22 ފެބުރުއަރީ 2022
މާލޭގައި ކެފޭއެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލައިގެ އަޑުއެހުންތައް ހަތަރު އަހަރު ފަހުން ނިންމާލައި، އެ މައްސަލައިގެ ހުކުމް އަންނަ މަހުގެ 31 ވަނަ ދުވަހު އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
މާލޭގައި ކެފޭއެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލައިގެ އަޑުއެހުންތައް ހަތަރު އަހަރު ފަހުން ނިންމާލައި، އެ މައްސަލައިގެ ހުކުމް އަންނަ މަހުގެ 31 ވަނަ ދުވަހު އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
ޖުލައި 2017 ގައި ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ގ. ޝާރާޒް، މުހައްމަދު މަފާޒް ހުސައިން ސަލީމާއި ލ. ގަން ވިދާތަރި، އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމިންގެ އިތުރުން ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ. ނަދީމަށް ހަމަލާދިން ކަމުގެ ތުހުމަތު ކުރަނީ މަފާޒްގެ މައްޗަށެވެ. ދެން ތިބި މީހުންނަށް ތުހުމަތު ކުރަނީ ހަމަލާދިން ސަރަހައްދަށް ސައިކަލުތަކުގައި އެ މީހުންނާ އެކު ގޮސް، ބައިވެރިވި ކަމަށް ބުނެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދެ ފަރާތުން ޚުލާސާ ބަޔާން ހުށަހަޅައި، ނިމުމުން އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ އެ މައްސަލާގެ އަޑުއެހުންތައް ނިންމާލިޔަސް، މައްސަލަ ދިރާސާ ކުރުމުގެ ތެރޭގައި އިތުރު ކަމެއް ސާފުކުރަން ޖެހިއްޖެ ނަމަ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. އެހެން ނޫން ނަމަ، އަންނަ މަހުގެ 31 ވަނަ ދުވަހު އެ މައްސަލާގެ ހުކުމް އިއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ހުކުމް ކުރެވެންދެން ދައުވާލިބޭ މީހުންގެ ބަންދު ދަމަހައްޓަން ވެސް ގާޒީ ނިންމެވި އެވެ.
ޚުލާސާ ބަޔާން ހުށަހަޅަމުން ދައުލަތުން ބުނީ ވަޅި ހިފައިގެން މަފާޒާއި ނިފާޒް ކެފޭ ތެރެއަށް ވަން ކަމަށާއި އަދި ހަމަލާދިނީ މަފާޒު ކަމަށް ދެ ހެއްކަކު ބުނެފައިވާއިރު، ތަހުގީގުގައި ވެސް އެ ދެ ހެކިން އެގޮތަށް ހެކިބަސް ދީފައިވާ ކަމަށް ދައުލަތުން ބުންޏެވެ. އެ މީހުން ބުނެފައިވާ ގޮތުގައި އެ ދެ މީހުން މޫނު ނިވާކޮޮށްގެން ތިއްބަސް، އެއީ މަފާޒާއި ނިފާޒް ކަން އެނގުނީ އެ މީހުންގެ މާސްކް ކޮންމެވެސް ވަރަކަށް ތިރިވުމުންނެވެ. އަދި މަފާޒްގެ ކޮޓަރި ފާސް ކުރިއިރު އެތަނުން މާސްކެއް ފެނުނު ކަމަށް ދައުލަތުން ބުންޏެވެ.
ނަދީމްގެ މަރުގެ ދައުވާލިބޭ މީހުން އަޑުއެހުމުގައި ބައިވެރިވަނީ
ރައްދުގައި ދިފާއީ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ މަފާޒް ހުރީ މާސްކް އަޅައިގެން ކަމަށް އެއް ހެއްކަކު ބުނާއިރު ދެވަނަ މީހާ ބުނެފައިވަނީ މަފާޒް ހުރީ ސްކާފެއް އޮޅައިގެން ކަމަށް ކަމަށެވެ. އަދި މަފާޒް އަޅައިގެން ހުރީ ބޮލާއި މުޅި މޫނު ނިވާވާ ފަދަ މާސްކެއް ކަމަށް އެއް ހެއްކަކު ބުނާއިރު، އެފަދަ މާސްކެއް ވެއްޓޭނެ ގޮތެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދައުލަތުން ބުނީ ނަދީމަށް ހަމަލާދިން ރޭ ދައުވާލިބޭ މަފާޒާއި ޝާމިން އާއި އެ މައްސަލާގައި ދައުވާލިބޭ ކުޑަކުއްޖާ މާލެ ތެރޭގައި އެކީގައި އުޅޭ މަންޒަރު ފެންނަ ވީޑިއޯތައް ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ކަމަށެވެ. އަދި ހަމަލާދިން ވަގުތު ޓާމިނަލް ކެފޭ ކައިރިން ދައުވާލިބޭ މީހުން ދަތުރުކުރި މަންޒަރު ވެސް ވީޑިއޯތަކުން ފެންނަ ކަމަށާއި އެއީ އެ މީހުން ކަން ވީޑިއޯގެ ތަހުލީލު ރިޕޯޓުތަކުން ކަށަވަރުވާނެ ކަމަށް ދައުލަތުން ބުންޏެވެ.
- ހަމަލާދިނީ މަފާޒް ކަން، ދެން ތިބި މީހުން ބައިވެރިވި ކަމަށް
- ހެކިބަސް ބަދަލުކުރަން ސިޓީ ފޮނުވިޔަސް، އެ ފުރުސަތު ނުދެވޭނެ ކަމަށް
- ހެކިންނަށް ނުފޫޒުތައް ފޯރުވާފައިވާ ކަމަށް
ހެކިބަސް ދިން ދެ ހެކިން ފަހުން ކޯޓަށް ފޮނުވި ސިޓީއެއްގައި އެ ހެކިބަސް ދޮގު ކޮށްފައިވެ އެވެ. އެ ސިޓީގައި ބުނެފައިވަނީ ނަދީމަށް މަފާޒް ހަމަލާދިން ކަމަށް ބުނެވުނީ ޔަގީން ކަމެއް ނެތި ކަމަށެވެ. އެ ސިޓީއާ ގުޅިގެން ދައުލަތުން ބުނީ އެ ދެ ހެކިންގެ ސިޓީގައި ނަމާއި ސޮއި ފިޔަވައި ހުރިހާ ވާހަކަތަކެއް ހުރީ އެއްގޮތަކަށް ކަމަށެވެ. އަދި ހެކިންނަށް ބިރު ދެއްކިކަމުގެ އިންޓެލިޖެންސް މައުލޫމާތުތައް ހުއްޓާ އެފަދަ ސިޓީއެއް ލިބުމަކީ އާދަޔާ ޚިލާފް ކަމެއް ނޫން ކަމަށް ދައުލަތުން ބުންޏެވެ.
ހެކިބަސް ބަދަލުކުރަން ސިޓީ ފޮނުވިޔަސް، ދައުލަތުން ބުނިގޮތުގައި އެ ފުރުސަތު ދީގެން ނުވާނެ އެވެ. ސަބަބަކީ ތަހުގީގަށް ބަޔާން ދިނުމަށްފަހު އެ ބަޔާނާ އެއްގޮތަށް އެ މީހުން ކޯޓުގައި ހެކިބަސް ދީފައިވާތީ އާއި ހެކިންނަށް ބިރު ދެއްކުމުގެ ކަންތައްތަކެއް ހިނގަމުންދާތީ ކަމަށް ދައުލަތުން ބުންޏެވެ.
ރައްދުގައި ދިފާއީ ވަކީލް ނޫރު ވިދާޅުވީ އެ ސިޓީ ފޮނުވީ އެ ދެ ހެކިން އަމިއްލައަށް ކަން ފުލުހުން މެދުވެރިކޮށް ދައުލަތުން ކަށަވަރު ކޮށްފައިވާތީ އެ ސިޓީތަކާ މެދު ސުވާލު އުފެއްދެން ނެތް ކަމަށެވެ.
މަންޒަރު ފެނުނު އެހެން ބައެއް ހެކިންނަށް ހެކިބަސް ދީފައެއް ނުވެ އެވެ. އެއީ ހެކިބަސް ނުދެވެނީސް އެ މީހުންނަށް ނުފޫޒު ފޯރުވުމާއި އަދި އެހެން ބައެއް ހެކިން ހެކިބަސް ދިނުމުން މާލެ ތެރޭގައި ސިލްސިލާ މާރާމާރީތަކެއް ހިނގުމުން ކަމަށް ދައުލަތުން ތުހުމަތު ކުރެ އެވެ. އެހެންވެ، ދައުލަތުން އެދުނީ އެ މީހުން ތަހުގީގަށް ދިން ބަޔާންތަކަށް ރިއާޔަތްކޮށް ދިނުމަށެވެ. އަދި އެހެން ގައުމުތަކުގައި ވެސް އިސްތިސްނާ ގޮތެއްގައި އެގޮތަށް އަމަލުކުރާ ކަމަށް ދައުލަތުން ބުންޏެވެ.
ވަކީލް ނޫރު ވަނީ ސިލްސިލާ މާރާމާރީތައް ހިނގީ އެ މައްސަލާގައި ހެކިބަސް ދިނުމުގެ ސަބަބުން ކަން އެނގޭނެ ތަހުގީގު ރިޕޯޓްތަކާއި އެކަންކުރި ބަޔަކީ ކޮބައިތޯ ވިދާޅުވެ، ސުވާލު އުފައްދަވައިފަ އެވެ. އަދި އެއީ ހަމައެކަނި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކުން ނިންމާލެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
- ތުހުމަތެއް އުފެދޭ މިންވަރުގެ ހެއްކެއް ވެސް ނެތް ކަމަށް
- ހެކިންނަށް ނުފޫޒު ފޯރުވި މައްސަލަ ފުލުހުން ނުބަލަނީ ކީއްވެތޯ ސުވާލު އުފެއްދި
- ހެކިބަހުގައި ދިމާނުވާ އެތައް ކަމެއް ހުރި ކަމަށް
ދައުލަތުން ބުނިގޮތުގައި އިސްލާމީ ޝަރީއަތުގައި ގަސްދު މަރުގައި ދުރާލާ ރޭވުމެއް ނެތަސް، މެރުމުގެ ނިޔަތް އޮތުމުން ފުދޭނެ އެވެ. އަދި މެރުމުގެ ނިޔަތް އޮތްކަން ދެނެގަނެވޭނީ ބޭރު ފުށުން ފެންނަ ކަންކަމަށް ބަލައިގެން ކަމަށްވާތީ ހަމަލާދިނުމަށް ބޭނުންވާ ހަތިޔާރަށް ބަލައިގެން މެރުމުގެ ގަސްދު އޮތް ކަމަށް ބެލެވޭނެ ކަމަށް އިސްލާމީ ޝަރީއަތުގައި ބަލަމުން އަންނަ ކަމަށް ދައުލަތުން ބުންޏެވެ. އަދި ތޫނު އެއްޗަކުން ނަދީމްގެ ބޮލަށް ހަމަލާދީފައި އޮތުމުން މެރުމުގެ ގަސްދު ނެތްކަމަށް ބުނެވޭނެ އެއްވެސް ގޮތެއް ދައުލަތުން ވެސް ބުންޏެވެ.
ވަކީލް ވިދާޅުވީ ކޮންމެ މީހަކަށް ފުރާނައިގެ ރައްކާތެރިކަން އިސްލާމީ ޝަރީއަތުގައި ދީފައިވާތީ އެ މައްސަލައަކީ ނަދީމްގެ އިތުރުން ދައުވާލިބޭ މީހުންގެ ފުރާނައާ ވެސް ގުޅުންހުރި މައްސަލައެއް ކަމަށެވެ. އަދި ގާނޫނުލް އުގޫބާތު އޮތްގޮތުން ހެކިންގެ ހެކިބަހުގައި އެއްވެސް މިންވަރެއްގެ ފުށުއެރުމެއް ހުރެއްޖެ ނަމަ، ގަސްދު މަރުގައި މަރުގެ އަދަބު ކަނޑަނޭޅޭނެ ކަމަށާއި އެކަމަކު އެ މީހުންނާ ދެކޮޅަށް "ތުހުމަތެއް އުފެދޭ މިންވަރުގެ ހެއްކެއް ވެސް ނެތް" ކަމަށް އޭނާ ވިދާޅުވި އެވެ.
ވަކީލް ނޫރު ވިދާޅުވި ގޮތުގައި ކުށްކުރި ތަނުގައި ނިފާޒާއި ކަރަމް އާއި ޝާމިން ނެތްކަން އެ މީހުންގެ ފަރާތުން ދިފާއު ސާބިތުކޮށްދޭންޖެހޭ މަދަނީ މިންގަނޑުން އެ މިންވަރަށް ވަނީ ސާބިތުކޮށްދީފަ އެވެ. އަދި އިސްލާމީ ޝަރީއަތުގެ ދަށުން އެ ތިން މީހުންގެ މައްޗަށް ކުށް ސާބިތު ކުރެވޭނީ މަރާލުމަށް ދުރާލާ ރޭވި ރޭވުމެއް އޮތްކަން ސާބިތުކޮށްދީގެން ކަމަށާއި އެކަމަކު އެފަދަ ހެއްކެއް ނެތް ކަމަށް ނޫރު ވިދާޅުވި އެވެ.
އަނަސްގެ މަރު: ދައުވާލިބޭ މީހުންގެ ބަންދަށް ލުޔެއްނެތް
ނަދީމް މަރާލުން:އެންމެން ސަލާމަތްވި މައްސަލަ ހައިކޯޓަށް
ނަދީމްގެ މަރު: ހުކުމް އިއްވުން އަނެއްކާވެސް ފަސްކޮށްފި
ނަދީމްގެ މަރު: ހުކުމް އަންނަ ހަފުތާގައި
ނަދީމްގެ މަރު: ހުކުމް އިއްވުން އަނެއްކާވެސް ފަސްކޮށްފި
"އަނަސް މަރާލިރޭ އެކަކު ގޭގައި، އަނެކަކު ރަށުގައި"
އަނަސްގެ މަރު: ތުހުމަތުވާ މީހުންގެ ބަންދު ލުޔެއްނުކުރި
ގޭންގުތައް ނުހުއްޓުވޭ ސަބަބާ މެދު ފަނޑިޔާރުންގެ ސުވާލު
މާރާމާރީއެއްގެ ވީޑިއޯ ގެއްލި، އެންމެން ސަލާމަތްވެއްޖެ
ޝެފަކު މަރާލި މައްސަލަ އޮކްޓޫބަރު މަހު ނިންމޭތޯ ބަލަނީ