Roadha Mihaaru
ދިރިއުޅުމުގެ ހާލަތު ބެލި ގޮތުގެ މައްސަލަ އޭސީސީ އަށް

ދިރިއުޅުމުގެ ހާލަތު ބެލި މިންގަނޑަށް ޝަކުވާ ހުށަހަޅަން ފުރުސަތު ނުދިން މައްސަލަ އޭސީސީ އަށް

23 ޑިސެމްބަރ 2020

ހިޔާ މަޝްރޫއުގައި ދިރިއުޅުމުގެ ހާލަތު ބަޔަށް ޕޮއިންޓް ދިން މިންގަނޑު، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ބަންދުކުރުމަށް ފަހު އާއްމުކުރުމުން އެކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅަން ނިންމައިފި އެވެ.

ހިޔާ މަޝްރޫއުގައި ދިރިއުޅުމުގެ ހާލަތު ބަޔަށް ޕޮއިންޓް ދިން މިންގަނޑު، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ބަންދުކުރުމަށް ފަހު އާއްމުކުރުމުން އެކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅަން ނިންމައިފި އެވެ.

ބޯހިޔާވަހިކަމުގެ ހައްގާއި އިޖުތިމާއީ އެހެން މައްސަލަތަކުގައި އަޑުއުފުލަން އުފެއްދި ޖަމިއްޔާ، އާއްމުންގެ އެކުވެރި ގުޅުމުން ބުނީ މި ސަރުކާރުގެ ފްލެޓް ކޮމިޓީން އާ ލިސްޓުތަކެއް އާއްމުކުރިއިރު، އެންމެ ގިނަ ބަޔަކަށް ޕޮއިންޓް މަދުވީ ދިރިއުޅުމުގެ ހާލަތު ބައިން ކަމަށެވެ. ދިރިއުޅުމުގެ ހާލަތު ބަޔަކަށް 30 ޕޮއިންޓް ކަނޑައަޅާފައި އޮތް އިރު އެ ޕޮއިންޓް ދިން ގޮތުގެ މިންގަނޑު ފްލެޓް ކޮމިޓީން އާއްމުކުރީ އެންމެ ގިނަ ބަޔަކު ކުރިމަތިލީ އެޗް7 ކެޓަގަރީގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދިން މުއްދަތު ހަމަވި ފަހުންނެވެ.

ޖަމިއްޔާ އިން ބުނި ގޮތުގައި މާ ލަހުން މިންގަނޑު އާއްމުކުރުމުން އެތައް ބައަކަށް ދިރިއުޅުމުގެ ހާލަތުގެ ބައިން ޝަކުވާ ހުށަހަޅަން ފުރުސަތެއް ނުލިބުނެވެ. މިއީ އެތައް ހާސް ބައެއްގެ ހައްގު ގެއްލޭ މައްސަލައަކަށް ވިޔަސް މިކަމުގައި ސަރުކާރުގެ އިދާރާތަކުން މިހާތަނަށް ހައްލެއް ހޯދައިދީފައި ނުވާ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

އެހެންވެ، ބޯހިޔާވަހިކަމަށް އެދުނު ވަކިވަކި މީހުން މެދުވެރިކޮށް އޭސީސީއަށް މި މައްސަލަ މިއަދުން ފެށިގެން ހުށަހަޅަން ޖަމިއްޔާ އިން ވަނީ މަސައްކަތް ފަށައިފަ އެވެ. ދިރިއުޅުމުގެ ހާލަތުގެ ބަޔަކަށް ޕޮއިންޓް ދޭ މިންގަނޑު އާއްމުނުކުރީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން ކަމުގެ ތުހުމަތާ އެކު އޭސީސީއަށް ހުށަހަޅަނީ އެ މައްސަލަ ބަލައިދޭށެވެ.

ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުދީ ދާއިމީ ލިސްޓުތައް ނެރެފި ނަމަ އިޔާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ވެސް އޭސީސީއަށް ހުށަހަޅާ ސިޓީގައި ބުނެފައިވެ އެވެ.

"ޝަކުވާ ހުށަހެޅުމުގެ އަސާސީ ހައްގު އާއްމުންނަށް ނުދީ ދާއިމީ ލިސްޓު ނެރުމުން ދެން ނުކުންނާނެ މައްސަލަތައް ކޮމްޕްލެކްސް ވެފައި، ހައްލުކުރަން އުނދަގޫވެ އަނެއްކާވެސް އެތައް ވަގުތެއް ބޭކާރު ވެގެންދާނެ އެވެ. ވީމާ އެނގި ތިބެ މިފަދަ ކަމެއް ކުރުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ،" އޭސީސީ އަށް މައްސަލަ ހުށަހެޅުމާ ގުޅޭ ގޮތުން ޖަމިއްޔާ އިން އާއްމުކުރި މައުލޫމާތުތަކުގައިވެ އެވެ.

ދިރިއުޅުމުގެ ހާލަތުގެ ބައިން ޕޮއިންޓް ދިން މިންގަނޑު އާއްމުނުކޮށްގެން ޝަކުވާ ބޮޑުވެފައިވާއިރު، ފްލެޓް ކޮމިޓީން ބުނެފައި ވަނީ ދިރިއުޅުމުގެ ހާލަތު ބަޔަށް އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކު ޕޮއިންޓު ދެވޭނީ ގޭގެއަށް ގޮސް ހާލަތު ބަލައިގެން ކަމަށް ވާތީ، ޕޮއިންޓު ދޭނެ މިންގަނޑެއް އެކުލަވައިލީ ހައުސިން މިނިސްޓްރީގެ ލަފައަ އެކު ކަމަށެވެ. ދިރިއުޅުމުގެ ހާލަތުގެ ބައިން ޕޮއިންޓު ދޭން އެކުލަވާލާފައިވާ މިންގަނޑު ކުރިން އާއްމު ނުކުރީ އެ މައުލޫމާތު ކުރިން ހާމަކޮށްފި ނަމަ އެންމެ އިންސާފުވެރިކަމާ އެކު ޕޮއިންޓު ދޭން ހުރަސް އެޅޭނެތީ ކަމަށް ވެސް ކޮމިޓީން ވަނީ ބުނެފަ އެވެ.

މި މަހުގެ ތެރޭގައި ސިވިލް ސާވިސް މުވައްޒަފުންގެ ކެޓަގަރީ އާއްމުކޮށް، ހުރިހާ ކެޓަގަރީއެއްގެ ދާއިމީ ލިސްޓައް އާއްމުކުރާނެ ކަމަށް ފްލެޓް ކޮމިޓީން ވަނީ ބުނެފަ އެވެ.