Roadha Mihaaru
ހާއްސަ ހުއްދަ އޮތް މީހުން ބާއިމްތިހާނު ހަދާކަށް ނުޖެހޭ

ވަކީލުކަމުގެ ހާއްސަ ހުއްދަ އޮތް މީހުން ބާ އިމްތިހާނު ހަދަން ނުޖެހޭ ގޮތަށް ފާސްކޮށްފި

17 އޮކްޓޯބަރ 2022

ގާނޫނީ ވަކީލުކަމުގެ ހާއްސަ ހުއްދަ 2020 ވަނަ އަހަރު ދީފައިވާ މީހުން ބާ އިމްތިހާނު ހަދަން ނުޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގާނޫނީ ވަކީލުކަމުގެ ހާއްސަ ހުއްދަ 2020 ވަނަ އަހަރު ދީފައިވާ މީހުން ބާ އިމްތިހާނު ހަދަން ނުޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ރާއްޖޭގެ ފުރަތަމަ ބާ އިމްތިހާނު އަންނަ މަހު ބާއްވަން ތައްޔާރުވަމުން އަންނަނިކޮށް، ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް މަޖިލީހަށް ހުށަހެޅުއްވި އެ ބިލު ފާސްކުރީ 58 މެމްބަރުންގެ ތާއިދާއެކުގަ އެވެ.

އެ ގާނޫނަށް 2020 ވަނަ އަހަރު ގެނައި އިސްލާހެއްގެ ދަށުން ބާ އިމްތިހާނެއް ބޭއްވެންދެން އެހާތަނަށް ކިޔަވައި ނިމިފައި ތިބި މީހުންނަށް ހާއްސަކޮށް ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ފަހު ވަކީލުކަމުގެ ހާއްސަ ހުއްދައެއް ދިނެވެ. އެކަމަކު، އެންމެ ފުރަތަމަ ބާއްވާ ބާ އިމްތިހާނުގައި އެ މީހުން ބައިވެރިވުން މިހާރު ލާޒިމްވެ އެވެ.

އެހެންވެ، އުޝާމް ހުށަހެޅުއްވީ އެ މައްދާ އުނިކޮށް، އެ މީހުން ބާ އިމްތިހާނު ހަދަން ނުޖެހޭ ގޮތަށް ހެދުމަށެވެ.

ބާ އިމްތިހާނަށް 10،000ރ. ފީއެއް ނަގަން ނިންމާފައި ވާތީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް ބާ ކައުންސިލުން މިހާރު އެ ފީ 6،500ރ. އަށް ކުޑަކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ ބިލު ދިރާސާ ކުރީ އެ ގާނޫނަށް އިސްލާހު ގެނައުމަށް، ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ ހުށަހެޅުއްވި ބިލާ ވެސް އެކުގަ އެވެ. ވޯޓުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ ތާއިދާ އެކު އެ ބިލު ވެސް މިއަދު މަޖިލީހުން ފާސްކުރި އެވެ.

ޔޫނުސް ހުށަހެޅުއްވި ބިލުގައި އޮތީ ގާނޫނީ ވަކީލުކަމުގެ ހުއްދަ އަށް އެދޭ ފަރާތްތަކަށް އެއް އަހަރު ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް ކުރިން ގާނޫނުގައި ލާޒިމުކޮށްފައި އޮތްއޮތުން ބަދަލުކުރުމަށެވެ. އެހެން ގައުމުތަކުގައި ގާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމުގެ ކުރިން ފުރިހަމަ ކުރާ ތަމްރީނުތައް ކުރިޔަށް ގެންދާ ގޮތަށް ރިއާޔަތްކޮށް ރާއްޖެ އަށް އެންމެ އެކަށީގެންވާ ތަމްރީނުގެ ނިޒާމެއް އެކުލަވާލައި ތަންފީޒުކުރުމުގެ ބާރު ބާ ކައުންސިލަށް ދިނުމަށް އެ ބިލުގައިވެ އެވެ.

ބާ ކައުންސިލަށް ލިބޭ އާމްދަނީން އެ ކައުންސިލް ހިންގޭނެ ގޮތަށް، ބާ ކައުންސިލުގެ ހިންގުން ބައްޓަންކުރުމަށް އާމްދަނީ ހޯދޭނެ ގޮތްތަކެއް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ގާނޫނީ ވަކީލުން ދައްކާ ޗަންދާ އާއި ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާއި ހުއްދަ އާކުރުމާއި ސެޓްފިކެޓް އަލުން ހެއްދުން ފަދަ ކަންކަމުން ނެގޭ ފީ އިން ކައުންސިލަށް އާމްދަނީ ހޯދޭނެ ކަމަށް ބުންޏެވެ.

ކޮންމެ އަހަރެއް ފެށުމުގެ ކުރިން، އެ އަހަރަކު ލިބޭނެ އާމްދަނީ އާއި ކެޕިޓަލް އަދި ރިކަރަންޓް ހަރަދުތައް ވަކިން އެނގޭނެހެން ބަޖެޓް ތައްޔާރުކުރުމަށް ފަހު ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީން ފާސްކުރަން ވެސް ޖެހެ އެވެ. އަދި ކައުންސިލްގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ޖަމާކޮށް، އެ ފައިސާ ހަރަދުކުރަން ޖެހޭނީ ގާނޫނުގެ ދަށުން ހަދާ ވަކި ގަވައިދަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް ބުންޏެވެ.

އެ އިސްލާހުގައި ބާ ކައުންސިލަށް ވަކީލުންގެ ސުލޫކީ މައްސަލަ ބެލޭ ދާއިރާތައް ވެސް ފުޅާކޮށްދީފައިވެ އެވެ. އަދި އެ ކައުންސިލުގެ އަމިއްލަ އިސްނެގުމުގެ މަތިން ވެސް މައްސަލަތައް ބެލޭނެ ކަމަށް ބުންޏެވެ. ވަކީލުންނާ ގުޅޭ އެފަދަ މައްސަލައެއް ކޮންމެ މީހަކަށް ވެސް ބާ ކައުންސިލަށް ހުށަހެޅިދާނެ ކަމަށް ބުންޏެވެ.