Roadha Mihaaru
ޓީއެމްއޭ އިން ކަނޑާލި މީހުންނަށް އަލުން ވަޒީފާ ދެނީ

ޓޫރިސްޓުންގެ އަދަދު އިތުރުވާން ފެށުމާ އެކު، ޓީއެމްއޭ އިން އަލުން ވަޒީފާ ދޭން ފަށައިފި

16 ޑިސެމްބަރ 2020

ކޮވިޑް-19 އާ ގުޅިގެން ކުންފުންޏަށް ކުރިމަތިވި މާލީ ދަތިކަމާ ގުޅިގެން ވަޒީފާ އިން ވަކިކުރި މީހުންނަށް ޓީއެމްއޭ އިން އަލުން ވަޒީފާ ދޭން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑް-19 އާ ގުޅިގެން ކުންފުންޏަށް ކުރިމަތިވި މާލީ ދަތިކަމާ ގުޅިގެން ވަޒީފާ އިން ވަކިކުރި މީހުންނަށް ޓީއެމްއޭ އިން އަލުން ވަޒީފާ ދޭން ފަށައިފި އެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ހިދުމަތް ހުއްޓިފައި އޮތުމުގެ ސަބަބުން ބޮޑެތި މާލީ ދަތިތައް ކުރިމަތިވުމާ ގުޅިގެން ޓީއެމްއޭ އިން ވަނީ ގިނަ މުވައްޒަފުންތަކެއް ވަޒީފާ އިން ވަކި ކޮށްފަ އެވެ. ކޮވިޑްގެ ހާލަތުގެ ކުރިން ޓީއެމްއޭގައި 900 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރި އިރު، އެ ބައްޔާ ގުޅިގެން ކުރިމަތިވި މާލީ މައްސަލަތަކާ އެކު، މުސާރަ 50 ޕަސެންޓަށް ކުޑަ ކުރި އެވެ.

ޓީއެމްއެމްއޭގެ ވަޒީފާ އިން ވަކި ކުރުމަށް ފަހު، އަނެއްކާ ވަޒީފާ އަށް ނުކުތް މުވައްޒަފަކު ބުނީ، މި ދުވަސްވަރު ޓޫރިސްޓުން އަންނަ ވަރު ވަރަށް ބޮޑަށް އިތުރުވުމާ ގުޅިގެން، ގިނަ ބަޔަކަށް އަލުން ވަޒީފާ ދީފައިވާ ކަމަށެވެ. ޓީއެމްއޭގެ ދަތުރުތައް ވެސް އިތުރު ކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

ޓީއެމްއޭގެ ކެބިންކްރޫއަކު ބުނީ، އެ ޑިޕާޓްމެންޓުން ކަނޑައިލި ހުރިހާ މުވައްޒަފުންގެ ކަހަލަ ގޮތަކަށް ވަޒީފާ އިޔާދަ ކޮށްފައިވާ ކަމަށެވެ.

"ގުޅާފައި ބުނީ ވަޒީފާ ބޭނުންވާ ނަމަ ނުކުންނަން،" އޭނާ ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން މީޑިއާގައި ވާހަކަ ދައްކާކަށް ޓީއެމްއޭއަކުން ބޭނުމެއް ނުވެ އެވެ.

މާލީ ދަތިތައް ކުރިމަތިވެފައިވާ ބްލެކްސްޓޯން އަތުން ޓީއެމްއޭ ގަންނަން އެމެރިކާގެ ބެއިން ކެޕިޓަލްއަށް 305 މިލިއަން ޑޮލަރު (4.7 ބިލިއަން ރުފިޔާ) ގެ ލޯނު ދިން ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށަށް އެއާލައިން ގެންގޮސް، ޑިރެކްޓަރުންގެ ބޯޑު ވެސް ވަނީ ބަދަލުކޮށްފަ އެވެ.

މި ފިޔަވަޅު އެޅީ ބްލެކްސްޓޯން އަތުން 2017 ގައި، ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު (7 ބިލިއަން ރުފިޔާ) އަށް ޓީއެމްއޭ ގަތް، އެމެރިކާގެ ބެއިން ކެޕިޓަލް އާއި ޗައިނާގެ ޓެންޕަސް ގްރޫޕް ކޯއަށް، ލޯނު ދެއްކޭ ގޮތް ނުވެގެންނެވެ.

ކޮވިޑް-19 އާ އެކު ރާއްޖޭގެ ޓޫރިޒަމް ވެސް ހުއްޓުމާ އެކު، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރުގެ ބޯޓުތައް ވެސް އުދުއްސާލެވޭ ގޮތެއް ނުވި އެވެ. އެހެންކަމުން ލޯނުގެ ތާވަލަށް އަމަލު ނުކުރެވި، ބޭންކްތަކުން ދޭ ތާރީހުތަކަށް ފައިސާ ދެއްކޭ ގޮތެއް ނުވި އެވެ. އެކަމަކު، އަނެއްކާ ވެސް ޓޫރިސްޓުން ރާއްޖެ އަށް އަންނަން ފެށުމުން ސީ ޕްލޭންގެ ދަތުރުތައް މިވަނީ އިތުރުވާން ފަށައިފަ އެވެ.