01 ފެބުރުއަރީ 2021
އޭނާ އަށް ޓީސީ ސްޕޯޓްސް ކްލަބްގެ އޮފާ ލިބުމަކީ ހިތްހަމަޖެހުމެއް ކަމަށް ދާދި ފަހުން އެ ޓީމާ ހަވާލުވި ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
އޭނާ އަށް ޓީސީ ސްޕޯޓްސް ކްލަބްގެ އޮފާ ލިބުމަކީ ހިތްހަމަޖެހުމެއް ކަމަށް ދާދި ފަހުން އެ ޓީމާ ހަވާލުވި ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
ޓީސީގެ ކޯޗަކަށް މި ސީޒަނުގައި ފެނުނު މުހައްމަދު ޝާޒްލީ (ޝާޒް)، މިދިޔަ ބުދަ ދުވަހު މަގާމުން އިސްތިއުފާދިންއިރު، ނިޒާމްބެ އެ ޓީމާ ހަވާލުވީ މިދިޔަ ހުކުރު ދުވަހު އެވެ. ޓީސީ އަށް 2018 ވަނަ އަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިދިން ނިޒާމްބެ އަލުން އެ ކްލަބަށް އެނބުރި އައީ އިތުރު ތިން ޓީމެއްގައި މަސައްކަތްކޮށްފަ އެވެ. އެއީ 16 އަހަރުން ދަށުގެ ގައުމީ ޓީމާއި ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބްގެ އިތުރުން މި ސީޒަނުގައި އޭނާ ފުރަތަމަ ފެނުނު މާޒިޔާ އެވެ.
"މީގެ ކޮންމެ ކްލަބެއްގެ ބެންޗުގައި އިށީނަސް އެއީ ޒިންމާތަކެއް. ހިތްހަމަޖެހިގެން އުފާފާޅުކުރުމަށް ވުރެ ޒިންމާތަކެއް އެއީ. ޓީސީއާ އެކު އެނބުރި އަންނަން ޓީސީ އިން އެ އޮފާ އައުމަކީ ލިބުނު ހިތްހަމަ ޖެހުމެއް ކުރިއެރުމެއް،" ނިޒާމްބެ ބުންޏެވެ.
ލީގުގައި ނިޒާމްބެގެ ކޯޗުކަމުގައި ޓީސީ ކުޅޭ ފުރަތަމަ މެޗު އޮންނާނީ މާދަމާ ހަވީރު ވެލެންސިއާއާ ދެކޮޅަށެވެ. ނިޒާމްބެ ލީގުން އެންމެ ފަހުން ފެނުނު މެޗަކީ މާޒިޔާ އާއި ވެލެންސިއާ ލަނޑެއް ނުޖެހި އެއްވަރުވި މެޗެވެ. ނިޒާމްބެ ބުނީ މަދު ޓްރެއިނިން ސެޝަންތަކަކާ އެކު މާ ގިނަ ބަދަލުތަކެއް ފުރަތަމަ މެޗުގައި ގެނެވޭނެ ކަމަށް ނުދެކޭ ކަމަށާއި އަނެއްކޮޅުން އާންމުކޮށް ފުރަތަމަ އެގާރައިގައި ކުޅެމުން ދިޔަ ތިން ކުޅުންތެރިން ނުލައި ކުޅެން ޖެހުމަކީ ވެސް އުނދަގުލެއް ކަމަށެވެ.
"ބަދަލު ގެންނަން ޖެހޭ ކަންތައްތައް ކުރުމަށް ވަގުތު ބޭނުންވާނެ. މިހާރު މި އޮތް ސްކޮޑު އެ ވަރަށް މަސައްކަތް ކޮށްފިއްޔާ ނުކުރެވޭވަރުގެ ކަމެއް ނޫން (ވެލެންސިއާ ބަލިކުރުމަކީ). އެއާ އެކު އެކީގައި ރެސްޕެކްޓް ކުރަން ވެެލެންސިއާގެ އެ ސްކޮޑަށް. ވެލެންސިއާގައި އެ ތިބި ކުޅުންތެރިންނަށް. ވެލެންސިއާ ޕޮއިންޓް ޓޭބަލުގައި އެ އޮތް ހިސާބަށް ވެސް ރެސްޕެކްޓް ކުރަން. އެ ހުރިހާ ކަމަކަށް ތައްޔާރުވެގެން މެޗުން މޮޅުވާން އެ އަޒުމުގައި މަސައްކަތްކޮށްގެން އެކަން ހާސިލްކުރަން ނުކުންނާނީ،" ނިޒާމްބެ ބުންޏެވެ.
ނިޒާމްބެ ބުނީ މި ސީޒަނުގައި ނުބަލާ މެޗެއް މަދުވާނެ ކަމަށާއި ޓީސީގެ ކޯޗުކަމާ ހަވާލުވެ އެ ޓީމު ކުޅުނު ހުރިހާ މެޗެއް ވެސް އަލުން ބެލި ކަމަށެވެ. ޓީސީގެ ކޯޗަކަށް ކުރިން ހުރި ޝާޒްގެ މަސައްކަތްތަކަށް ވަކި އެއްޗެއް ނުބުނާނެ ކަމަށާއި ކޮންމެ ކޯޗެއް ވެސް މަސައްކަތްކުރުމުގެ އަމިއްލަ ވައްޓަފާޅިއެއް ގެންގުޅޭނެ ކަމަށެވެ. އަދި މުހިއްމީ އެ އަށް އިހުތިރާމްކޮށްގެން ކުރިއަށް ދިއުން ކަމަށް ނިޒާމްބެ ބުންޏެވެ.
ކޮންމެ ޓީމެއް ވެސް އަށް މެޗު ކުޅެފައިވާއިރު ލީގުގެ ތިން ވަނައިގައި އޮތް ވެލެންސިއާ އަށް ވަނީ 12 ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް ޓީސީ އަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ވެލެންސިއާގެ މައްޗަށް ކުރިހޯދައިގެން ޓީސީ އަށް އެ ޓީމާ ޕޮއިންޓުގެ ގޮތުން ހަމަކުރެވޭނެ އެވެ. ވެލެންސިއާ އަށް މާދަމާގެ މެޗުން މޮޅުވެގެން ދެ ވަނަ އަށް އެރޭނެ އެވެ. ވެލެންސިއާ އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް އޮތީ މޮޅެއް ނުލިބި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު
ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ ލީގުގެ ރަނގަޅު ހިސާބެއްގައި ހިފަހައްޓަން ބޭނުންނަމަ މިއީ ވެލެންސިއާ އަށް ތިން ޕޮއިންޓް ހޯދުން ވަރަށް މުހިއްމު މެޗެއް ކަމަށެވެ.
ވަރުގަދަ ސްކޮޑަކާ އެކީ އޮތް ވެލެންސިއާ އަށް ލީގުގައި ރަނގަޅު ހިސާބަކީ ކޮބައިތޯ ނޫސްވެރިއަކު ސުވާލުކުރުމުން އާތީ ބުނީ ފުރަތަމަ ސުވާލުކޮށްލުން އެންމެ ރަނގަޅީ ވެލެންސިއާ އަކީ މިދިޔަ ސީޒަނުގެ ޗެމްޕިއަންތޯ ކަމަށެވެ.
"(ވެލެންސިއާ ޕްރޮމޯޓްވީ) ދެ ވަނަ ޑިވިޝަނުން އައީ. ވެލެންސިއާ އަށް ރަނގަޅު ހިސާބަކަށް ވާނެ ކަންނޭނގެ. ދޭއް ވިޔަސް. ތިނެއް ވިޔަސް. ހަތަރެއް ވިޔަސް. އެކެއް ވިޔަސް. މި ބުނަނީ ވެލެންސިއާ ވެލެންސިއާ ގޮތުގައި ރަނގަޅު ހިސާބެއްގައި އޮންނާނެއޭ. ހަވާލުވިއިރު މަގޭ ޓާސްކަކީ ފުރަތަމަ ޑިވިޝަނުގައި ބޭއްވުމޭ. ފަހުން ޓީމު ވަރުގަދަވީމަ އަހަރެމެން ބުނީ ރަނގަޅު ހިސާބަކަށް ވެލެންސިއާ އަށް ދެވޭނެއޭ،" އާތީ ބުންޏެވެ.
ވެލެންސިއާ ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކުގެ ނަތީޖާ ނުކުތް ގޮތަށް ބަލާއިރު ޕްރެޝަރަށް ގޮސް ކަންބޮޑުވާންޖެހޭ ފަދަ ހާލަތެއް މެދުވެރިނުވާ ކަމަށް އާތީ ދެކެ އެވެ. އޭނާ ބުނީ ލީގަކީ 100 މީޓަރުގެ ދުވުމުގެ ރޭހެއް ނަމަ އަދި މި ނިމުނީ 10 ނޫނީ 20 މީޓަރު ކަމަށާއި މި ހިސާބުން ޕޮއިންޓް ތާވަލު އޮތްގޮތަށް ބަލައި ގޮތެއް ނިންމުން އަވަސް ކަމަށެވެ.
"ވަރަށް ހިތްމަތާ އެކު މަސައްކަތްކޮށްގެން މި ހިސާބަށް މި އައީ. އެހެންވީމަ ގަބޫލުކުރަނީ ޓީމުތަކުގެ ޕާފޯމަންސާ އެއްޗެހި ނިމިގެން އަންނައިރު ކަންނޭނގެ ފައިނަލީ ރިޒަލްޓަކާ ހަމައަށް އަންނަނީ. އެހެންވީމަ ޑިޒިޝަނަކަށް އަންނައިރު ވަރަށް ގިނަ ކަންކަމަށް ބަލަން ޖެހޭ. މި ޓީމު މި ހިސާބުގައޭ އޮތީ ކުޅުންތެރިން ކަމަކު ނުދެއޭ ކޯޗު ކަމަކު ނުދެއޭ އެހާ ހިސާބަކަށް ނުދޭ. ލީގުގައި މީނދީ އަދި 20 މީޓަރު ކަންނޭނގެ ނިމިފައި،" އާތީ ބުންޏެވެ.
ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ މެޗުތަކާ ޓީމުތަކުން ކުރިމަތިލާއިރު، ލީގުގައި ވާދަކުރާ އަށް ޓީމުގެ ތެރެއިން ފަސް ޓީމުގެ ކޯޗުން މި ވަނީ ބަދަލުވެފަ އެވެ. ކޯޗުން ބަދަލުނުވެ އޮތް ތިން ޓީމަކީ ވެލެންސިއާގެ އިތުރުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ.
އާތީ ބުނީ އޭނާ ދެކޭ ގޮތުގައި ކޯޗުން ވަކިކުރުމުގައި ކްލަބްތަކުން ގޮތް ނިންމަނީ މާ އަވަހަށް ކަމަށް ބެލެވޭނެ ޖާގަ އެބައޮތް ކަމަށެވެ. މީގެ ކޯޗުންނާ މެދު ގޮތެއް ނިންމާއިރު އެކި މީހުންގެ ވިސްނުން ހުންނާނީ އެކި ގޮތަށް ކަމަށް ބުނެ އާތީ ދެއްކީ މިސާލެކެވެ.
"އަހަރެން ޕިކަޕެއް ގަނެފައި އަހަރެން ދުއްވަން ދޭނީ އަހަރެން ބޭނުން މީހެއް އަތަށް. ދެން އޭނަ އަށް ޓާގެޓެއް މިދެނީ އަހަރެއްގެ ތެރޭގައި މިވެނި ވަރަކަށް ފައިސާ އަހަންނަށް ގެންނަން. އެކަމަކު އޭނަ ހަފްތާ އަކު ދުއްވާ އިރަށް އެއީ މުޅި އަހަރު ދުވަހު އަހަންނަށް ލިބޭނެ އިންކަމް އަށް ބަަލައިފިއްޔާ މި ކަހަަލަ ކަންތައް ކަންނޭނގެ ދިމާވާނީ. އެއީ ކަންނޭނގެ (ކޯޗުން ވަކިކުރުމުގައި) މި ވާ ގޮތަކީ،" އާތީ ބުންޏެވެ.
ލީގުގައި ވެލެންސިއާ އާއި ޓީސީ ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު 16:05 ގަ އެވެ.
ޝާޒުގެ މަސައްކަތްތަކުގެ ސިފައެއް ޓީސީގައި މިހާރު ނެތް
އާ ގައިޑްލައިންތަކާ އެކު ކްލަބްތަކުގެ ޕްރެކްޓިސް ފަށަނީ
ކުޅުންތެރިންގެ އާދޭސް: "ލީގު ފެށޭނެ ގޮތެއް ހަދައިދީ"
ފުޓްބޯޅައާ މެދު ފުންކޮށް ވިސްނަން ކްލަބްތަކުން އެދެފި
ޓީސީ ބަލިކޮށް ވެލެންސިއާ ދެ ވަނަ އަށް
ޓީސީން ވެލެންސިއާއާ އެއްވަރުކޮށްފި
ވެލެންސިއާ އަކީ ލީގުގެ އެންމެ ވަރުގަދަ ޓީމު: ޝާޒް
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ