Roadha Mihaaru
ކުށް ސާބިތުވުމުން ވަކީލުކަމުގެ ހުއްދަ ހިފަހައްޓަނީ

ބައެއް ބާވަތުގެ ކުށް ސާބިތުވުމުން ވަކީލު ކަމުގެ ހުއްދަ ހިފަހައްޓަން ނިންމައިފި

03 ޖެނުއަރީ 2021

ވައްކަމާއި ފޯޖަރީ އާއި މަކަރާއި ހީލަތް ހެދުން ފަދަ ބައެއް ބާވަތުގެ ކުށް ސާބިތުވެއްޖެ ނަމަ، ވަކީލު ކަމުގެ ހުއްދަ ވަގުތީ ގޮތުން ސަސްޕެންޑްކުރާ ގޮތަށް ބާ ކައުންސިލުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވައްކަމާއި ފޯޖަރީ އާއި މަކަރާއި ހީލަތް ހެދުން ފަދަ ބައެއް ބާވަތުގެ ކުށް ސާބިތުވެއްޖެ ނަމަ، ވަކީލު ކަމުގެ ހުއްދަ ވަގުތީ ގޮތުން ސަސްޕެންޑްކުރާ ގޮތަށް ބާ ކައުންސިލުން ހަމަޖައްސައިފި އެވެ.

ވަކީލުކަމުގެ ހުއްދަ ދިނުމުގެ ގަވާއިދު އޮންނަ ގޮތުން ޖިނާއީ ބޮޑު ކުށެއް، ވޭތުވެދިޔަ ފަސް އަހަރު ސާބިތުވެފައި ނެތުމާއި ސާބިތު ދަރަންޏެއް އޮތް ނަމަ ހުކުމާ އެއްގޮތަށް ފައިސާ ދެއްކުމަކީ ވަކީލު ކަމުގެ ހުއްދަ ދިނުމުގެ ޝަރުތެކެވެ. އެކަމަކު އެއިން ޝަރުތެއް އުނިވެއްޖެ ނަމަ، އަމަލު ކުރާނެ ގޮތެއް ކުރިން އެ ގަވާއިދުގައި ނޯވެ އެވެ.

އެ ގަވާއިދަށް ބާ ކައުންސިލުން މިއަދު ގެނައި އިސްލާހުގައިވާ ގޮތުން ވަކީލުކަމުގެ ޝަރުތެއް އުނިވެއްޖެ ނަމަ، ވަކީލުކަމުގެ ހުއްދަ ހިފަހައްޓާނެ އެވެ. އަދި ވަކީލުކަމުގެ ޝަރުތެއް އުނި ނުވިޔަސް، ބައެއް ބާވަތުގެ ކުށްތައް ސާބިތުވެއްޖެ ނަމަ، ވަކީލު ކަމުގެ ހުއްދަ ހިފަހައްޓާނެ ކަމަށް އެ އިސްލާހުގައިވެ އެވެ. އެގޮތުން ވައްކަމާއި ޓެކުމާއި ޚިޔާނާތް އަދި ފޭރުމުގެ ކުށް ބަޔާންކުރާ ގާނޫނުލް އުގޫބާތުގެ 210 ވަނަ ބާބުގެ ދަށުން ކުށެއް ނުވަތަ ފޯޖަރީ އާއި މަކަރުވެރި އަމަލު ހިންގުމުގެ ކުށް ބަޔާންކުރާ 310 ވަނަަ ބާބުގެ ދަށުން ކުށެއް ސާބިތު ވިޔަސް، ވަކީލު ކަމުގެ ހުއްދަ ހިފަހައްޓާނެ ކަމަށް އެ އިސްލާހުގައިވެ އެވެ.

އެ އިސްލާހުގައިވާ ގޮތުން އެފަދަ ހާލަތްތަކުގައި ވަކީލު ކަމުގެ ހުއްދަ ހިފެހެއްޓުމަށް ފަހު އަލުން ދޫ ކުރެވޭނީ އެ މީހެއްގެ މައްޗަށް ސާބިތުވި ކުށުގެ ހުކުމް ތަންފީޒުކޮށް ނިމުމުން ނުވަތަ އެ ހުކުމެއް މަތީ ކޯޓަކުން ބާތިލް ކުރުމުންނެވެ. އެކަމަކު އެއީ ޖިނާއީ ބޮޑު ކުށެއް ނަމަ، ހުކުމް ތަންފީޒުކޮށް ނިމުނުތާ ފަސް އަހަރުވުމުން ނޫނީ ވަކީލުކަމުގެ ހުއްދަ އަލުން ދޫ ނުކުރާނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.

މީގެ އިތުރުން ސާބިތު ދަރަންޏެއް އޮތް ނަމަ، ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުންދާ ކަން ސާބިތުކޮށް ނުދެނީސް ވަކީލު ކަމުގެ ހުއްދަ އަލުން ދޫނުކުރާނެ ކަމަށް އެ އިސްލާހުގައިވެ އެވެ. އަދި ޝަރުތެއް އުނިވެގެން ހުއްދަ ހިފެހެއްޓުމަށް ފަހު އަލުން ދޫކުރެވޭނީ އެ ޝަރުތެއް ފުރިހަމަވާ ކަން ސާބިތުކޮށް ދިނުމުން ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.