Roadha Mihaaru
ޑިފެންސިވް ގޭމެއް ކުޅެގެން ފާޑުކިޔާތީ ކަންބޮޑެއް ނުވޭ

ޑިފެންސިވް ގޭމެއް ކުޅެގެން ފާޑުކިޔާތީ ކަންބޮޑެއް ނުވޭ: އިންމަ

24 ޑިސެމްބަރ 2021

ޑިފެންސިވް ގޭމެއް ކުޅެގެން، ބައެއް ފަރާތްތަކުން އެކަމަށް ފާޑު ކިޔަސް، އެކަމާ ކަންބޮޑު ނުވާ ކަމަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކޯޗު އިސްމާއީލް މަހްފޫޒު (އިންމަ) ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޑިފެންސިވް ގޭމެއް ކުޅެގެން، ބައެއް ފަރާތްތަކުން އެކަމަށް ފާޑު ކިޔަސް، އެކަމާ ކަންބޮޑު ނުވާ ކަމަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކޯޗު އިސްމާއީލް މަހްފޫޒު (އިންމަ) ބުނެފި އެވެ.

ޕްރެޒިޑެންޓްސް ކަޕްގައި ސަސް ކުޅުނު ފުރަތަމަ މެޗުގައި، މާޒިޔާއާ ދެކޮޅަށް ޑިފެންސިވް ގޭމެެއް ކުޅެފައިވުމުން ބައެއް ފަރާތްތަކުން ވަނީ އެކަމަށް ފާޑު ކިޔައިފަ އެވެ. ޗެރިޓީ ޝީލްޑްގައި މާޒިޔާ ކުޅުނު މެޗުގައި ވެލެންސިިއާގެ މައްޗަށް 5-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން މޮޅުވިޔަސް، ސަސްއާ ދެކޮޅަށް ކުޅުނު މެޗުގައި މާޒިޔާ މޮޅުވީ 2-0 އިންނެވެ. އަދި އޯޕަން ޕްލޭގައި މާޒިޔާ އަށް ލަނޑެއް ނުޖެހުނެވެ. އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ކޯނަރުން ތަނަވަސްވި ފުރުސަތުތަކުންނެވެ.

އެމެޗަށް ފަހު މާޒިޔާގެ ކޯޗު، މުހައްމަދު ޝިޔާޒު (މޯހަން) ބުނީ މާޒިޔާއާ ދެކޮޅަށް ކޮންމެ ޓީމެއް ކުޅުނު ނަމަވެސް އެ ޓީމެއް ކުޅޭނީ ޑިފެންސިވް ގޭމެއް ކަމަށާއި އެގޭމް ރޫޅާލައި ނަތީޖާ ނެރެވޭނެ ގޮތަކަށް މާޒިޔާއިން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ޕްރެޒިޑެންޓް ކަޕްގައި މިއަދު ހަވީރު ޓީސީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އިންމަ ބުނީ، ސަސްއާ ދެކޮޅަށް ނުކުންނަ އެއްވެސް ޓީމެއް ސަސްއިން އަންޑައެސްޓިމޭޓް ނުކުރާނެ ކަމަށެވެ. ކޮންމެ ޓީމަކާ ދެކޮޅަށް ވެސް ކުޅޭނީ އެ ޓީމަކާ ދެކޮޅަށް ނަތީޖާ ނެރެވޭނެ އެންމެ ރަނގަޅު ގޭމް ސްޓައިލަކީ ކޮބައިތޯ ބަލައިގެން ކަމަށް އިންމަ ބުންޏެވެ.

"ފުޓްބޯޅައިގައި ހުރިހާ ކަމެއް ފެއާވާނެ ދެއްތޯ. މީގައި ހަމައެކަނި ފަހަތަށް ފައިބައިގެން ތިބެ ޑިފެންސް ވެސް ކުރީކީ ނޫން. ބައެއް ފަހަރު އިދިކޮޅު ޓީމުގެ އޭރިއާ މަތީގައި ޕްރެސްކޮށްލައިގެން ވެސް ކުޅުނިން. އެކި މީހުންގެ ވިސްނުން ވެސް އެކި މެޗުތަކުގައި ހުންނާނީ އެކިގޮތްގޮތަށް. އެހެންވީމަ އަޅުގަނޑު މާބޮޑަށް ކޮންސާންވާ ކަމެއް ނޫން އެކަމަކީ،" ޑިފެންސިވް ގޭމެއް ކުޅެގެން އަމާޒުވާ ފާޑުކިޔުންތަކަށް ދޭނެ ރައްދަކީ ކޮބައިތޯ އެހެމުން އިންމަ ޖަވާބު ދިނެވެ.

މިއަދާއި މާދަމާ ކުޅެން ހަމަޖެހިފައިވާ މެޗުތަކާ ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސަށް ހާޒިރުވި ހަމައެކަނި ކޯޗު، އިންމަ ބުނީ ޓީސީއާ ދެކޮޅަށް އޭނާގެ ޓީމު ނުކުންނާނީ ނަތީޖާ ނެރުމާއެކު މޮޅު ކުޅުމެއް ވެސް ދެއްކުމުގެ އަމާޒުގައި ކަމަށެވެ.

ޑިސެމްބަރު މަހަކީ، ރަށްރަށުގައި ގިނަ މުބާރާތްތަކެއް ބާއްވާ ދުވަސްވަރެކެވެ. ފުރަތަމަ ޑިވިޝަންގެ ގިނަ ކުޅުންތެރިން ދަނީ ރަށް ރަށުގައި އޮންނަ މުބާރާތްތަކުގައި ކުޅެމުންނެވެ. އިންމަ ބުނީ ސަސްގެ ބައެއް ކުޅުންތެރިން ލައްވައި ކުޅުވުމަށް ވެސް، ރަށްރަށުގެ ބައެއް ޓީމުތަކުން އެކްލަބާ ވާހަކަ ދައްކާފައިވާ ކަމަށެވެ.

އިންމަ ބުނީ ކުޅުންތެރިން ރަށްރަށުގައި ބާއްވާ މުބާރާތްތަކުގައި ކުޅެ ފުޓްބޯޅަ އިތުރަށް ޕްރޮމޯޓްވުމަކީ އޭނާ ބޭނުންވާ ގޮތް ކަމަށެވެ. ހާއްސަކޮށް ރާއްޖޭގެ އެންމެ މަތީ ޑިވިޝަނުގައި ކުޅޭ ކުޅުންތެރިން ރަށްރަށަށް ގެންގޮސް މުބާރާތްތައް ކުޅުމަކީ ފުޓްބޯޅަ ޕްރޮމޯޓް ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް އިންމަ ސިފަކުރި އެވެ.

މިއަދު ސަސްއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ ޓީސީގެ ކޯޗު މުހައްމަދު ނިޒާމް ޕްރެސްގައި ބައިވެރިވެފައެއް ނުވެ އެވެ. އޭނާ ޕްރެސްގައި ބައިވެރި ނުވީ، "މިހާރު" ނޫހުން ފުޓްބޯޅަ އަށް ގެއްލުވާ ގޮތަށް ހަގީގަތާ ހިލާފަށް ޚަބަރާއި މައުލޫމާތު ފޯރުކޮށްދޭ ކަމަށް ބުނެ، "މިހާރު" ބައިވެރިވާ އެއްވެސް ޕްރެސްގައި ބައިވެރި ނުވުމަށް ޓީސީގެ މެނޭޖުމެންޓުން ނިންމައިފައި ވުމުންނެވެ. ޕްރެސް ފެށުމުގެ ކުރިން އޭނާ ވެސް ޕްރެސް ރޫމްގައި ހުއްޓެވެ. ޓީސީގެ އިތުރުން ހަ ކްލަބެއް ވެސް ވަނީ އެގޮތަށް ނިންމައިފަ އެވެ.

"މިހާރު ނޫސް ބައިވެރިވާތީ ޕްރެސް ކޮންފަރެންސް ބޮއިކޮޓް ކުރި ކްލަބްތައް

- ޔުނައިޓެޑް ވިކްޓަރީ

- ކްލަބް ވެލެންސިއާ

- މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

- ކްލަބް އީގަލްސް

- ޓީސީ ސްޕޯޓްސް ކްލަބް

- ކްލަބް ގްރީން ސްޓްރީޓް

- ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް