Roadha Mihaaru
އޭސީސީން އެންގުމުން ލާލޭ ސްކޫލް ހަވާލުކުރުން ފަސްކޮށްފި

އޭސީސީން އެންގުމުން ލާލޭ ސްކޫލް ހަވާލުކުރުން ފަސްކޮށްފި

07 ނޮވެމްބަރ 2016

ހުޅުމާލޭގައި ލާލޭ އިންޓަނޭޝަލް ސްކޫލު ހިންގި ފަރީދިއްޔާ ސްކޫލުގެ އިމާރާތް އެހެން ބަޔަކަށް ދިނުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ޝައްކުކުރެވިގެން އެކަން މަޑުޖައްސައިލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މިއަދު އަންގައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ހުޅުމާލޭގައި ލާލޭ އިންޓަނޭޝަލް ސްކޫލު ހިންގި ފަރީދިއްޔާ ސްކޫލުގެ އިމާރާތް އެހެން ބަޔަކަށް ދިނުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ޝައްކުކުރެވިގެން އެކަން މަޑުޖައްސައިލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މިއަދު އަންގައިފި އެވެ.

ފަރީދިއްޔާ ސްކޫލު ހިންގާނެ ބަޔަކު ހޯދުމަށް މިދިޔަ ސެޕްޓެމްބަރު މަހު ހުޅުވައިލުމުން ކުރިމަތިލި ހަތަރު ފަރާތުގެ ތެރެއިން ކޮލިޓޭޓް އެޑިއުކޭޝަނުން ބިޑު ކާމިޔާބުކޮށްފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. މިކަމާ ގުޅޭ ގޮތުން ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައި ނުވިޔަސް، "މިހާރު" އަށް އެނގިފައިވާ ގޮތުގައި ލާލޭ ސްކޫލް ހިންގި އިމާރާތް ކޮލިޓޭޓް އެޑިއުކޭޝަނާ ހަވާލުކުރުމުގެ ރަސްމިއްޔާތު މާދަމާ ބާއްވަން ވެސް އޮތީ ނިންމައިފި އެވެ. އެކަމަކު، ފަރީދިއްޔާ ސްކޫލުގެ އިމާރާތް ކޮލިޓޭޓް އެޑިއުކޭޝަނަށް ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންތައްތަކެއް ހިންގާފައިވާ ކަމަށް ޝައްކުކުރެވޭ ކަމަށް ބުނެ، އެކަން މަޑުޖައްސައިލަން އޭސީސީން މިއަދު ވަނީ އެޑިއުކޭޝަން މިނިސްޓްރީ އަށް އަންގާފައިވާ ކަމަށް "މިހާރު" އަށް ވަނީ އެނގިފަ އެވެ. އަދި އެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް ވެސް އޭސީސީން މިނިސްޓްރީ އަށް ފޮނުވި އެންގުމުގައި ވާ ކަމަށް ވެ އެވެ.

މާދަމާ ބާއްވަން އުޅުނު ރަސްމިއްޔާތު ވަނީ، އެނގިފައިވާ ގޮތުގައި، އޭސީސީން އެންގުމުން ކެންސަލްކޮށްފަ އެވެ. އެކަމަކު، މިކަމާ ގުޅޭ ގޮތުން އޭސީސީ އާއި އެޑިއުކޭޝަންގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.

ބިޑަށް ހުޅުވައިލުމުގެ ދެ މަހެއްހާ ދުވަސް ކުރިން، ޖުލައި މަހު އުފެއްދި ކޮލިޓޭޓް އެޑިއުކޭޝަނުން ސްކޫލުގެ ބެލެނިވެރިންނަށް މިދިޔަ ހަފުތާގައި ފޮނުވި މެސެޖެއްގައި ބުނީ އެންމެ މަތިން މާކްސް ލިބިގެން ބިޑު ކާމިޔާބުވިކަން އެ ކުންފުންޏަށް އެޑިއުކޭޝަން މިނިސްޓްރީން ސިޓީއަކުން އަންގާފައިވާ ކަމަށެވެ. އަދި އަންނަ އަހަރުން ފެށިގެން ދެން އެ ސްކޫލު ހިންގާނީ، އިންޑިއާ އާއި ސްރީ ލަންކާ އާއި އިނގިރޭސި ވިލާތް އަދި އޮމާންގައި ވެސް ސްކޫލުތައް ހިންގާ، ގޭޓްވޭ ސްކޫލާ ގުޅިގެން ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެ އަށް އަހަރު ކުރިއްސުރެ ލާލޭ ސްކޫލު ހިންގަމުން އައި ތުރުކީގެ ކުންފުނި، ބިޒް އެޓޯލް އަށް ދީފައިވާ މުއްދަތު ހަމަވުމުން، ސްކޫލު އަލުން ހިންގުމަށް ބިޑަށް ހުޅުވާލުމުން ފައިނޭންޝަލް ބިޑުގައި އެންމެ ކުޑަ ފީއެއް ހުށަހަޅާފައިވަނީ ވެސް ބިޒް އެޓޯލް އިންނެވެ. ދެވަނަ އަށް އެންމެ ކުޑަ ފީއެއް ހުށަހަޅާފައި ވަނީ ކޮލިޓޭޓް އެޑިއުކޭޝަނުންނެވެ.

ބިޑު ކާމިޔާބު ކުރެވޭނީ ފައިނޭންޝަލް ބިޑުގެ އިތުރުން ޓެކްނިކަލް ބިޑުން ވެސް އެންމެ މަތިން މާކްސް ހޯދާ ބަޔަކަށެވެ. ޓެކްނިކަލް ބިޑުގައި ހިމެނެނީ ސްކޫލު ހިންގުމުގެ ތަޖުރިބާ އާއި ގާބިލްކަމުގެ އިތުރުން ސްކޫލު ހިންގުމަށް ޕްލޭންކޮށްފައިވާ ގޮތެވެ.

ސްކޫލު ހިންގުމުގެ ތަޖުރިބާ ގޭޓްވޭ ސްކޫލުގައި ހުރި ނަމަވެސް ކޮލިޓޭޓް އެޑިއުކޭޝަނުން މިހާތަނަށް ރާއްޖޭގައި އެއްވެސް ސްކޫލެއް ހިންގާފައެއް ނުވެ އެވެ.

ކޮލިޓޭޓް އެޑިއުކޭޝަންގެ ހިއްސާދާރުންގެ ތެރޭގައި ހައި ކޯޓުގެ ދެ ފަނޑިޔާރެއްގެ އަނބިކަނބަލުން ހިމެނިވަޑައިގަންނަވާކަން ވެސް ވަނީ ހާމަވެފަ އެވެ. އެއީ ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިކަނބަލުން ގާނިޔާ އަބްދުލްޣަފޫރާއި އެ ކޯޓުގެ ފަނޑިޔާރު ސުޖާއު އުސްމާނުގެ އަނބިކަނބަލުން މިންނަތު ނަސީރެވެ. ތައުލީމީ ދާއިރާގެ ތަޖުރިބާ އެ ދެ ބޭފުޅުންނަށް ލިބިވަޑައިގެންފައިވާކަން ނުވަތަ ނޫންކަން އަދި ސާފު ނުވާއިރު، އޭގެ ތެރެއިން ގާނިޔާ އަކީ ރާއްޖެއިން މެލޭޝިއާ އަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރު ވެސް މެ އެވެ.

ކޮލިޓޭޓް އެޑިއުކޭޝަންގެ އަނެއް ދެ ހިއްސާދާރުންނަކީ، ލިޔެކިޔުންތަކުގައި ބުނާ ގޮތުން، ގދ. ފިޔޯރީ ރޯސްމީޑު މޫސާ ރަޝީދާއި އޭނާގެ ބޭބެ މުހައްމަދު ރަޝީދެވެ. އޭގެ ތެރެއިން މުހައްމަދު ރަޝީދަކީ މިހާރު ވެސް އަހުމަދިއްޔާ ސްކޫލުގެ ސީނިއާ އެސިސްޓެންޓް ޕްރިންސިޕަލެވެ. މުހައްމަދު ރަޝީދު އެ ސްކޫލުގައި ހިސާބު މާއްދާ ކިޔަވައި ދެެއްވަމުން ގެންދާތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. މޫސާ ރަޝީދު ވަނީ ލާލޭ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްކަން އަދި ރަށްރަށުގެ ބައެއް އެހެން ސްކޫލްތައް ހިންގުމުގައި ވެސް ހަރަކާތްތެރިވެވަޑައިގަންފަ އެވެ.

ހައި ކޯޓުގެ ދެ ފަނޑިޔާރެއްގެ އަނބިކަނބަލުން ހިއްސާވާ ކުންފުންޏަކުން ބޭރު ބަޔަކާ ގުޅިގެން ސްކޫލު ހިންގަން ތައްޔާރުވަމުން އަންނައިރު، ކޮރަޕްޝަން ހުއްޓުވުމާ ބެހޭ ގާނޫނުގެ ދަށުން އެއީ މަނާ ކަމެކެވެ. އެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ބޭރުގެ ފަރާތްތަކާ ގުޅިގެން ވިޔަފާރިކުރުން މަނާ ފަރާތްތަކުގެ ތެރޭގައި ހައި ކޯޓުގެ ފަނޑިޔާރުންނާއި އެ ބޭފުޅުންގެ އަނބިން ނުވަތަ ފިރިން ހިމެނެ އެވެ.