02 ފެބުރުއަރީ 2021
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބް އަތުން 2-0 އިން މޮޅުވެ، ކްލަބް ވެލެންސިއާ ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބް އަތުން 2-0 އިން މޮޅުވެ، ކްލަބް ވެލެންސިއާ ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.
ހަތަރު މެޗަށް ފަހު ވެލެންސިއާ ހޯދި ފުރަތަމަ މޮޅާ އެކު ދެ ވަނަ އަށް އެރީ ކުރިން ދެ ވަނައިގައި އޮތް ދަ ގްރާންޑޭއާ އެއްވަރަށް ޕޮއިންޓް ހޯދި ނަމަވެސް ލަނޑުގެ ތަފާތުން ކުރި ލިބޭތީ އެވެ. ދެ ވަނައިގައި އޮތް ވެލެންސިއާ އާއި ތިން ވަނައިގައި އޮތް ދަ ގްރާންޑޭ އަށް ވެސް 15 ޕޮއިންޓް ވަނީ ލިބިފަ އެވެ. ވެލެންސިއާ އިން ނުވަ މެޗުން 15 ޕޮއިންޓް ހަމަކުރިއިރު، ދަ ގްރާންޑޭ އެ އަދަދަށް ޕޮއިންޓް ހޯދީ އަށް މެޗުންނެވެ. ވެލެންސިއާ މި ވަގުތު ކުރީގައި އޮތީ ފައިދާ ހަތް ލަނޑާ އެކު އެވެ. ދަ ގްރާންޑޭގެ އޮތީ ފައިދާ ފަސް ގޯލެވެ.
ލީގުގައި މިރޭ ދަ ގްރާންޑޭ ކުޅޭ މެޗުން އެއް ވަނައިގައި އޮތް މާޒިޔާ އަތުން ބަލިނުވެ ފަރުޖައްސާލައިފިނަމަ ދެ ވަަނަ އަށް އަލުން އެރޭނެ އެވެ. މާޒިޔާ އެއް ވަނައިގައި އޮތީ އަށް މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ.
ވެލެންސިއާ އިން މިއަދުގެ މެޗަށް ނުކުތްއިރު ފުރަތަމަ އެގާރަ އަށް ގެނެސްފައިވާ ބަދަލަކީ އެންމެ ފަހުން މެޗުގައި އަނިޔާވެގެން ބަދަލުކުރި ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ)ގެ ބަދަލުގައި އަހުމަދު ރިލްވާން (ރިލޭ) ޓީމުގައި ހިމެނުމެވެ. ޓީސީން ވަނީ ފުރަތަމަ އެގާރައިން ޒުވާން ފުލްބެކް ހަމްދޫން އަބްދުލް ލަތީފް އާއި އިބްރާހިމް އިމްރާން އަށް ފުރުސަތު ދީފަ އެވެ.
މެޗުގެ ފުރަތަމަ ހަތް މިނިޓް ތެރޭގައި ވެލެންސިއާގެ ކުރިއަށް ކުޅޭ ދެ ކުޅުންތެރިން ކަމަށްވާ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) އަށް ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. ދަގަނޑޭ ޖެހި ބޯޅަ ޓީސީ ކުޅުންތެރިއަކު ގައިގައި ޖެހިފައި ބޭރަށް ދިޔައިރު، ސެންޓޭ ފޮނުވާލި ހަމަލާ ދިޔައީ އަރިމަތިން ބޭރުންނެވެ. މެޗުގެ 16 ވަނަ މިނިޓްގައި ޓީސީގެ ސެއިން ވިންސެންޓް ފޯވާޑް މެލްކޮމް ކެސިއަސް ސްޓެވާޓަށް ލިބުނު ފުރުސަތެއްގައި އެންމެ ރަނގަޅަށް ބޭނުމެއް ނުހިފުނެވެ.
ވެލެންސިއާ އިން ބޯޅަ ހިފަހައްޓަައިގެން ކުޅެ އެޓޭކްކުރަން މަސައްކަތް ކުރަމުންދިޔައިރު، މެޗުގެ 30 ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން ސެންޓޭ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. އަދި ޓީސީ އަށް ލިބުނު ހިލޭ ޖެހުމަކުން މެލްކޮމް ފޮނުވާލި ބޯޅަ ވެސް ގޯލާ ސީދާނުވި އެވެ. ފުރަތަމަ ހާފުގެ ފަހު ފުރުސަތު ލިބުނީ ވެލެންސިއާގެ އަކުރަމް އަބްދުލް ގަނީ (އަކޫ) އަށެވެ. ޓީސީ އޭރިއާ ތެރެއިން އަކޫ ފޮނުވާލި ބޯޅަ ދިޔައީ ބޭރުންނެވެ.
ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 30 ސިކުންތު ތެރޭގައި ޓީސީން ލީޑުނެގުމާ ގާތަށް ޖެހިލި އެވެ. ވެލެންސިއާ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި މެލްކޮމް އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ ފޮނުވާލި ހަމަލާ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. އޭގެ 10 މިނިޓް ފަހުން މެލްކޮމް ޖެހި ބާރު ޝޮޓެއް ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ.
ވެލެންސިއާ އިން ލީޑުނެގީ މެޗުގެ 57 ވަަނަ މިނިޓްގައި ސެންޓޭ ޖެހި ގޯލުންނެވެ. އޭރިއާބޭރުން ސެންޓޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އެ ބޯޅަ ހުއްޓުވަން ޓީސީ ގޯލުގައި ހުރި އަޒަރުބައިޖާން ކީޕަރު މަމަދޯފް އާޒާދަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.
މެޗުގެ 64 ވަނަ މިނިޓްގައި ދަގަނޑޭ އާއި ޓީސީ ކީޕަރު އާޒާދު މަތިން އައި ބޯޅައެއް ހޯދަން އުޅުމުގެ ތެރޭގައި ލިބުނު އަނިޔާއެއްގެ ސަބަބުން ދަގަނޑޭ ވަނީ ބަދަލުކޮށްފަ އެވެ. އެއީ ދަގަނޑޭ އަށް ކުރި ފައުލެއް ކަމަށް ބުނެ ހިލޭ ޖެހުމެއް ހޯދަން ވެލެންސިއާ އިން ވަނީ އެޕީލްކޮށްފަ އެވެ.
ވެލެންސިއާ އަށް ލީޑުފުޅާކޮށްދޭން މެޗުގެ 71 ވަނަ މިނިޓްގައި އޭރިއާތެރެއިން އެ ޓީމުގެ ސްޕެއިން މިޑްފީލްޑަރު އެންޓޯނިއޯ ސޮލާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ފަހުން ސްޕެއިނުގެ ޑިފެންޑަރު ހޯސޭ ޑޮމިންގޭޒް ބޮލުން ފޮނުވާލި ބޯޅައެއް ހުރަސްދަނޑިއަށް އަމާޒުވިއިރު، މެޗުގެ 85 ވަނަ މިނިޓްގައި ވެލެންސިއާގެ ދެ ވަނަ ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަހުމަދު އިމާޒް (އާއްކޮ) އެވެ. މިއީ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ހުސްކޮށްލާފައި ދިން ބޯޅައަކުން އާއްކޮ ޖެހި ގޯލެކެވެ.
މިއީ ޓީސީގެ ކޯޗުކަމާ މުހައްމަދު ނިޒާމް (ނިޒާމްބެ) އަލުން ހަވާލުވި ފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. ނިޒާމްބެ ބުނީ ފުރަތަމަ މެޗަށް ވުމުގެ އިތުރުން އާންމުކޮށް ފުރަަތަަމަ އެގާރައިގައި ކުޅޭ ތިން ވަރަަކަށް ކުޅުންތެރިން ނުލައި އެ ޓީމުން ކުޅުނުއިރު، ޓީމުގެ ކުޅުންތެރިން ދެއްކި ހިތްވަރާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.
"ވަރަށް ހިތްހަމަޖެހުނު އަސްލު ކުޅުންތެރިން ކުރި މަސައްކަތަށް. ދަނޑުމަތީގައި (ޓީސީ) ކުޅުންތެރިން ބުނި ހުރިހާ ކަމެއް ހެން ފުރިހަމަކޮށްފި. އިދިކޮޅަށް ނުކުތް ޓީމަކީ ވަރުގަދަ ސްކޮޑެއް. ވަރަށް ތަޖުރިބާކާރު ކުުޅުންތެރިންތަކެއް ތިބި. އެ ހުރިހާ ކަމަަކަށް ބަލާއިރު ވަރަށް އާ ކުޅުންތެރިންތަކެއް ލައިގެން މި ވަރުގެ ނަތީޖާއެއް ގޯހެއް ނޫން. އެކަމަކު މިއީކީ ހިތްހަމަ ޖެހޭނެ ނަތީޖާއެއް ނޫން،" ނިޒާމްބެ ބުންޏެވެ.
ލީގުގެ ފުރަތަމަ ބުރުގައި ޓީސީން ވަނީ މުހައްމަދު ޝާޒްލީ (ޝާޒް)ގެ ކޯޗުކަމުގައި ވެލެންސިއާއާ 1-1 އިން އެއްވަރުކޮށްފަ އެވެ.
އަމިއްލަ ސަބަބަކާ ހުރެ މި މެޗުގައި ވެލެންސިއާގެ ބެންޗުގައި އެ ޓީމުގެ ހެޑްކޯޗު މުހައްމަދު އާތިފް (އާތީ) ނެތެވެ. ޓީމަށް އިރުޝާދުދިނުމުގައި ހަރަކާތްތެރިވީ ޓީމުގެ ޓްރެއިނަރެއްގެ ގޮތުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ކުޅުންތެރިޔާ އިސްމާއިލް އާސިފް (ކުޑަހީނާ) އެވެ. މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ވެލެންސިއާގެ ކޯޗިން ސްޓާފް އިލްމާއު ހުސެއިން (މައު) ބުނީ އެންމެ ފަހުން ވެލެންސިއާ ކުޅުނު މެޗުތަށް ދިޔަ ގޮތުން މި މެޗަށް ނުކުތްއިރު މޮޅެއް ހޯދުމުގެ މުހިއްމުކަން ކުޅުންތެރިންނަށް ވިސްނައިދިން ކަމަށެވެ.
"މެޗުން މޮޅުވީމަ ވަރަށް ހިތްހަމަޖެހޭ ގޭމްޕްލޭނާ އެއްގޮތަށް ދިޔައީމަ. އިދިކޮޅު ޓީމުގެ ކޯޗު ބަދަލުވިޔަސް ވެލެންސިއާގެ ޕްލޭނަކަށް ބަދަލެއް ނާދޭ. ސެންޓޭގެ ގޯލާ އެކު ކޮންފިޑެންސް ލިބުނު. މެޗު ފެއްޓުމުގެ ކުރިން މިއީ ވަރަށް މުހިއްމު މެޗެއްކަން ހުރިހާ ކުޅުންތެރިންނަށް ވެސް އެނގޭނެ. ކޯޗިން ސްޓާފުން ވެސް ބުނެފައި އޮންނާނީ މި މެޗަކީ ލީގުގައި ކުރިއަށްދާން މޮޅުވުން ވަރަށް މުހިއްމު މެޗެކޭ،" މައު ބުންޏެވެ.
ލީގުގައި މިރޭ ދަ ގްރާންޑޭ އާއި މާޒިޔާ ކުޅޭ މެޗު ފަށާނީ 9 ޖަހާއިރު އެވެ.
އާ ގައިޑްލައިންތަކާ އެކު ކްލަބްތަކުގެ ޕްރެކްޓިސް ފަށަނީ
ކުޅުންތެރިންގެ އާދޭސް: "ލީގު ފެށޭނެ ގޮތެއް ހަދައިދީ"
ފުޓްބޯޅައާ މެދު ފުންކޮށް ވިސްނަން ކްލަބްތަކުން އެދެފި
ޓީސީގެ އޮފާ ލިބުމަކީ ހިތްހަމަޖެހުމެއް: ނިޒާމްބެ
ޓީސީން ވެލެންސިއާއާ އެއްވަރުކޮށްފި
ވެލެންސިއާ އަކީ ލީގުގެ އެންމެ ވަރުގަދަ ޓީމު: ޝާޒް
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ