Roadha Mihaaru
ބާ ކައުންސިލަށް ބަޖެޓު ނުލިބޭތީ މައުމޫންގެ ކަންބޮޑުވުން

ބާ ކައުންސިލަށް ބަޖެޓު ނުލިބޭތީ މައުމޫންގެ ކަންބޮޑުވުން

10 ސެޕްޓެމްބަރ 2019

ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް އުފެއްދި ބާ ކައުންސިލަށް މިހާތަނަށް އައިއިރު، ބަޖެޓު ލިބިފައި ނުވާތީ އެ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ރޭ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް އުފެއްދި ބާ ކައުންސިލަށް މިހާތަނަށް އައިއިރު، ބަޖެޓު ލިބިފައި ނުވާތީ އެ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ރޭ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ގާނޫނީ ފަންނުގެ ގާނޫނުގައިވާ ގޮތުން ބާ ކައުންސިލް ހިންގުމަށް ކޮންމެ އަހަރަކު ބޭނުންވާނެ ބަޖެޓު ރައްޔިތުންގެ މަޖިލިހުން ދޭން ވާނެ އެވެ. އެ ގާނޫނުގައިވާ ގޮތުން ކުރިއަށް އޮތް އަހަރަށް ބާ ކައުންސިލަށް ބޭނުންވާނެ ބަޖެޓު ހިނގަމުންދާ އަހަރުގެ އޮގަސްޓް މަސް ނިމުމުގެ ކުރިން ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅަން ވާނެ އެވެ. ބަޖެޓުގެ އިތުރުން ފައިސާ ހޯދުމުގެ ބާރާއި އެ ފައިސާ އިން ކައުންސިލް ހިންގުމަށްޓަކައި ބޭނުން ކުރެވިދާނެ ކަމަށް ވެސް ގާނޫނުގައި ވަނީ ބުނެފަ އެވެ.

ބާ ކައުންސިލަށް އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުން ހޮވައި، އެ ކައުންސިލް ހިންގަން ފެށީ ދާދި ފަހުންނެވެ.

ފޯރަމްގައި ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ފޯރަމްގައި ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ގާނޫނީ ވަކީލުންނާ އެކު، އިސްލާމިކް ޔުނިވަސިޓީގައި ރޭ ބޭއްވި ފޯރަމްގައި މައުމޫން ވިދާޅުވީ ބާ ކައުންސިލް ހިންގަން ފެށި ފަހުން މިހާތަނަށް ބަޖެޓެއް، އޮފީހެއް އަދި އިއްޔެއާ ހަމައަށް މުވައްޒަފުން ވެސް ލިބިފައި ނުވާ ކަމަށެވެ. ބާ ކައުންސިލްގެ މުވައްޒަފަކަށް މި ވަގުތު ހަމައެކަނި ހުރީ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަލަށް އައްޔަން ކުރެއްވި ޑރ. މަރިޔަމް ޖަބީން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

"އިދާރީ މުވައްޒަފެއް ނެތުމާ ގުޅިގެން އަޅުގަނޑުމެން ވަރަށް ބޮޑަށް ބަރޯސާވާން ޖެހުނު އިލެކްޝަންސް ކޮމިޝަނަށް،" އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތާއި ބާ ކައުންސިލްގެ އެގްޒެކްޓިވް މެމްބަރުންނާއި ގިނަ އަދަދެއްގެ ވަކީލުން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ބާ ކައުންސިލުން ބާއްވަން ޖެހޭ އިންތިހާބުތައް ބޭއްވުނީ އިލެކްޝަންސް ކޮމިޝަނުން ހީނުކުރާހާ ފުޅާ ދާއިރާއެއްގައި ބޮޑު ތަރުހީބަކާއި އެއްބާރުލުމާއި އެހީތެރިކަމެއް ލިބުނީމާ ކަމަށެވެ. އަދި އެ ކޮމިޝަންގެ އިދާރާގެ ތެރޭގައި ބާ ކައުންސިލްގެ ކުޑަ އޮފީހެއް ހުންނަ ކަން މައުމޫން ފާހަގަ ކުރެއްވި އެވެ. މައުމޫން ވަނީ އެކަމަށްޓަކައި އިލެކްޝަންސް ކޮމިޝަނަށް ޝުކުރު ދަންނަވައިފަ އެވެ.

އިސްލާމިކް ޔުނިވަސިޓީގައި ބޭއްވި ފޯރަމްގައި ބައެއް ވަކީލުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އިސްލާމިކް ޔުނިވަސިޓީގައި ބޭއްވި ފޯރަމްގައި ބައެއް ވަކީލުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މީގެ އިތުރުން އެގްޒެކްޓިވް ކޮމިޓީގެ މެމްބަރަކަށް މީހަކު ހޮވުމަށް ބާއްވާ އިންތިހާބު ވެސް އިލެކްޝަންސް ކޮމިޝަންގެ އެހީތެރިކަމާ އެކު ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މައުމޫން ވިދާޅުވި ގޮތުގައި ބަޖެޓު ނެތަސް، ބޭރުގެ ބައެއް ފަރާތްތަކުން އެކި ކަންކަމަށް ދަނީ އެހީތެރިވަމުންނެވެ. އަދި ބަޖެޓު ލިބުނުހާ އަވަހަކަށް ބާ ކައުންސިލްގެ ފަރާތުން އެކި ކަންކަން އިންތިޒާމު ކުރާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ބާ ކައުންސިލަށް އެންމެ ބޮޑު އެއް އެހީތެރިކަމެއް ލިބޭ އެއް ބަޔަކީ އެމެރިކާ ބާ އެސޯސިއޭޝަން ކަމަށެވެ. ދެ ފަހަރެއްގެ މަތިން އެމެރިކަން ބާ އެސޯސިއޭޝަންގެ އިސް ބޭފުޅުން ރާއްޖެ ވަޑައިގެން އެކިކަންކަމުގައި މަޝްވަރާ ކުރެއްވި ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

އިސްލާމިކް ޔުނިވަސިޓީގައި ބޭއްވި ފޯރަމްގައި ބައެއް ވަކީލުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އިސްލާމިކް ޔުނިވަސިޓީގައި ބޭއްވި ފޯރަމްގައި ބައެއް ވަކީލުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މައުމޫން ވިދާޅުވީ ވަކީލުންނަށް ދިމާވާ ދަތިތައް އޮޅުން ފިލުވަން ބޭނުންވާ ކަމަށެވެ. އަދި އެ ދަތިތައް ހައްލު ކުރަން ބާ ކައުންސިލް އޮތީ ތައްޔާރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބާ ކައުންސިލުން އެކުލަވާލަން ޖެހޭ ހުރިހާ ގަވައިދެއް އަންނަ މަހުގެ 12 ގެ ކުރިން އެކުލަވާލަން ޖެހޭ ކަން ފާހަގަ ކުރައްވައި މައުމޫން ވިދާޅުވީ އެކަމުގައި ވެސް ބޭރުގެ ބައެއް ފަރާތްތަކުން އެހީތެރިވަމުން އަންނަ ކަމަށެވެ. ގަވައިދުގައި ވަކީލުންގެ އަހުލާގީ މިންގަނޑާއި އިސްތިއުނާފްގެ ކަންކަމާއި އިސްލާހީ ފިޔަވަޅުތައް އެޅުމާއި ލައިސަންސް އާއި ރަޖިސްޓްރޭޝަން ފަދަ ކަންކަން ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެއްވެސް ވަރަކަށް ވިސްނުމެއް ނެތް އެކަނިމާއެކަނި ތިބެގެން ގަވައިދުތައް އެކުލަވާލަން،" ވަކީލުންގެ އެހީތެރިކަން ވެސް ބޭނުންވާ ކަން ފާހަގަ ކުރައްވައި މައުމޫން ވިދާޅުވި އެވެ.

ބާ ކައުންސިލްގެ ބަޖެޓް ހިމަނާފައި ވަނީ ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހު 27 ގައި ފާސްކުރި ސަޕްލިމެންޓަރީ ބަޖެޓުގަ އެވެ.