Roadha Mihaaru
ޓީސީ ބަލިކޮށް ސަސް އަށް ހަމަޖެހުމެއް

ޓީސީ ބަލިކޮށް ސަސް އަށް ހަމަޖެހުމެއް

24 ޑިސެމްބަރ 2021

ޕްރެޒިޑެންޓްސް ކަޕްގައި މިއަދު ހަވީރު، ޓީސީ ސްޕޯޓް ކްލަބްގެ މައްޗަށް 3-1 އިން ކާމިޔާބު ހޯދައި، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ހަމަޖެހުމުގެ ނޭވާއެއް ލައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޕްރެޒިޑެންޓްސް ކަޕްގައި މިއަދު ހަވީރު، ޓީސީ ސްޕޯޓް ކްލަބްގެ މައްޗަށް 3-1 އިން ކާމިޔާބު ހޯދައި، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ހަމަޖެހުމުގެ ނޭވާއެއް ލައިފި އެވެ.

މުބާރާތުގައި، ސަސް ކުޅުނު ފުރަތަމަ މެޗުގައި މާޒިޔާ އަތުން ބަލިވީ 2-0 އިންނެވެ. ޓީސީ ކުޅުނު ފުރަތަމަ މެޗުގައި އީގަލްސް އަތުން މޮޅުވީ 1-0 އިންނެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ސަސްގެ ފުރަތަމަ ލަނޑު ޖެހީ އަހްމަދު އައިހަމް އެވެ. ސަސްގެ ހާފުގެ ތެރެއިން ޓީމުގެ ކުޅުންތެރިން، އައިހަމަށް ބޯޅަ ދިނީ ޓީސީގެ ހާފުގެ ތެރޭގައި އައިހަމް ހުސްކޮށް ހުރުމުންނެވެ. ޓީސީގެ ހާފުގެ މެދެއްހާ ހިސާބުން އޭނާ އަށް ލިބުނު ބޯޅަ ހިފައިގެން ބާރު ސްޕީޑްގައި ގޮސް އޭރިއާ ތެރެއަށް ވަދެ، ޓީސީގެ ކީޕަރު އާދަމް އިމްއާން އަށް ވެސް ފުރުސަތު ނުދީ ތިރިތިރިން ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ.

ޓީސީގެ މިޑްފީލްޑަރު، އަހްމަދު ރިލްވާން (ބެން) ވަނީ އައިހަމް އޮފްސައިޑް ވެފައިވާ ކަމަށް ބުނެ ލައިސްމަން ގާތު ވަރަށް ބޮޑަށް ޝަކުވާކޮށްފަ އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓްގައި ސަސްގެ ދެވަނަ ލަނޑު ޖެހީ އިބްރާހިމް އަތީގް ހަސަން އެވެ. މިފަހަރު އޭނާ ވެސް ހުރީ އޮފްސައިޑް މަޅިން ނެއްޓި އެވެ. ސަސްގެ ހާފުގެ ތެރެއިން އޭނާ އަށް ނަގައިދިން ބޯޅަ ހިފައިގެން އޭރިއާގެ ތެރެއަށް ވަދެ ބޯޅަ ފޮނުވާލީ ކީޕަރު އިމްއާންގެ ބޯމަތިން ގޯލްގެ މެދުތެރެ އަށެވެ.

މެޗުގެ 60 ވަނަ މިނެޓްގައި ޓީސީގެ މުހައްމަދު މާއީޝް މައުސޫމަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާގެ ބޭރުން ޓީސީގެ ހަމްދޫން އަބްދުލް ލަތީފް ނަގައިދިން ބޯޅަ، ކޮންޓްރޯލް ކުރަން ކ. ހުރާގެ ހުއްރިޔާ ސްޕޯޓްސް ކްލަބްގެ ކުރީގެ ލެޖެންޑް މައުސޫމް އަބްދުލްޣަފޫރު (މާސޭ) ގެ ދަރިފުޅު، މާއިޝް ހުސްކޮށް ހުރެ މަސައްކަތް ކުރި ނަމަވެސް ބޯޅަ ކޮންޓްރޯލް ކުރެވޭ ގޮތެއް ނުވި އެވެ. އޭނާ ކޮންޓްރޯލް ކުރަން މަސައްކަތް ކުރި ބޯޅަ އޭނާގެ ފައިގައި ޖެހިފައި ލިބުނީ ސަސްގެ ކީޕަރު، މުހައްމަދު ޝަފީއު (ޗެކް) އަށެވެ.

ޓީސީގެ ލަނޑު ތޮލާލް ނަސީމް ޖެހީ ހިތްގައިމު ހިލޭ ޖެހުމަކުންނެވެ. އެއީ މެޗުގެ 67 ވަނަ މިނެޓްގައި ސަސްގެ އޭރިއާގެ ބޭރުން ޓީސީގެ އަހްމަދު މައިޝް އަށް ސަސްގެ ކުޅުންތެރިން ފައުލް ކުރުމުން ދިން ހިލޭޖެހުމެކެވެ. އޭރިއާގެ ބޭރުން އޭރިއާ ރޮނގު ކައިރިން ލިބުނު ހިލޭ ޖެހުން ތޮލާލް ފޮނުވާލީ ގޯލްގެ އެތެރެއިން މަތީ ދާގަނޑަށެވެ.

މެޗުގެ 72 ވަނަ މިނެޓްގައި ޓީސީން ނަތީޖާ ހަމަހަަމަ ކުރެވުނު ކަމަށް ބަލައި އުފާފާޅު ކުރި އެވެ. އެއީ ޓީސީން އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ތޮލާލް ބޮލުން ފޮނުވާލައި ގޯލްގެ ތެރެއަށް ވައްދާލުމާ އެކުގަ އެވެ. އެކަމަކު އެސިސްޓެންޓް ރެފްރީ ޖައުފަރު ރަޝީދު ހުރީ އޮފްސައިޑް ކަމަށް ދިދަ ނަގައިގެންނެވެ.

މެޗުގެ 76 ވަނަ މިނެޓްގައި އަތީގް ވަނީ ސަސްގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. މެޗުގެ 80 ވަނަ މިނެޓްގައި ޓީސީ އަށް ޕެނަލްޓީއެއް ލިބުނެވެ. ސަސްގެ އޭރިއާގެ ތެރެއިން ޓީސީގެ ރިލްވާން އަށް، ސަސްގެ ޑިފެންޑަރު އަހްމަދު ފައްރާހް (ފައްރަ) ފައުލް ކުރުމުން ދިން ޕެނަލްޓީ ޖަހަން ދިޔައީ ހަސަން އީނާޒް އެވެ. މިދިޔަ ހޯމަ ދުވަހުގެ ރޭ، ކްލަބް އީގަލްސްއާ ދެކޮޅަށް ޓީސީ އަށް ޕެނަލްޓީ ޖަހައިދިން އީނާޒް އަކަށް މިފަހަރު ޕެނަލްޓީ ކާމިޔާބެއް ނުކުރެވުނެވެ. އޭނާ ފޮނުވާލި ޕެނަލްޓީ ސަސް ކީޕަރު ޝަފީއު ދިފާއު ކުރި އެވެ.

ޝަފީއު ދިފާއު ކުރި ޕެނަލްޓީ ރީބައުންސް ވުމުން، ޓީސީގެ ކުޅުންތެރިންނަށް ބޯޅަ ލިބުނެވެ. ޓީސީގެ ކުޅުންތެރިން ގޯލަށް ވައްދާލަން ފޮނުވާލި ބޯޅަ ފައްރާހް ސާފްކޮށްލީ ގޯލްގެ ތެރެއަށް ވަދެވަދެއް އޮއްވައި ގޯލްގެ ރޮނގުމަތިންނެވެ.