Roadha Mihaaru
ބާ ކައުންސިލްގެ ސަބް ކޮމިޓީތައް އެކުލަވައިލަނީ

ބާ ކައުންސިލްގެ ސަބް ކޮމިޓީތައް އެކުލަވައިލުމުގެ މަސައްކަތަށް ވަކީލުން ހޯދަނީ

12 އޯގަސްޓް 2019

ބާ ކައުންސިލްގެ ދާއިމީ ސަބް ކޮމިޓީތައް އެކުލަވައިލުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ވޯކިން ގްރޫޕްތަކެއް އުފައްދަން ނިންމައި، އެ ގްރޫޕްތަކުގައި ހިލޭ މަސައްކަތް ކޮށްދޭނެ ވަކީލުން ހޯދަން އިއުލާންކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބާ ކައުންސިލްގެ ދާއިމީ ސަބް ކޮމިޓީތައް އެކުލަވައިލުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ވޯކިން ގްރޫޕްތަކެއް އުފައްދަން ނިންމައި، އެ ގްރޫޕްތަކުގައި ހިލޭ މަސައްކަތް ކޮށްދޭނެ ވަކީލުން ހޯދަން އިއުލާންކޮށްފި އެވެ.

ގާނޫނީ ފަންނުގެ ގާނޫނާ އެކު، ވަކީލުން ރެގިއުލޭޓް ކުރުމަށް ބާ ކައުންސިލެއް އުފެދި، އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް މެމްބަރުން ވަނީ އިންތިޚާބުކޮށްފަ އެވެ. އެގްޒެކެޓިވް ކޮމިޓީގެ އިތުރުން ދާއިމީ ސަބް ކޮމިޓީތަކުގެ ގޮތުގައި އެތިކްސް ކޮމިޓީ އާއި ލައިސެންސިން ކޮމިޓީ އާއި އިސްތިއުނާފް ކޮމިޓީގެ އިތުރުން ގާނޫނީ ތައުލީމު ކޮޮމިޓީ އަދި ލޯ ރިފޯމް އެންޑް ރިސާޗް ކޮމިޓީއެއް އޮންނަން ގާނޫނު ލާޒިމް ކުރެ އެވެ.

ބާ ކައުންސިލުން ނެރުނު އިއުލާނެއްގައި ވަނީ ސަބް ކޮމިޓީތައް އެކުލަވައިލުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށްޓަކައި ވަކީލުންގެ މައްޗަށް އެކުލެވޭ ވޯކިން ގްރޫޕްތަކެއް އުފައްދަން އެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އެގޮތުން ސަބް ކޮމިޓީތަކަށް މެމްބަރުން އައްޔަން ކުރުމާއި ވަކި ކުރުމާއި މެމްބަރުންނަށް އުޖޫރަ ދެވޭނެ ގޮތުގެ އުސޫލުތައް އެގްޒެކެޓިވް ކޮމިޓީގެ ލަފާގެ މަތިން ވޯކިން ގްރޫޕްތަކުން އެކުލަވާލަން ޖެހޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

އެ އިއުލާނުގައިވާ ގޮތުން ކޮންމެ ސަބް ކޮމިޓީއެއް އެކުލަވާލުމުގެ މަސައްކަތަކަށް ނެގޭނީ މަދުވެގެން ތިން ވަކީލުންނެވެ. އަދި އެފަދަ ވަކީލުން ނެގުމުގައި ތަޖްރިބާ އާއި ތައުލީމަށް އިސްކަން ދެވޭނެ ކަމަށާއި އެ މަސައްކަތް ހިލޭ ސާބަހަށް ކޮށްދޭން ޝައުގުވެރިވާ ވަކީލުން އެކަމަށް އެދި މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން އެދޭ ކަމަށް އެ އިއުލާނުގައިވެ އެވެ.