Roadha Mihaaru
ޓީސީން ޕްރެސް ބޮއިކޮޓް އުވާލައިފި، ސަސްއިން ބޮއިކޮޓް

ޓީސީން ޕްރެސް ބޮއިކޮޓް އުވާލައިފި، ސަސްއިން ބޮއިކޮޓްކޮށްފި

24 ޑިސެމްބަރ 2021

"މިހާރު" ނޫސް ބައިވެރި ވާތީ ޕްރެސް ކޮންފަރެންސްތައް ބޮއިކޮޓްކުރި، ޓީސީ ސްޕޯޓްސް ކްލަބުން ބޮއިކޮޓް އުވާލައި، "މިހާރު" ނޫހުގެ ހާޒިރުގައި ޕްރެސް ކޮންފަރެންސް ކުރިއަށް ގެންގޮސް މީޑިއާގެ ސުވާލުތަކަށް ޖަވާބު ދީފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

"މިހާރު" ނޫސް ބައިވެރި ވާތީ ޕްރެސް ކޮންފަރެންސްތައް ބޮއިކޮޓްކުރި، ޓީސީ ސްޕޯޓްސް ކްލަބުން ބޮއިކޮޓް އުވާލައި، "މިހާރު" ނޫހުގެ ހާޒިރުގައި ޕްރެސް ކޮންފަރެންސް ކުރިއަށް ގެންގޮސް މީޑިއާގެ ސުވާލުތަކަށް ޖަވާބު ދީފި އެވެ.

ޕްރެޒިޑެންޓް ކަޕްގައި މިއަދާއި މާދަމާ ކުޅެން ހަމަޖެހިފައިވާ މެޗުތަކުގެ ޕްރީ މެޗު ޕްރެސް، ފުރަތަމަ ޑިވިޝަންގެ ހަތް ކްލަބަކުން ބޮއިކޮޓް ކުރީ، "މިހާރު" ނޫސް ބައިވެރި ވާތީ ކަމަށް ބުނެ އެވެ. ސަބަބެއް ކަމަށް ކްލަބްތަކުން ބުނެފައި ވަނީ، ރާއްޖޭގެ ފުޓްބޯޅަ އަށް ގެއްލުންވާ ގޮތަށް، ހަގީގަތާ ހިލާފަށް "މިހާރު" އިން ޚަބަރާއި މައުލޫމާތު ގެނެސްދޭތީ ކަމަށެވެ.

ޕްރެސް އިއްޔެ ބޮއިކޮޓް ނުކުރި ހަމައެކަނި ކްލަބަކީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކްލަބް (ސަސް) އެވެ. އެކަމަކު މިއަދުގެ މެޗަށް ފަހު އޮތް ޕޯސްޓް މެޗު ޕްރެސް އަށް ސަސްގެ ކޯޗު އިސްމާއީލް މަހުފޫޒް (އިންމަ) ހާޒިރުވެފައެއް ނުވެ އެވެ. މިއަދުގެ ޕްރެސް އަށް ސަސް ހާޒިރު ނުވާނެ ކަމަށް އެބކްލަބުން މެޗު ކޮމިޝަނަރަށް އެންގާފައިވާ ކަމަށް އެފްއޭއެމްގެ އޮފިޝަލް ބުންޏެވެ. ޕްރެސް ބޮއިކޮޓް ކުރި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ. ޕްރެސް ރޫމްގެ ބޭރުން ވެސް ވާހަކަ ދައްކަން އިންމަ ވަނީ ދެކޮޅު ހަދައިފަ އެވެ.

ޓީސީގެ މެނޭޖްމެންޓުން އިއްޔެ ޕްރެސް ބޮއިކޮޓް ކުރުމަށް ފަހު، މިއަދު ޕްރެސް ބޮއިކޮޓް އުވާލައި ޕްރެސް އަށް ހާޒިރުވާން ނިންމި ސަބަބާބެހޭ ގޮތުން ވާހަކަ ދައްކާކަށް އެ ޓީމުގެ ކޯޗް މުހައްމަދު ނިޒާމް ބޭނުމެއް ނުވި އެވެ.

އެކަމާ ބެހޭގޮތުން ނޫސްވެރިން، އޭނާއާ ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ޖަވާބު ދޭން ދެކޮޅު ހެދި އެވެ. އޭނާ ބުނީ މެޗުގެ ޕޯސްޓް މެޗް ޕްރެސް އަށް އޭނާ ހާޒިރުވީ ހަމައެކަނި މެޗާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ކަމަށެވެ. އެންމެ ފުރަތަމަ އެ ސުވާލު އޭނާއާ ކުރިމަތި ކުރީ ވެސް "މިހާރު"ންނެވެ.

"އަޅުގަނޑަށް ރަނގަޅީ މެޗާ ބެހޭގޮތުން ސުވާލު ކުރިއްޔާ. އެހެން ސުވާލުތަކަށް އަޅުގަނޑަށް ޖަވާބެއް ނުދެވޭނެ،" ޕްރެސްގައި ވާހަކަ ދައްކަމުން ނިޒާމް ބުންޏެވެ.

ނޫސްވެރިން އެކަމާ ބެހޭގޮތުން އިތުރު ސުވާލު ކުރުމުން، ނިޒާމް ބުނީ އޭނާ އަށް ރަނގަޅީ އެކަން ހިނގާދިޔަ ގޮތާ ބެހޭގޮތުން ކްލަބުގެ މެނޭޖްމެންޓާ ސުވާލު ކުރިއްޔާ ކަމަށެވެ.

މުބާރާތުގެ ގަވާއިދުގައިވާ ގޮތުން މެޗުތަކުގެ ޕްރީ މެޗު އަދި ޕޯސްޓް މެޗު ޕްރެސް ކޮންފަރެންސަށް ހާޒިރުވެ މީޑިއާ އަށް މައުލޫމާތު ދިނުމަކީ ކްލަބްތަކުން ކުރަން ޖެހޭނެ ކަމެކެވެ. އެހެންވެ، ޕްރެސް ކޮންފަރެންސްތަކުގައި ބައިވެރިނުވުމަކީ އެ ކްލަބްތަކުން ގަވާއިދާ ހިލާފުވުމެވެ. އެފްއޭއެމުން ބުނީ ޕްރެސް ކޮންފަރެންސް ބޮއިކޮޓްކުރި ކްލަބްތަކުގެ މައްސަލަ ބަލާނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި، ކްލަބްތަކުން "މިހާރު" ނޫސް ބޮއިކޮޓްކޮށް ޕްރެސް ކޮންފަރެންސްގައި ބައިވެރި ނުވީ، "މިހާރު" ނޫހުން ކުޅިވަރު ޚަބަރުތަކުގެ ސުރުހީތައް ގެންނަ ގޮތާއި ކުޅިވަރު ޚަބަރު ފަތުރާ ގޮތާމެދު ހިތްހަމަ ނުޖެހޭތީ އެވެ. ރާއްޖޭގެ ފުޓްބޯޅަ އާއި އެފްއޭއެމްގެ މައްސަލަތަކާ ގުޅޭ ގޮތުން އެ އިދާރާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަދި ކުޅިވަރުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި، އެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަަމަށްވާ ހާމިދު އަބްދުލްޣަފޫރު "މިހާރު" ގައި ކޮންމެ ބުދަ ދުވަހަކު ލިޔުއްވާ ކޮލަމާ މެދު ވެސް އެ ކްލަބްތަކުން ހިތްހަމަނުޖެހޭ މައްސަލަ ފާހަގަ ވެފައިވާކަން ވެސް ވަނީ އެނގިފަ އެވެ.