސް ބަލިކޮށްފި

21 ޑިސެމްބަރ 2021

ޕްރެޒިޑެންޓްސް ކަޕްގައި މިރޭ، ކްލަބް އީގަލްސްގެ މައްޗަށް 1-0 ގެ ނަތީޖާއަކުން، ޓީސީ ސްޕޯޓްސް ކްލަބުން، ކާމިޔާބު ހޯދައިފި އެވެ.

ޕްރެޒިޑެންޓްސް ކަޕްގައި މިރޭ، ކްލަބް އީގަލްސްގެ މައްޗަށް 1-0 ގެ ނަތީޖާއަކުން، ޓީސީ ސްޕޯޓްސް ކްލަބުން، ކާމިޔާބު ހޯދައިފި އެވެ.

މެޗުގައި ތަފާތަކަށް ފެނުނީ ޓީސީ އަށް ލިބުނު ޕެނަލްޓީ އެވެ. މެޗުގެ 80 ވަނަ މިނެޓްގައި ޓީސީ އަށް ޕެނަލްޓީ ލިބުނީ އެ ޓީމު އަބްދުލް ވާހިދު އިބްރާހިމް (ވާޑް) އަށް އީގަލްސްގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އަބްދުﷲ ސަމީހް މޫސާ ފައުލް ކުރުމުންނެވެ.

ޕެނަލްޓީ ވައްދާލައި ޓީސީ އަށް ލަނޑު ޖަހަިދިނީ ހުސައިން އީނާޒް އެވެ. އޭނާ ޕެނަލްޓީ ފޮނުވާލީ އީގަލްސްގެ ލުބުނާންގެ ކީޕަރު މުހައްމަދު ތޯހާ އަށް މިސްރާބު އޮލޫވާލުމަށް ފަހު އެވެ.

ޓީސީ އާއި އީގަލްސް މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

ޓީސީ އާއި އީގަލްސް މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

މެޗުގައި އީގަލްސްގެ ހަސަން ރާއިފް އަހްމަދު އަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނެވެ. މެޗުގައި ފެނުނު އަނެއް މައްސަލަ އަކީ ގިނަ ކުޅުންތެރިންނަށް ކުދިކުދި އަނިޔާގެ މައްސަލަތައް ކުރިމަތި ވުމެވެ.

އާ ސީޒަނަށް އީގަލްސް ވެސް އަދި ޓީސީ ވެސް ނުކުތީ އެންމެ އެކަށީގެންވާ ޕްރެކްޓިސްތަކެއް ކުރުމަށް ފަހު އެއް ނޫނެވެ. ދެ ޓީމުން ކުރެ އެއްްވެސް ޓީމަކަށް ޕްރީ ސީޒަނަނެއް ހަދާކަށް ވަގުތެއް ނުހޯދުނެވެ.

ޕްރެޒިޑެންޓް ކަޕް މެޗެއް ދެން އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ. ހުކުރު ދުވަހު ހަވީރު ކުޅޭ މެޗުގައި ވާދަ ކުރާނީ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް އާއި ޓީސީއެވެ. އެ ރޭ ކުޅޭ މެޗުގައި ވާދަ ކުރާނީ މާޒިޔާ އާއި އީގަލްސް އެވެ.