Roadha Mihaaru
ހުޅުމާލޭ ސްކޫލުގައި ކިޔެވެން ފެށޭނެ ކަމާ މެދު ސުވާލު

އާ އަހަރު ހުޅުމާލޭ ސްކޫލުގައި ކިޔެެވެން ފެށޭނެ ކަމާ މެދު ސުވާލު އުފެދިފައި

13 ނޮވެމްބަރ 2016

ހުޅުމާލޭ ފަރީދިއްޔާ ސްކޫލުގައި ހިންގަމުން އައި ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލު އެހެން ބަޔަކަށް ހަވާލުކުރި ގޮތުން އުފެދުނު މައްސަލަ ދިގުލައިގެން ގޮސް، އަންނަ އަހަރު އެ ސްކޫލުގައި ކިޔެވުން ފެށޭނެ ކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ހުޅުމާލޭ ފަރީދިއްޔާ ސްކޫލުގައި ހިންގަމުން އައި ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލު އެހެން ބަޔަކަށް ހަވާލުކުރި ގޮތުން އުފެދުނު މައްސަލަ ދިގުލައިގެން ގޮސް، އަންނަ އަހަރު އެ ސްކޫލުގައި ކިޔެވުން ފެށޭނެ ކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.

މީގެ އަށް އަހަރު ކުރިން، ބިޒް އެޓޯލްސް އަށް ހިންގަން ދިން އެ ސްކޫލުގެ މުއްދަތު ހަމަވުމާ ގުޅިގެން އެ ސްކޫލު ބިޑަށްލީ މިދިޔަ ސެޕްޓެމްބަރުގަ އެވެ. އޭރު އެޑިއުކޭޝަން މިނިސްޓްރީން ބުނަމުން އައީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން، އެ ސްކޫލުގެ ހިންގުން ބަޔަކާ ހަވާލުކޮށް އެތަނުގައި ވެސް ކިޔެވުން ފެށޭނެ ކަމަށެވެ.

ސްކޫލު ހިންގަން ހުޅުވާލި ބިޑު ކާމިޔާބުކުރި ކޮލިޓޭޓް އެޑިއުކޭޝަނުން ވަނީ، ސްރީ ލަންކާގެ ގޭޓްވޭ ކޮލެޖާ ގުޅިގެން ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލުގެ ނަމުގައި ސްކޫލެއް، ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ހުޅުވާނެ ކަމަށް ބުނެފަ އެވެ.

އެކަމަކު އެ ކުންފުނިން ބިޑު ކާމިޔާބުކުރި ގޮތާ މެދު ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) އަންނަނީ އެ މައްސަލަ ބަލަމުންނެވެ. އަދި މައްސަލަ ބަލައި ނިމެންދެން، ސްކޫލު ހިންގާ އިމާރާތް ކޮލިޓޭޓަށް ދިނުން ފަސްކުރަން އޭސީސީން ވަނީ އަންގާފަ އެވެ.

އޭގެ އިތުރުން ކޮލިޓޭޓް އެޑިޔުކޭޝަންގައި ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިކަނބަލުން ޣާނިއާ އަބްދުލްޣަފޫރާއި އެ ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނުގެ އަނބިކަނބަލުން މިންނަތު ނަސީރުގެ ހިއްސާ އޮތުމުގެ މައްސަލަ ވެސް ނުކުތެވެ. ބޭރުގެ ކުންފުންޏަކާ އެކު ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ހިންގުމަކީ ރާއްޖޭގެ ކޮރަޕްޝަން ހުއްޓުވުމާ ބެހޭ ގާނޫނުގައި، ހައި ކޯޓުގެ ފަނޑިޔާރުންގެ އަނބިން/ފިރިން ކުރުން މަނާ ކަމެކެވެ.

އެ ދެ ބޭފުޅުންގެ ހިއްސާ މިހާރު ވަނީ އަނބުރާ ނަންގަވާފަ އެވެ.

ސްކޫލް ހަވާލުކުރުމުގެ މައްސަލަ އަދިވެސް ނުނިމި ދިގުލައިގެން ދާތީ އަންނަ އަހަރުގެ ޖެނުއަރީ މަހު ކިޔެވުން ފެށެންވާއިރަށް ސްކޫލު ނުހުޅުވިދާނެތީ ބެލެނިވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

"އަދިވެސް ބެލެނިވެރިންނަކަށް ވާނުވާއެއް ނޭނގޭ. ސްކޫލު ހުޅުވެން ދެން އޮތީ ދެ މަހެއްހާ ދުވަސް. ދަރިވަރުން ފޮނުވަންވީ ކޮން ސްކޫލަކަށް ކަމެއް އަދި ލައްވަންވީ ކޮން ޔުނީފޯމެއް ކަމެއް ވެސް ނޭނގޭ،" ލާލޭގެ ބެލެނިވެރިޔަކު، ނަން ނުޖަހާ ގޮތަށް ވާހަކަދައްކަމުން، ބުންޏެވެ.

އޭނާ ބުނީ އެންމެ ފަހު ވަގުތު ސްކޫލު ހުޅުވައިގެން، ޔުނީފޯމާ އެއްޗެހި ތައްޔާރުކުރުން ވާނީ ބެލެނިވެރިންނަށް ކުރިމަތިވާނެ ބޮޑު އުނދަގުލަކަށް ކަމަށެވެ.

މިހާ ބޮޑު މައްސަލައެއް ކުރިމަތިވެގެން އުޅޭ އިރު ވެސް އެޑިއުކޭޝަން މިނިސްޓްރީން އަދި އެއްވެސް އެއްޗެކޭ ނުބުނެ އެވެ.

ކޮލިޓޭޓުން ސްކޫލުން ހިންގި ނަމަވެސް، ތަނުގެ މެނޭޖްމެންޓް މުޅިން ބަދަލުވެ އިތުރު މުވައްޒަފުންނާއި ޓީޗަރުން ބޭނުންވާނެ ކަމަށާއި އެކަމަކު އެކަމާ ގުޅޭ ގޮތުން ވެސް ވާނުވާ ނޭނގޭތީ ބެލެނިވެރިން ވަނީ ކަންބޮޑުވެފަ އެވެ.

ލާލޭ ސްކޫލުގައި 500 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަ އެވެ. އަދި އަންނަ އަހަރު އެ އަދަދު އިތުރުވާނެ ކަމަށް ބެލެވެ އެވެ.

އޭސީސީން ބަލަމުން އަންނަ މައްސަލަ ނިމޭނެ ދުވަހެއް އަދި ނޭނގެ އެވެ.