Roadha Mihaaru
ޝަރީއާ ދަރިވަރުންނަށް ވަކީލުކަމުގެ ހުއްދަދޭން ނިންމައިފި

މަދީނާ ޔުނިވަސިޓީން ޝަރީއާ ކިޔެވި ދަރިވަރުންނަށް ވަކާލާތުކުރުމުގެ ހުއްދަ ދޭން ނިންމައިފި

10 ޑިސެމްބަރ 2020

މަދީނާ ޔުނިވާސިޓީން އިސްލާމިކް ޝަރީއާ ކިޔެވި ދަރިވަރުންނަށް ވަކާލާތުކުރުމުގެ ހުއްދަ ދޭން ބާ ކައުންސިލުން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަދީނާ ޔުނިވާސިޓީން އިސްލާމިކް ޝަރީއާ ކިޔެވި ދަރިވަރުންނަށް ވަކާލާތުކުރުމުގެ ހުއްދަ ދޭން ބާ ކައުންސިލުން ނިންމައިފި އެވެ.

ވަކީލުން ރެގިއުލޭޓްކުރަން މިދިޔަ އަހަރު އަމަލުކުރަން ފެށި ގާނޫނުގެ ދަށުން އުފައްދާފައިވާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ވިދާޅުވީ އެ ދަރިވަރުންނަށް ވަކާލާތުކުރުމުގެ ހުއްދަ ދޭން، މި ހަފުތާގެ ކުރީކޮޅު ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

ބާ ކައުންސިލް އުފެއްދި ފަހުން އެ ކައުންސިލުން ހުއްދަ ދިން ފުރަތަމަ ބެޗު މިދިޔަ އޮކްޓޯބަރު މަހު ވަނީ ހުވާކޮށްފަ އެވެ. ނަމަވެސް ސައުދީން ކިޔެވި ތިން ދަރިވަރަކަށް އޭރު ހުއްދައެއް ނުލިބުނެވެ.

މައުމޫން ވިދާޅުވީ ކުރިން ލިބިފައި ހުރި މައުލޫމާތުތަކުން، ގާނޫނީ ޑިގްރީއެއް ކަމަށް އެނގެން ނެތް ކަމަށެވެ. އެ ދަރިވަރުން ކޯހާ ގުޅޭ އިތުރު މައުލޫމާތު ހުށަހެޅުމުން އެކަން ބަލައި، ރިވިއުކުރުމަށް ފަހު ނިންމުން ބަދަލުކުރީ ކަމަށް ވިދާޅުވި އެވެ.

"އޭރު ވެސް ދާއިމީ ނިންމުމެއް ގޮތުގައެއް ނޫން [އެކަން އޮތީ]. އެ ވަގުތަށް އޭރު އަޅުގަނޑުމެންނަށް ސަފިޝެންޓް މައުލޫމާތު ނެތީމަ، އެ ވަގުތު އެ މައުލޫމާތު ލިބިގެން އަޅުގަނޑުމެން ވަޒަންކޮށްފައި އެކަމެއް ނިންމީ އެއީ ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީއެއް ކަމަށް ބަލައިގަނެވޭ ޑިގްރީއެކޭ،" މައުމޫން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބާ އިމްތިހާން އަދިވެސް ފޯމިއުލޭޓްކުރަމުން އަންނަ ކަމަށެވެ. ހާއްސަ އުސޫލުގެ ދަށުން ހެދި ތަމްރީން ޕްރޮގްރާމްގެ އިތުރުން އެންމެ ފުރަތަމަ ގާނޫނު ވުޖޫދުވި އިރު ވެސް އޮތް އެއް އަހަރުގެ ތަމްރީން ޕްރޮގްރާމް ޕްރޮގްރާމް ފުރިހަމަކޮށްފައި ތިބި ދަރިވަރުންނަށް އިމްތިހާނަށް ޝަރުތުހަމަވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

ބާ ކައުންސިލަކީ ވަކީލުން ރެގިއުލޭޓް ކުރުމުގެ ޒިންމާ އޮންނަ ކައުންސިލެވެ. އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ހަ މެމްބަރެކެވެ. އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި، އެހެން ހުރިހާ ބޭފުޅުން ވެސް އިންތިޚާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.