30 ޑިސެމްބަރ 2020
މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މުހައްމަދު އަނަސް މަރާލި މައްސަލާގައި ދައުވާލިބޭ މީހުންގެ ބަންދަށް ލުޔެއް ދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މުހައްމަދު އަނަސް މަރާލި މައްސަލާގައި ދައުވާލިބޭ މީހުންގެ ބަންދަށް ލުޔެއް ދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
ޖުލައި، 2017 ގައި ލިޓަސް ސާވިސް ސެންޓަރުގެ ތެރެއަށް ގްރޫޕަކުން ވަދެ ތޫނު އެއްޗެހިން ހަމަލާދީ އަނަސް މަރާލި މައްސަލާގައި ހަތް މީހަކަށް ދައުލަތުން ދައުވާ ކުރެ އެވެ. އެއީ ލ. ގަން ތުނޑި، ނަންނާރިގޭ ޖުނައިހް އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ދިމިޝްގު އުސްމާން ޝަރީފާއި މ. ލޮނުމިދިލިގޭ އަފްރާހް އަބްދުއްރައްޒާގު އަދި ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒްގެ މައްޗަށެވެ.
ޝަރީއަތް ނިމެންދެން އެ މީހުން ބަންދު ކޮށްފައި ތިބުމުން އެ މީހުންގެ ބަންދު ރިވިއުކުރަން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އެ ހަތް މީހުން ބަންދުކުރީ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށާއި އެ ހާލަތު އަދިވެސް ދެމި އެބަ އޮތް ކަމަށެވެ. އަދި އެ މައްސަލާގައި ސިއްރު ހެކިވެރިއަކަށް ބަޔަކު ބިރު ދެއްކުމުން އެ މީހާ ހެކިބަސް ދޭން ދެކޮޅު ހަދާފައިވާ ކަމަށާއި އެހެންވެ، އެ މީހުން ބަންދުން ދޫކޮށްލައިފި ނަމަ ދެން ތިބި ހެކިވެރިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ދައުލަތުން ބުންޏެވެ.
ދައުވާލިބޭ މީހުންނަކީ ބަންދުގައި ތިބި ބަޔަކަށް ވާއިރު، އެ މީހުން ހެކިންނަށް ނުފޫޒު ފޯރުވާނެ ގޮތެއް ނޯންނާނެ ކަމަށް ދިފާއި ވަކީލުން ވިދާޅުވި އެވެ. އަދި ހެކިންނަށް ނުފޫޒު ފޯރުވީ ކާކުކަން ދައުލަތުން ނުބުނާތީ ދިފާއީ ވަކީލުން ސުވާލު އުފެއްދެވި އެވެ. އަދި ބަންދަށް ލުޔެއް ދެވެން އޮތް ނަމަ، އެ ލުޔެއް ދޭން ދިފާއީ ވަކީލުން އެދުނެވެ.
ދައުލަތުން ބުނީ ހެކިވެރިއަކަށް ބިރު ދެއްކި ކަން އެނގުނީ އެ ހެކިވެރިޔާގެ ހެކިބަސް ނަގަން މަސައްކަތް ކުރުމުން ކަމަށާއި އެ މައްސަލަ މިހާރު ފުލުހުން ބަލަމުންދާ ކަމަށެވެ. ބިރު ދެއްކީ ކާކުކަން ބުނަން އަދި ނޭނގޭ ކަމަށް ދައުލަތުން ބުންޏެވެ.
އެ މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަމީރު ވިދާޅުވީ މީހެއްގެ މަރުގެ މައްސަލައަކީ ކުޑަ މައްސަލައެއް ނޫން ކަމަށާއި މި ހާލަތުގައި އެ މީހުން ބަންދުން ދޫކޮށްލައިފި ނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންވެ، މިވަގުތު ބަންދަށް ލުޔެއް ނުދީ ދަމަހައްޓަން ނިންމީ ކަމަށް ގާޒީ ވިދާޅުވި އެވެ.
ދައުވާލިބޭ ޖުނައިހްގެ ސިއްހީ ސަބަބުތަކާ ހެދި އިތުރު ފަރުވާއަށް އޭނާ ރާއްޖެއިން ބޭރަށް ގެންދަން ޑޮކްޓަރުން ލަފާ ދީފައި ވިޔަސް، އޭނާ ބޭރަށް ފޮނުވުން ލަސްވާތީ އެކަން އޭނާގެ ވަކީލް އާދަމް އާސިފް ފާހަގަ ކުރެއްވި އެވެ.
ދައުލަތުން ބުނީ ޖުނައިހް ބޭރަށް ފޮނުވަން ޓްރެވަލް ޑޮކިއުމެންޓްތައް ހަމަޖެހިފައިވާ ކަމަށާއި މިހާރު ނުނިމި އޮތީ ވިސާ ހަމަޖެއްސުމުގެ ކަންތައްތައް ކަމަށް ދައުލަތުން ބުންޏެވެ. އަދި އެކަން ލަސްވަނީ އެކި އިދާރާތައް ގުޅިގެން އެ މަސައްކަތްކުރަން ޖެހޭތީ ކަމަށާއި ވިސާ ހަމަޖެހުނުހާ އަވަހަކަށް ބޭރަށް ފޮނުވޭނެ ކަމަށް ދައުލަތުން ބުންޏެވެ.
ގާޒީ ސަމީރު ވިދާޅުވީ ވިސާގެ ކަންތައް ހަމަޖައްސަން މަސައްކަތްކުރާ ވާހަކަ ދައުލަތުން ކުރިން ވެސް ބުނަމުން އަންނަ ކަމަށާއި އެކަމަކު އެކަން ހަމަޖެހޭނެ ދުވަހެއް ބުނެ ނުދެވި، ވަރަށް ބޮޑަށް ލަސްވެފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށް ވިޔަސް، ބޭސްފަރުވާ އާއި އިންސާނީ ހައްގުތައް ލިބެންޖެހޭ ކަމަށާއި އޭނާއަކީ ކުށްވެރިއެއް ކަމަށް މިވަގުތު ދެކިގެން ނުވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އެ މަރުހަލާ އިތުރަށް ލަސްވާ ނަމަ، ކޯޓުން އަމުރެއް ނެރެން ޖެހިދާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ގާޒީ އެންގެވީ ވިސާ ހަމަޖެހޭނެ ދުވަހެއް ބެލުމަށް ފަހު މިއަދުގެ ވަގުތެއްގައި ކޯޓަށް އެކަން އެންގުމަށެވެ.
އަނަސްގެ މަރު: ދައުވާލިބޭ މީހުންގެ ބަންދަށް ލުޔެއްނެތް
ނަދީމް މަރާލުން:އެންމެން ސަލާމަތްވި މައްސަލަ ހައިކޯޓަށް
ނަދީމްގެ މަރު: ހުކުމް އިއްވުން އަނެއްކާވެސް ފަސްކޮށްފި
ނަދީމްގެ މަރު: ހުކުމް އަންނަ ހަފުތާގައި
ނަދީމްގެ މަރު: ހުކުމް އިއްވުން އަނެއްކާވެސް ފަސްކޮށްފި
"އަނަސް މަރާލިރޭ އެކަކު ގޭގައި، އަނެކަކު ރަށުގައި"
ނަދީމްގެ މަރު:ހަތަރު އަހަރު ފަހުން އަންނަ މަހު ހުކުމް
ގޭންގުތައް ނުހުއްޓުވޭ ސަބަބާ މެދު ފަނޑިޔާރުންގެ ސުވާލު
މާރާމާރީއެއްގެ ވީޑިއޯ ގެއްލި، އެންމެން ސަލާމަތްވެއްޖެ
ޝެފަކު މަރާލި މައްސަލަ އޮކްޓޫބަރު މަހު ނިންމޭތޯ ބަލަނީ