Roadha Mihaaru
ނިއު، އީގަލްސް އަދި ޓީސީ އެއް ގްރޫޕަކަށް

ނިއު ރޭޑިއަންޓް، އީގަލްސް އަދި ޓީސީ އެއް ގްރޫޕަކަށް

10 ނޮވެމްބަރ 2016

އަންނަ އަންގާރަ ދުވަހު ފަށާ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި 2013 ވަނަ އަހަރުގެ ޗެމްޕިއަން ނިއު ރޭޑިއަންޓާއި ކްލަބް އީގަލްސް އަދި ޓީސީ ސްޕޯޓްސް ކްލަބް އެއް ގްރޫޕެއްގައި ލައްވާލައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އަންނަ އަންގާރަ ދުވަހު ފަށާ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި 2013 ވަނަ އަހަރުގެ ޗެމްޕިއަން ނިއު ރޭޑިއަންޓާއި ކްލަބް އީގަލްސް އަދި ޓީސީ ސްޕޯޓްސް ކްލަބް އެއް ގްރޫޕެއްގައި ލައްވާލައިފި އެވެ.

އީގަލްސް އާއި ޓީސީ އެއް ގްރޫޕަކަށް ދިޔައިރު މި ދެ ޓީމަކީ މި ސީޒަނުގައި އެންމެ ވާދަވެރިކަން ބޮޑު ދެ ކްލަބެވެ. އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ބޮޑުބައިގައި އީގަލްސް ދެ ވަނަ މަގާމުގައި އޮތް ނަމަވެސް ފަހު ދެ ބުރު ނަތީޖާތައް ރަނގަޅުކޮށް ޓީސީން ލީގު ނިންމާލީ ދެ ވަނައިގަ އޮވެ އެވެ. އަދި އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި އީގަލްސް ކެޓީ ޓީސީ އަތުން ބަލިވުމުންނެވެ.

ގްރޫޕް ބީގައި އޮތީ މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ސ. ފޭދޫ އާއި މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާގެ އިތުރުން މުޅިން އަލަށް މި މުބާރާތުގައި ވާދަކުރާ ޔުނައިޓެޑް ވިކްޓަރީ އެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހު ހަވީރު ނިއު ބައްދަލުކުރާނީ އީގަލްސްއާ އެވެ. އެރޭ ކުޅޭ މެޗުގައި މާޒިޔާ ނުކުންނާނީ ފޭދޫއާ ދެކޮޅަށެވެ. މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލުގައި މި މަހު 24 ވަނަ ދުވަހު ގްރޫޕް އޭގެ އެއް ވަނަ ޓީމު ނުކުންނާނީ ގްރޫޕް ބީގެ ދެ ވަނަ ޓީމާ ދެކޮޅަށެވެ. ދެ ވަނަ ސެމީ ފައިނަލުގައި ގްރޫޕް ބީގެ އެއް ވަނަ ޓީމު ކުޅޭނީ ގްރޫޕް އޭގެ ދެ ވަނަ ޓީމާ ދެކޮޅަށް މި މަހު 25 ވަނަ ދުވަހު އެވެ. ސެމީ ފައިނަލް ދެ މެޗު ވެސް އޮންނާނީ ރޭގަނޑުގަ އެވެ. ފައިނަލް އޮންނާނީ މި މަހު 29 ވަަނަ ދުވަހުގެރޭގަ އެވެ.

ޕްރެޒިޑެންޓްސް ކަޕް މެޗުތައް:

15 ނޮވެމްބަރު 2016: ގްރޫޕް އޭ: ނިއު - އީގަލްސް، 16:00

ގްރޫޕް ބީ: ފޭދޫ - މާޒިޔާ، 21:00

18 ނޮވެމްބަރު 2016: ގްރޫޕް އޭ: އީގަލްސް - ޓީސީ، 16:00

ގްރޫޕް ބީ: ފޭދޫ - ޔުނައިޓެޑް ވިކްޓަރީ، 21:00

21 ނޮވެމްބަރު 2016: ގްރޫޕް އޭ: ނިއު - ޓީސީ، 16:00

ގްރޫޕް ބީ: މާޒިޔާ - ޔުނައިޓެޑް ވިކްޓަރީ، 21:00

މިއީ ފޭދޫ ޓީމު ގައުމީ މުބާރާތުގެ އިތުރުން ފުރަތަމަ ޑިވިޝަނުގެ މުބާރާތެއްގައި ވެސް ވާދަކުރާ ފުރަތަމަ ފަހަރެވެ. އެކަމަކު ފޭދޫއަށް ނިސްބަތްވާ ޑީއެންސީ ވަނީ 1970 ވަނަ އަހަރުގެ ގައުމީ މުބާރާތުގެ ޖޮއިން ޗެމްޕިއަންކަން ހޯދައިފަ އެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އަދި ތަށި ދެ ފަހަރު މިލްކުކޮށްފައިވާ ވިކްޓަރީ އަށް މި ފަހަރު ވެސް ފުރުސަތެއް ނުލިބެ އެވެ. މީގެ އިތުރުން މި މުބާރާތް ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ވެލެންސިއާ އަށް ވެސް، ގަދަ ހަތަރެެއްގައި ނުހިމެނޭތީ ފުރުސަތެއް ނެތެވެ. މުބާރާތުގައި ކުޅޭ އެންމެ ކާމިޔާބު ޓީމަކީ ނިއު އެވެ. އެ ޓީމު ވަނީ މި މުބާރާތް 12 ފަހަރު ކާމިޔާބު ކޮށްފަ އެވެ.