14 މެއި 2023
މެޗުގެ އިތުރު ވަގުތުގައި މުހައްމަދު ނާއިމް ކާމިޔާބު ކުރި ގޯލާއެކު 1-0 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް، އަލަށް ޕްރިމިއާ ލީގުގައި ވާދަކުރާ ބުރު ސްޕޯޓްސް ކްލަބުން ލީގުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.
މެޗުގެ އިތުރު ވަގުތުގައި މުހައްމަދު ނާއިމް ކާމިޔާބު ކުރި ގޯލާއެކު 1-0 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް، އަލަށް ޕްރިމިއާ ލީގުގައި ވާދަކުރާ ބުރު ސްޕޯޓްސް ކްލަބުން ލީގުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.
ބުރުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ، މެޗުގެ ފުރަތަމަ ހާފުގައި ޓީމުގެ ކުޅުން ދަށް ނަމަވެސް ޑިފެންސިވް ޓެކްނިކް ވަރަށް ރަނގަޅަށް ހިފެހެއްޓި ކަމަށާއި ދެވަނަ ހާފުގައި ޓީމުން ކުޅުނީ ހާފްޓާއިމްގައި ކިޔައިދިން ކަންކަން ވަރަށް ބޮޑަށް ރަނގަޅު ކޮށްގެން ކަމަށެވެ.
ލީގުގެ ކުރިން އޮތް ޕްރެޒިޑެންޓްސް ކަޕްގައި ވެސް ބުރުން ވަނީ ޓީސީއާ ދެކޮޅަށް ކުޅެފަ އެވެ. ނަމަވެސް އެ މެޗުގައި 1-0 އިން ބުރު ވީ ބައްޔެވެ.
ނިޒާމްބެ ބުނީ އެ މެޗުގައި ފެނުނީ ޓީސީގެ ކުޅުންތެރިން އެކުގައި ގިނަ ދުވަހު ކުޅެފައި ވާތީ އޭގެ އެޑްވާންޓޭޖް ކަމަށެވެ. އެކަމަކު، ބުރުން މިއަދު ހޯދި މޮޅަކީ ކުޅުންތެރިންގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ބުންޏެވެ.
"ތަފާތުވާ ކަމަކީ، ޓީސީއަކީ އެއްކޮށް މިދިޔަ ސީޒަންގައި ވަރަށް ގިނަ މެޗުތަކެއް ކުޅެފަ އޮތް ޓީމެއް. އެ މީހުން އެއްކޮށް ކުޅެފައި އޮތީމައި އެޑްވާންޓޭޖްތައް ވަރަށް ބޮޑު. އެ މެޗަކީ [ޕްރެޒިޑެންޓްސް ކަޕްގެ މެޗަކީ] ޕްރެކްޓިސް މެޗެއް ގޮތުގައި ވެސް ބުރުން [އާ ސްކޮޑަކާ އެކު] ނުކުމެ ފުރަތަމަ ކުޅުނު މެޗު،" މިދިޔަ ސީޒަންގައި ޓީސީ އަށް އިރުޝާދު ދިން ކޯޗު ނިޒާމްބެ މެޗަށް ފަހު ބުންޏެވެ.
"ޓީސީގަ އެ ތިބި ކުޅުންތެރިންނަކީ ޓެކްނިކަލީ ރަނގަޅު ކުޅުންތެރިން. އެ ކުޅުންތެރިން އެކުގައި އެހާ ދުވަހު ކުޅެފައި ހުރުމުން އެ އެޑްވާންޓޭޖް އޮންނާނެ. [ބުރުން ހޯދި މޮޅަކީ] ޓްރޭނިންއާ އެއްކޮށް ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން ހޯދި މޮޅެއް."
މިއަދުގެ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވެސް ނިޒާމްބެ ބުނީ، ލީގުގެ ފުރަތަމަ މެޗުގައި ކްލަބް އީގަލްސް އަތުން ފަހު ވަގުތު ބަލިވުމާ ގުޅިގެން، ލީގުގެ ފުރަތަމަ ބްރޭކަށް ދިޔުމުގެ ކުރިން ބާކީ އޮތް ދެ މެޗު ކާމިޔާބު ކުރުމަކީ ޓީމު ކުޅުންތެރިންގެ މޯޓިވޭޝަން ރަނގަޅު ކުރަން މުހިއްމު ކަމެއް ކަމަށެވެ.
ޓީސީގެ ހައިސަމް (ކ) އަތުން ބޯޅަ ހޯދަން ބުރުގެ އަލީ ހަމްދާން (ވ) މަސައްކަތް ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ނިޒާމްބެ ވަނީ މިއަދުގެ މެޗު ފެށިއިރު ޓީމަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެ ޓީމުގެ ގޯލު ބެލެހެއްޓި ޒުވާން ކީޕަރު ޝައިހާން އަލީގެ ބަދަލުގައި މެޗު ފެށީ އަބްދުﷲ އަރުޝަންއާ އެކު އެވެ. ޑިފެންޑަރު މުހައްމަދު ސާމިރުގެ ބަދަލުގައި މުހައްމަދު ލީވާން ނަދީމް ފުރަތަމަ 11 ގައި ހިމެނި އިރު އަބްދުﷲ ޖުނެއިދު (ޖެންނޭ) ގެ ބަދަލުގައި ކުޅުނީ އަހުމަދު ސުލެއިމާނެވެ.
ޓީސީގެ ފުރަތަމަ މެޗު ފެށިއިރު އެ މެޗަށް އެރުވި އީރާސް އަހުމަދާއި މުހައްމަދު މުސްލިހު (މުއްޓި) ގެ ބަދަލުގައި މިއަދުގެ މެޗު ފެށީ ޒަޔާން ނަސީރާއި މުހައްމަދު ޔަޒްދާން ހުސެއިނާ އެކު އެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފު ލަނޑެއް ނުޖެހި ނިމުނުއިރު، ޑޮމިނޭޓް ކޮށްގެން ކުޅުނީ ޓީސީ ސްޕޯޓްސް އެވެ. ޓީސީގެ ހައިސަމް ރަޝީދު ގޯލު ތެރެއަށް ބޯޅައެއް ފޮނުވާލި ނަމަވެސް ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. ފަހުން ލިބުނު ކޯނަރަކުން ފާ ޕޯސްޓުގައި ގޯލު ކުރިމަތީ ހުސްކޮށް ހުރި އެޓީމުގެ ކެޕްޓަން މުހައްމަދު އަޖުފާން ބޮލުން ޖައްސާލި ނަމަވެސް ބޯޅަ ދިޔައީ ގޯލު މަތިން ބޭރަށެވެ.
ޓީސީގެ ޒަޔާޏް ނަސީރު ވެސް މި ހާފުގައި ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސް ކުރި އެވެ. ބުރުގެ ދެ ކުޅުންތެރިން ކައިރިން ނައްޓާފައި އަރިމަތިން އޭރިއާގެ ތެރެއަށް ވަދެ ތިރިތިރިން ގޯލު ކުރިމައްޗަށް ބޯޅަ ހުރަސް ކޮށްލި ނަމަވެސް، ބުރުގެ ޑިފެންޑަރު އިބްރާހިމް އުސާމާ ހަސަމް މަޖީދު ވަނީ ޓީސީގެ ކުޅުންތެރިއަކު ބޯޅަ ޖެހުމުގެ ކުރިން އެ ބޯޅަ ކްލިއާ ކޮށްލައިފަ އެވެ.
ބުރު ސްޕޯޓްސް އަށް މި ހާފުގައި ގޯލު ޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ނުލިބެ އެވެ، ލިބުނު ހަމައެކަނި ފުރުސަތުގައި ނާއިމް ފޮނުވާލި ބޯޅަ ބްލޮކް ކުރީ އަޖުފާން އެވެ.
ދެވަނަ ހާފުގައި ޓީސީގެ އަބްދުލް ވާހިދު އިބްރާހިމް (ވާޑު) ނެގި ކޯނަރެއް ސީދާ ގޯލަށް ވަންނަން ދަނިކޮށް ކީޕަރު އަރުޝަން ދިފާއުކޮށް ބޯޅަ ކޯނަރަކަށް ބޭރު ކޮށްލިއިރު، ފަހުން ޒަޔާން އަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލު ކައިރިން ބޭރަށެވެ.
ބުރަށް މި ހާފުގައި ލިބުނު ފުރުސަތުތަކަށް ބަލައިލާއިރު، މެޗުގެ ހަމައެކަނި ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި ނާއިމް އޭރިއާ ތެރޭ ހުރެ އެއްފަހަރުން ފޮނުވާލި ބޯޅަ ދިޔައީ މާ މަތިން ބޭރަށެވެ. ޑިފެންޑަރު އުސާމާ އަރިމަތިން ނަގައިދިން ބޯޅައަށް ސުލެއިމާން ބޮލުން ޖަހަން އެރި ނަމަވެސް އޭނާގެ ބޮލުގައި ބޯޅަ ލައްވައެއް ނުލި އެވެ. އަދި އަހުމަދު ރަޝީދު (އަންމަޑޭ) އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލިއިރު ކީޕަރު ސުޖަން ޕެރޭރާ ވަނީ އެ ބޯޅަ ބްލޮކް ކޮށްފަ އެވެ.
މެޗުގެ ފަހު ވަގުތުކޮޅު ތެރޭ ބުރުގެ ޒުވާން މިޑްފީލްޑަރު އަލީ އިޝްފާގު ހަސަން މަޖީދަށް ވެސް ގޯލު ޖަހަން ފުރުސަތު ލިބުނެވެ. އޭނާ ފޮނުވާލި ބޯލަ ގޯލާ އަމާޒު ނުވިއިރު މުހައްމަދު ތަޝްމީން (ތައްތި) ފޮނުވާލި ބޯޅައެއް ކީޕަރު ސުޖަން ވަނީ ދިފާއު ކޮށްފަ އެވެ.
ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ވަނިކޮށް ބުރުގެ އަލީ ހަމްދާން (އައްޔަ) އަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ. އައްޔަ އަށް ރަތްކާޑު ދެއްކީ ޔަޒްދާން ދިން ބޯޅައެއް ހޯދައި ހުސްކޮށް އޭރިއާ ތެރެއަށް ވަންނަން ދިޔަ މުހައްމަދު އައިހަމް (އައިހަމްސްކީ) އަށް ފައުލް ކޮށްގެންނެވެ. މި ފައުލަށް އޭރިއާ ކައިރިން ލިބުނު ހިލޭޖެހުން އައިހަމް ފޮނުވާލުމުން ކީޕަރު އަރުޝަން ވަނީ ދިފާއު ކޮށްފަ އެވެ.
ޕްރީ ސީޒަނެއް ނެތި ގާތްގާތުގައި މެޗު ކުޅެން އުނދަގޫ
ޝާޒުގެ މަސައްކަތްތަކުގެ ސިފައެއް ޓީސީގައި މިހާރު ނެތް
ޓީސީ ނުކުންނާނީ ފުރިހަމަ އިތުބާރާ އެކު: ނިޒާމްބެ
މާޒިޔާ އިން ޓީސީ ބަލިކޮށް، ފަހު މެޗު ގަދަ ހިފުމަކަށް
ތިންވަނަ މަގާމާ އެކު ސަސް އަށް ލީގު ނިމިއްޖެ
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
މެޗަކުން ބަލިނުވެ އީގަލްސް ކުރިއަށް، ލީޑް ފުޅާކޮށްފި
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ބުރުގެ މެޗުން ޓީސީއަށް މޮޅު، ލީގު ދެ މަހުގެ ބްރޭކަށް
ހަމްދޫންގެ ގޯލުތަކާއެކު ޔޫވީ ބަލިކޮށް ޓީސީ ކުރިއަށް