Roadha Mihaaru
ހިޔާ ފްލެޓުތަކުގެ އޮޑިޓު ރިޕޯޓު އޭސީސީން ދިރާސާކުރަނީ

ހިޔާ ފްލެޓުތަކުގެ އަގު ކަނޑައެޅި ގޮތުގެ ރިޕޯޓް އޭސީސީން ދިރާސާކުރަން ފަށައިފި

28 އޮކްޓޯބަރ 2021

ހިޔާ ފްލެޓްތަކުގެ އަގު ކަނޑެޅި ގޮތް ބެލުމަށް ފަހު އޮޑިޓާ ޖެނަރަލްގެ އޮފީހުން އެކުލަވާލި ރިޕޯޓް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދިރާސާކުރަން ފަށައިފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ހިޔާ ފްލެޓްތަކުގެ އަގު ކަނޑެޅި ގޮތް ބެލުމަށް ފަހު އޮޑިޓާ ޖެނަރަލްގެ އޮފީހުން އެކުލަވާލި ރިޕޯޓް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދިރާސާކުރަން ފަށައިފި އެވެ.

އޮޑިޓާ ޖެނަރަލްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް އެޗްޑީސީން އަގުތައް ކަނޑައަޅާފައި ވަނީ އެ ކުންފުނިން އެ މަަޝްރޫއަށް ނަގާފައިވާ ލޯނުތަކާއި އެއާ ގުޅުން ހުރި އެހެން ކަންތައްތަކަށް ރިއާޔަތް ކޮށްފައި ކަމަށާއި އެ އަށް ވުރެ އަގު ހެޔޮކޮށްފި ނަމަ، ކޮންމެ ޔުނިޓަކުން އެއް މިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށެވެ.

އެކަމަކު ކުރީގެ ސަރުކާރުގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ފްލެޓްތައް މަހަކު 5،548ރ. އަށް ދޫކުރެވޭނެ ކަމަށް ހިސާބު ހަދާފައިވާ މާލޭ ސިޓީ ކައުންސިލްގެ ރިޕޯޓެއް ނެރެފަ އެވެ. މި އަގަށް ދޫނުކުރެވޭނެ ކަަމަށް ސަރުކާރުން ބުނެ އެވެ.

އެހެންކަމުން ދައުލަތަށް ގެއްލުންވާ ގޮތަށް ފްލެޓުތަކުގެ އަގު ކަނޑައެޅި މައްސަލަ ބަލާނެ ކަމަށް ސަރުކާރުން ބުންޏެވެ. އަދި އެ ޕްރޮޖެކްޓުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ ޖިނާއީ ތަހުގީގެއް ހިންގުމަށް ގޮވާލައި މަޖިލީހަށްވެސް ވަނީ މައްސަލަ ހުށަހަޅާފަ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ މީޑިއާ އޮފިޝަލް ހަސަން މަނިކު "މިހާރު" އަށް ވިދާޅުވީ، ހިޔާ ފްލެޓުތަކުގެ އަގު ކަނޑައެޅިގޮތް ބަލައި އޮޑިޓާ ޖެނެރަލް އިން އެކުލަވާލި ރިޕޯޓު އެ ކޮމިޝަނުން މިހާރު ދިރާސާކުރަން ފަށާފައިވާ ކަމަށެވެ.

"[އޮޑިޓު ރިޕޯޓު] ދިރާސާކޮށްފައި ދެން އޭގައި ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ފާހަގަވެއްޖެ ނަމަ އެކަމެއް ވަކިން ތަހުގީގުކުރަން ޑިސައިޑް ކުރާނެ،" އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތްކުރި ހިޔާ ފްލެޓްތަކަށް މި ސަރުކާރުން އަގު ކަނޑައަޅާފައިވާ ގޮތް ބަލަން އެޗްޑީސީން އެދިގެން ކުރި އޮޑިޓަކަށް ފަހު އާއްމުކުރި ރިޕޯޓުގައިވާ ގޮތުން، 2018 ވަނަަ އަހަރު ކަނޑައަޅާފައިވާ ގޮތަށް ފްލެޓަކަށް މަހަކު 6،600ރ. ދައްކާ ގޮތަށް ހަމަޖައްސައިފި ނަމަ ކޮންމެ ޔުނިޓަކުން 1.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ގެއްލުންވާނެ އެވެ. މަހަކު އެ އަދަދަށް ފައިސާ ދައްކާ ގޮތަށް 25 އަހަރަށް ދޫކޮށްފި ނަމަ އެޗްޑީސީގެ ނެޓް ކޭޝްފްލޯގެ ގޮތުގައި ގާތްގަނޑަކަށް 9.2 ބިލިއަން ޑެފިސިޓް ވާނެ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައިވެ އެވެ. ރިޕޯޓްގައިވާ ގޮތުން ސަރުކާރުން މިހާރު ކަނޑައަޅާފައިވާ އަގު ކަމަށްވާ 8،500ރ. އަށް ދޫކުރުމުން ވެސް ނެޓް ކޭޝްފްލޯގެ ގޮތުގައި 138.6 މިލިއަން ރުފިޔާ ޑެފިސިޓް ވާނެ އެވެ. އަދި މަހަކު 5،548ރ. އަށް ފްލެޓެއް ދޫކުރެވޭނެ ކަމަށް ބުނެ މާލޭ ސިޓީ ކައުންސިލުން ޖަހާފައިވާ ހިސާބު ވެސް ގެއްލުން ވާނެ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އޮޑިޓް ރިޕޯޓު ނެރުމާ އެކު ސަރުކާރުގެ ބައެއް އިސްވެރިން ވަނީ ކުރީގެ ސަރުކާރުން ފްލެޓުތަކުގެ އަގު ކުޑަކޮށް އިއުލާން ކުރީ ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލައިގެން ކަމަށް ތުހުމަތުކޮށްފަ އެވެ.