Roadha Mihaaru
ޕްރޮގްރާމެއް ހެދުމުން ވަކީލުކަމުގެ ހުއްދަދޭން ފާސްކޮށްފި

ޕްރޮގްރާމެއް ހެދުމުން ވަކީލުކަމުގެ ހުއްދަ ދެވޭ ގޮތަށް ގާނޫނު އިސްލާހުުކުރަން ފާސްކޮށްފި

22 ޖުލައި 2020

ވަކީލުކަމުގެ ހުއްދަ ނުލިބި ތިބި މީހުން އެއް މަހުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ވަކީލުކަމުގެ ހުއްދަ ދޭންޖެހޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނެސް، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވަކީލުކަމުގެ ހުއްދަ ނުލިބި ތިބި މީހުން އެއް މަހުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ވަކީލުކަމުގެ ހުއްދަ ދޭންޖެހޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނެސް، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މިދިޔަ އަހަރު އަމަލު ކުރަން ފެށި ގާނޫނީ ފަންނުގެ ގާނޫނު އޮތްގޮތުން ވަކީލުކަމުގެ ހުއްދަ ދެވޭނީ ބާ ކައުންސިލުން ކަނޑައަޅާ ބާ އިމްތިހާނެއް ފުރިހަމަ ކުރުމާ އެކު، ބާ ކައުންސިލުން ކަނޑައަޅާ ތަނެއްގައި ވަކި މުއްދަތެއް ވަންދެން ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމުންނެވެ. އެކަމަކު ބާ އިމްތިހާނެއް ނުބޭއްވޭތީ ބައެއް މީހުންނަށް ވަކީލު ކަމުގެ ހުއްދަ އޮތީ ނުލިބި އެވެ. އެކަމަށް ހައްލު ގެނައުމަށް ޚާއްސަ ޕްރޮގްރާމެއް ފުރިހަމަ ކުރުމުން އެ ހުއްދަ ދެވޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ހުށަހެޅީ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ބިލަށް ބަދަލު ގެނެސް ނިންމީ، ވަކީލުކަމުގެ ހުއްދަ ނުލިބި ތިބި ފަރާތްތަކަށް އަމާޒުކޮށް އެއް މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ބާ ކައުންސިލުން ހިންގައި، އެ ޕްރޮގްރާމުން ފާސްވާ ފަރާތްތަކަށް ވަކީލުކަމުގެ ހުއްދަ ދޭންޖެހޭ ގޮތަށެވެ. އެކަމަކު އެ ފަރާތްތަކަށް ހުއްދަ ދިނަސް، ބާ އިމްތިހާނެއް ބާއްވާއިރު، އެ އިމްތިހާނުގައި ބައިވެރިވާން އެ ފަރާތްތަކަށް ލާޒިމްވާނެ ކަމަށް ވެސް އެ ބިލުގައިވެ އެވެ.

މީގެ އިތުރުން ތަމްރީން ޕްރޮގްރާމާ ބެހޭ އުސޫލުތައް ބާ ކައުންސިލުން އެކުލަވާލައި، ހަތް ދުވަސް ތެރޭގައި އެ ޕްރޮގްރާމް ފަށަން ވެސް އެ ބިލު ލާޒިމް ކުރެ އެވެ. އެ ބިލް މަޖިލީހުން މިއަދު ފާސްކުރީ 71 މެމްބަރުންގެ ވޯޓުންނެވެ.

ބާ ކައުންސިލުން ބުނެފައިވާ ގޮތުގައި ބާ އިމްތިހާން ބޭއްވުން ލަސްވަނީ ރަނގަޅު ފެންވަރުގެ ބާ އިމްތިހާނެއް ބޭއްވުމަށްޓަކައި ބޭރުގެ ބާ އެސޯސިއޭޝަންތަކުގައި އެހީ ހޯދަމުންދާތީ އެވެ.