Roadha Mihaaru
ލާލޭގެ މުއްދަތު ހަމަވެ، ސްކޫލު އަލުން ބިޑަށް ލަނީ

ލާލޭ ސްކޫލުގެ މުއްދަތު ހަމަވެ، އަލުން ބިޑަށް ލާން ނިންމައިފި

05 ސެޕްޓެމްބަރ 2016

ހުޅުމާލޭގައި ހުންނަ ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލު ހިންގުމަށް ދީފައިވާ މުއްދަތު ހަމަވެ، އެ ސްކޫލު ހިންގައިދޭނެ ފަރާތެއް ހޯދަން އަލުން ބިޑަށް ލާން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ހުޅުމާލޭގައި ހުންނަ ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލު ހިންގުމަށް ދީފައިވާ މުއްދަތު ހަމަވެ، އެ ސްކޫލު ހިންގައިދޭނެ ފަރާތެއް ހޯދަން އަލުން ބިޑަށް ލާން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި އިންޓަނޭޝަނަލް ސްކޫލު، ތުރުކީގެ ބަޔަކު ހިންގަމުން އަންނަތާ މިހާރު އަށް އަހަރު ވެއްޖެ އެވެ. އެކަމަކު މިހާތަނަށް އައި އިރު ވެސް ސްކޫލު ހިންގަމުން އައީ، ހުޅުމާލޭގައި ސަރުކާރުން އިމާރާތްކުރި ފަރީދިއްޔާ ސްކޫލުގެ އިމާރާތުގަ އެވެ.

ހުޅުމާލޭގައި އެންމެ ފުރަތަމަ އިމާރާތްކުރި ސްކޫލް އިމާރާތް، ލާލޭ ހިންގާ ކުންފުނި، ބިޒް އެޓޯލްއާ 2008 ގައި ހަވާލު ކުރީ އެ ކުންފުނިން އެ އަވަށުގައި ސްކޫލެއް ހެދެން ދެން ފަސް އަހަރުގެ މުއްދަތަކަށެވެ. އެގޮތަށް އެއްބަސްވެ، ސަރުކާރުން ބިޒް އެޓޯލްއަށް 25 އަހަރުގެ މުއްދަތަށް ހުޅުމާލޭން ބިމެއް ވެސް ވަނީ ދީފަ އެވެ.

ލާލޭ ސްކޫލު އަލުން ބިޑަށް ލުމާ ގުޅޭގޮތުން މިއަދު އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުގެ ބެލެނިވެރިންނާ ބައްދަލު ކުރަނީ-- ފޮޓޯ: މިސްބާހު އައްބާސް

ލާލޭ ސްކޫލު އަލުން ބިޑަށް ލުމާ ގުޅޭގޮތުން މިއަދު އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުގެ ބެލެނިވެރިންނާ ބައްދަލު ކުރަނީ-- ފޮޓޯ: މިސްބާހު އައްބާސް

އެކަމަކު އެންމެ ފުރަތަމަ އެއްބަސްވުމުގެ މުއްދަތު 2013 ގައި ހަމަވުމުން އަނެއްކާ ވެސް އެޑިއުކޭޝަނުން ވަނީ ޖެހިގެން އައި އަހަރު އެއްބަސްވުން އާކޮށް، ބިޒް އެޓޯލްއާ ސްކޫލުގެ ހިންގުން ހަވާލުކޮށްފަ އެވެ.

ލާލޭ ހިންގަން އެންމެ ފުރަތަމަ ހަވާލުކުރީ ވެސް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ވާތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މާ ކުރިން ވެސް ވަނީ އެތަން އަލުން ބިޑަށް ލައިގެން ބަޔަކާ ހަވާލުކުރުމަށް އަންގައިފަ އެވެ.

ގްރޭޑް 1-10 އަށް ކިޔަވައިދޭ ލާލޭ ސްކޫލުގެ ހިންގުމަށް އެންމެ ފަހުން ހެދި އެއްބަސްވުމުގެ މުއްދަތު އަންނަ މަހު ހަމަވާނެ އެވެ. އެހެންވެ، އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެކަމާ ގުޅޭ މައުލޫމާތު އެ ސްކޫލުގެ ބެލެނިވެރިންނާ މިއަދު ހިއްސާކޮށްފަ އެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު މިރޭ ވިދާޅުވީ 500އަށް ވުރެ ގިނަ ކުދިން ކިޔަވަމުން އަންނަ ލާލޭ ސްކޫލު ހިންގުމުގެ އެއްބަސްވުމުގެ މުއްދަތު އަންނަ މަހު ހަމަވާތީ، އަންނަ ބޮޑު އީދުގެ ބަންދަށް ފަހު ސްކޫލު އަލުން ބިޑަށް ލާނެ ކަމަށެވެ. އަދި ބިޑު ހުށަހަޅައި އެކަން ކާމިޔާބުކޮށްގެން ސްކޫލު ހިންގުމުގެ ފުރުސަތު މިހާރު އެ ސްކޫލު ހިންގަމުން އަންނަ ފަރާތަށް ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަރީދިއްޔާ ސްކޫލުގައި 2008 ވަނަ އަހަރު ކިޔަވަމުން ދިޔަ ދަރިވަރުން، އޭރު ހުސްކޮށް އޮތް ގާޒީ ސްކޫލަށް ބަދަލުކޮށް އެތަން ލާލޭއަށް ދިނީ، ބިޒް އެޓޯލްއިން ހުޅުމާލޭގައި އިންޓަނޭޝަނަލް ބޮޑު ސްކޫލެއް އަޅާނެ ކަމަށް ބުނުމުންނެވެ. އެކަމަކު އެ ކުންފުންޏަށް ހަވާލު ކުރި ބިމުގައި މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނެތެވެ.

ލާލޭ ސްކޫލުގައި ދަރިވަރުންގެ ޕްލޭގްރައުންޑް: އަންނަ އަހަރު ސްކޫލު ހިންގާނެ ފަރާތެއް އަދި ނޭނގޭ-- ފޮޓޯ/ ލާލޭ ސްކޫލު

ލާލޭ ސްކޫލުގައި ދަރިވަރުންގެ ޕްލޭގްރައުންޑް: އަންނަ އަހަރު ސްކޫލު ހިންގާނެ ފަރާތެއް އަދި ނޭނގޭ-- ފޮޓޯ/ ލާލޭ ސްކޫލު

ޝަފީއު ވިދާޅުވީ އާ ސްކޫލު އެޅުމަށް ބިޒް އެޓޯލްއާ އެކު ވެފައިވާ އެއްބަސްވުން ކުރިއަށް ގެންދާނީތޯ ނުވަތަ ބާތިލް ކުރާނީތޯ އަދި ނުނިންމާ ކަމަށެވެ. އެކަމަކު އެއްބަސްވުމަށް އެތައް އަހަރެއް ވީއިރު ވެސް ބިން އޮތީ ހުސްކޮށް ކަން އޭނާ ވެސް އެއްބަސްވެވަޑައިގަތެވެ.

"އެކަމަކު [ލާލޭ ހިންގާ މީހުން ފިޔަވައި އެހެން ބަޔަކު] މިހާތަނަށް އަޅުގަނޑުމެންނަށް ހުށަހަޅާފައެއް ނެތް ބިމެއް ދީފިނަމަ އަމިއްލައަށް އިންވެސްޓްކޮށްގެން ބޮޑު ސްކޫލެއް އަޅައިދޭނެ ކަމަކަށް." ޝަފީއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަންނަ އަހަރު ލާލޭ ސްކޫލު ހިންގާނީ އެކަމަށް އެންމެ ރަނގަޅު ޕްރޮޕޯސަލްއެއް ހުށަހަޅާ ބައެކެވެ. އަދި އަށް އަހަރު ވާންދެން ސްކޫލެއް ހިންގީތީ ވަކި ލާލޭއަށް އިސްކަން ނުދޭނެ ކަމަށް ޝަފީއު ވިދާޅުވި އެވެ.

"އެކަމަކު ދަރިވަރުންގެ ކިޔެވުން ނުހުއްޓޭނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެން ދެން،" އޭނާ ވިދާޅުވި އެވެ.