Roadha Mihaaru
ވަކާލާތުކުރަން ހުއްދަ ނުދެނީ ގާނޫނީ ޑިގްރީއަށް ނުވާތީ

އިސްލާމީ ޝަރީއާ ކިޔެވި ދަރިވަރުންނަށް ވަކާލާތުކުރަން ހުއްދަ ނުދޭން ނިންމީ ގާނޫނީ ޑިގްރީއަކަށް ނުވާތީ: މައުމޫން

15 އޮކްޓޯބަރ 2020

މަދީނާ ޔުނިވާސިޓީން އިސްލާމީ ޝަރީއާ ޑިގްރީ ހަދާފައިވާ ދަރިވަރުންނަށް ވަކާލާތުކުމުގެ ހުއްދަ ނުދޭން ނިންމީ، ހުށަހެޅި ލިޔުންތަކަށް ބަލާއިރު، ގާނޫނީ ރޮނގުން ޑިގްރީއެއް ކަމަށް އެނގެން ނެތުމުން ކަމަށް، ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަދީނާ ޔުނިވާސިޓީން އިސްލާމީ ޝަރީއާ ޑިގްރީ ހަދާފައިވާ ދަރިވަރުންނަށް ވަކާލާތުކުމުގެ ހުއްދަ ނުދޭން ނިންމީ، ހުށަހެޅި ލިޔުންތަކަށް ބަލާއިރު، ގާނޫނީ ރޮނގުން ޑިގްރީއެއް ކަމަށް އެނގެން ނެތުމުން ކަމަށް، ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

ވަކީލުން ރެގިއުލޭޓް ކުރަން މިދިޔަ އަހަރު އަމަލުކުރަން ފެށި ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކައުންސިލްގެ އިމްތިހާނަށް ފަހު، ފުރަތަމަ ބެޗުގައި އަންނަ ހޮނިހިރު ދުވަހު 280 މީހަކު ވަކީލުކަމުގެ ހުވާކުރާނެ އެވެ. ނަމަވެސް ފުރަތަމަ ޑިގްރީ ނިންމުމަށް ފަހު، ވަކާލާތު ކުރުމުގެ ހުއްދަ އަށް އެދުނު ތިން ދަރިވަރަކަށް މައްސަލަތަކެއް ވަނީ ދިމާވެފަ އެވެ.

އެކަމާ ގުޅިގެން މައުމޫން "މިހާރު" އަށް ވިދާޅުވީ ސޯޝަލް މީޑިއާގައި ވާހަކަ ދައްކަނީ ބާ ކައުންސިލުން، އިސްލާމީ ޝަރީއާ ބަލައި ނުގަންނަ ކަހަލަ ގޮތަކަށް ކަމަށް ވިޔަސް ކަން ހިނގަނީ އެގޮތަކަށް ނޫން ކަމަށެވެ.

"ނުކުމެގެން އުޅޭ މައްސަލައަކީ އެ ދަރިވަރުންގެ ޑިގްރީ ބެލިއިރު ޓްރާންސްކްރިޕްޓް، ހުށަހެޅި ލިޔުންތަކަށް ބަލާއިރު ފެންނާކަށް ނެތް ގާނޫނީ ރޮނގުން ޑިގްރީއެއް ކަމަށް. އެއީ ހުރިހާ ވެސް މައްސަލައަކީ،" މައުމޫން ވިދާޅުވި އެވެ.

ވަކީލަކަށް ވުމަށް ގާނޫނުން ލާޒިމްކޮށްފައި އޮންނަ އެންމެ އަސާސީ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައި އޮތުމެވެ.

"އެހެންވީމާ އެގޮތަށް ލާޒިމްކޮށްފައި އޮތީމާ އަޅުގަނޑުމެން ބެލި ބެލުމުން، ގާނޫނީ ރޮނގުން ޑިގްރީއެއް ކަމަށް ފާހަގަކުރެވެން ނެތީމާ އެހެން އެ ބޭފުޅުންނަށް ދަންނަވާފައި އޮންނާނީ،" މައުމޫން ވިދާޅުވި އެވެ.

ސައުދީ ސަރުކާރުގެ ސްކޮލަޝިޕްގައި ކިޔެވި ދަރިވަރުންގެ ތެރެއިން މި މައްސަލަ ދިމާވެގެން އުޅެނީ ތިން ދަރިވަރަކަށެވެ. ނަމަވެސް އިތުރު ލިޔުން ހުށަހަޅަން މިހާރު ފުރުސަތު ދީ، އެ ފުރުސަތުގައި ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީއެއްކަން ހާމަކޮށްދެވިއްޖެ ނަމަ ވަކީލުކަމުގެ ހުވާކުރަން އަދި ވެސް ފުރުސަތު ލިބޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

ބާ ކައުންސިލްގެ އެ ނިންމުމާ ގުޅިގެން، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މަދީނާގެ އިސްލާމިކް ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާގެ ޝަރީއާ ޑިގްރީ ފުރިހަމަ ކުރި މީހުންނަށް ވަކާލާތުކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. އޭނާ ވަނީ އެ ނިންމުން މުރާޖައާ ކުރަން ގޮވާލައްވައިފަ އެވެ.

"މަދީނާގެ އިސްލާމިކް ޔުނިވާސިޓީގެ ޝަރީއާ ޑިގްރީއަކީ އިސްލާމިކް ލޯގެ ޑިގްރީއެއް،" ޝަހީމްގެ ޓްވީޓެއްގައި ވެ އެވެ.

ބާ ކައުންސިލަކީ ވަކީލުން ރެގިއުލޭޓް ކުރުމުގެ ޒިންމާ އޮންނަ ކައުންސިލެވެ. އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ތިއްބަވާނީ ވަކީލުން އިންތިޚާބުކުރާ ރައީސަކާއި ނައިބު ރައީސެއްގެ އިތުރުން މެމްބަރުންނާއި ބަންޑާރަ ނައިބެވެ.