Roadha Mihaaru
ބާ ކައުންސިލްގެ އިންތިޚާބު ޖޫން މަހު ބާއްވަނީ

ބާ ކައުންސިލްގެ އިންތިޚާބު ޖޫން މަހު، ކުރިމަތިލާން ހުޅުވާލައިފި

29 އެޕްރީލް 2022

ބާ ކައުންސިލްގެ ދައުރު ހަމަވާތީ އަންނަ ޖޫން މަހު އިންތިޚާބު ބާއްވާ ނިންމައި އަދި އެ އިންތިޚާބުގައި ވާދަކުރަން ހުޅުވާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބާ ކައުންސިލްގެ ދައުރު ހަމަވާތީ އަންނަ ޖޫން މަހު އިންތިޚާބު ބާއްވާ ނިންމައި އަދި އެ އިންތިޚާބުގައި ވާދަކުރަން ހުޅުވާލައިފި އެވެ.

ގާނޫނީ ވަކީލުން ރެގިއުލޭޓްކޮށް ބެލެހެއްޓުމަށް އުފައްދައި، 2019 ވަނަ އަހަރު އިންތިޚާބުކުރި ފުރަތަމަ ބާ ކައުންސިލްގެ ރައީސާއި ނައިބު ރައީސާއި އެގްޒެކެޓިވް ކޮމެޓީގެ މެމްބަރުންގެ ދައުރު އަންނަ ޖުލައި މަހުގެ 13 ވަނަ ދުވަހަށް ހަމަވާނެ އެވެ.

ބާ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައިވަނީ އެ މަގާމުތަކުގެ އިންތިޚާބު އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ. އެހެންވެ، އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 22 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށް އެ އިއުލާނުގައިވެ އެވެ.

ބާ ކައުންސިލްގެ މަގާމުތަކުގެ ތެރެއިން އެންމެ ވާދަވެރި ރައީސްގެ މަގާމާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭނީ ގާނޫނީ ވަކީލު ކަމުގައި މަދުވެގެން 10 އަހަރުގެ ތަޖްރިބާ ހުރެގެންނެވެ. އެ ކައުންސިލްގެ މިހާރުގެ ރައީސަކީ މައުމޫން ހަމީދެވެ. އޭނާ އެ މަގާމަށް އިންތިޚާބުވީ ސުޕްރީމް ކޯޓުގެ މިހާރުގެ ފަނޑިޔާރު ހުސްނުއްސުއޫދާ ވާދަކުރެއްވުމަށްފަހު އެވެ. ނައިބު ރައީސަކީ ކުރީގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒެވެ.

އެގްޒެކެޓިވް ކޮމެޓީގެ މެމްބަރު ކަމުގެ ހަ މަގާމަށް ކުރިމަތިލެވޭނީ ވަކީލު ކަމުގެ ފަސް އަހަރުގެ ތަޖްރިބާ ހުރެގެންނެވެ. އެ ކޮމެޓީގައި ދެން ހިމެނިވަޑައިގަންނަވާ ބަންޑާރަ ނައިބަކީ އިންތިޚާބަކާ ނުލައި، މަގާމުގެ ހައިސިއްޔަތުން ހުންނަވާ ބޭފުޅެކެވެ.