Roadha Mihaaru
ބާ ކައުންސިލަށް އެސްޖީއަކު ހޯދަނީ

ބާ ކައުންސިލަށް އެސްޖީއަކު ހޯދަނީ

16 އޯގަސްޓް 2024

މުސާރައިގެ ގޮތުގައި 40،000 ރުފިޔާ ދޭ ގޮތަށް ބާ ކައުންސިލަށް ސެކެޓްރީ ޖެނަރަލެއް ހޯދަން އިއުލާން ކޮށްފި އެވެ.

މުސާރައިގެ ގޮތުގައި 40،000 ރުފިޔާ ދޭ ގޮތަށް ބާ ކައުންސިލަށް ސެކެޓްރީ ޖެނަރަލެއް ހޯދަން އިއުލާން ކޮށްފި އެވެ.

ބާ ކައުންސިލުން ކުރި އިއުލާނެއްގައިވާ ގޮތުން ކައުންސިލްގެ އެސްޖީއަކު ހޯދަން މި މަހުގެ ފަސް ވަނަ ދުވަހު ކުރި އިއުލާނަށް ތަރުހީބު ލިބިފައެއް ނުވެ އެވެ. އެހެންވެ އަނެއްކާވެސް ވަނީ އެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފަ އެވެ.

އިއުލާނުގައިވާ ގޮތުން މިއީ އެއް އަހަރު ދުވަހުގެ މަގާމެކެވެ. މުސާރައިގެ ގޮތުގައި 40،500ރ. ކަނޑައަޅާފައި ވާއިރު، މަސައްކަތާއި ގުޅޭ ގޮތުން ދެވޭ އެހެނިހެން އެލަވަންސާއި ރޯދަ އެލަވަންސް އަދި ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެ ކަމަށް އިއުލާނުގައިވެ އެވެ.

މަގާމުގެ ޝަރުތުތައް:

- ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާ އެކު، ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛

- ގާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭފަދަ މައްސަލައެއް ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން؛

- ބަނގުރޫޓުވެފައިވާ މީހެއްކަމުގައި ނުވުން ނުވަތަ ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.

މަގާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ވެސް އިއުލާނުގައި ހިމަނާފައި ވާއިރު، މައިގަނޑު މަސްއޫލިއްޔަތެއް ކަމަށް ބުނެފައިވަނީ ބާ ކައުންސިލުގެ އެންމެހައި އިދާރީ މަސްއޫލިއްޔަތުތައް އުފުލައި، މަސައްކަތްތަކާ ގުޅޭގޮތުން ދުވަހުން ދުވަހަށް ހިންގަންޖެހޭ ކަންތައްތައް ހިންގުމެވެ.

އަދި ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުންތަކުގެ އިދާރީ ކަންކަން ބެލެހެއްޓުމާއި ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ނިންމާ ނިންމުންތައް ތަންފީޒު ކުރުމަކީ ވެސް އެސްޖީގެ ޒިންމާއެއް ކަމަށް އިއުލާނުގައިވެ އެވެ.